ޚަބަރު

ކޯވިޑް-19 : އެއަރބީއެންބީގައި ކުއްޔަށްދޭ ތަންތަން ސާފުކުރުމުގައި އިތުރަށް ސަމާލުވުމަށް އެދިއްޖެ


ކޯވިޑް-19 އާއި ގުޅިގެން އެއަރ ބީއެންބީގައި ކުއްޔަށްދޭ ތަންތަން ސާފުކުރުމުގައި އިތުރަށް ސަމާލުވުމަށް އެދިއްޖެއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އެއަރ ބީންއެންބީއަކީ އާންމު ފަރާތްތަކުން ކޮޓަރި، އެޕާޓްމަންޓު އަދި ގެތައް ކުއްޔަށް ދިނުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރާ އޮންލައިން ޕްލެޓްފޯމެކެވެ. އެއަރ ބީއެންބީގައި 7 މިލިއަނަށް ވުރެ ގިނަ ތަންތަން ކުއްޔަށް ދިނުމަށް އެކި ފަރާތްތަކުން ވަނީ ރެޖިސްޓަރ ކޮށްފައެވެ.

މިތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ މިންގަނޑުތައް ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ހަރުދަނާ ކުރުމަށް އެއަރ ބީއެންބީން މިވަނީ ކުއްޔަށްދޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ. މިގޮތުން އެއަރ ބީއެންބީ މެދުވެރިކޮށް ކުއްޔަށްދޭ ތަންތަނުގައި މީހުން އުޅުމަށްފަހު ތަން ދޫކުރާތާ 24 ގަޑިއިރު ވަންދެން އެތަނުގައި އެހެން ބަޔަށް ނޫޅެވޭނެހެން މިވަނީ ޤަވާއިދު ބަދަލުކޮށްފައެވެ. މިއީ އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލްގެ އިލްތިމާސްގެ މައްޗަށް އެއަރ ބީއެންބީއިން ނިންމާފައިވާ ނިންމުމެކެވެ.

މީގެއިތުރުން އެކުންފުނިން ވަނީ ކުއްޔަށްދޭ ތަންތަން ސާފުކުރުމުގައި އަމަލުކުރަންވާ ގޮތުގެ ޤަވައިދުވެސް ބަދަލުކޮށްފައެވެ. މިގޮތުން ކުއްޔަށްދޭ ތަންތަން ސާފުކޮށް، ސެނަޓައިޒްކުރުމުގައި އިތުރަށް ސަމާލުވުމަށް ވަނީ އެއަރ ބީއެންބީއިން އެދިފައެވެ. އަދި ކުއްޔަށްދޭ ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ އިރުޝާދުވެސް އެއަރ ބީއެންބީއިން މިވަނީ އެޕްލެޓްފޯމްގައި ރެޖިސްޓަރކޮށް ތަންތަން ކުއްޔަށްދޭ ފަރާތްތަކަށް ދީފައެވެ. އަދި ތަންތަން ސާފުތާރިހު ކުރުމާއި ބެހޭ ޗެކްލިސްޓެއް އެއަރ ބީއެންބީއިން މިވަނީ ތައަރަފްކޮށްފައެވެ. އެއަރ ބީއެންބީއިން ބުނީ މިއީ ހުރިހާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް އެއަރ ބީއެންބީއިން ބުނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ލިބޭ ގެއްލުންތަށް ފޫބެއްދުމަށް އެކުންފުނީގެ އިންވެސްޓަރުން 1 ބިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާކަމަށް ބީއެންބީއިން ވަނީ މިމަހުގެ ކުރީކޮޅު ބުނެފައެވެ. މިލޯނުގެ ޒަރިއްޔާއިން އެއަރ ބީއެންބީއިން ވަނީ ގެސްޓުންގެ ކެންސަލޭޝަން ދޭ އުސޫލަށް ލުޔެއް ދީފައެވެ. އަދި މިޕްލެޓްފޯމް މެދުވެރިކޮށް ތަންތަން ކުއްޔަށްދޭ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާ ފަރާތްތަކަށް އެހީވުމަށް 250 މިލިއަން ޑޮލަރު ކަޑައަޅާފައެވެ.

އެއަރ ބީއެންބީގައި ލިސްޓްކޮށްފައިވާ ތަންތަނުގައި ހުންނަ މައްސަލަތައް އަބަދުވެސް ގެސްޓުންނަށް އެއަރ ބީއެންބީގެ މެނޭޖްމަންޓާއި ހިއްސާކުރެވޭނެއެވެ. އަދި ތަންތަން ކުއްޔަށްދޭއިރު އެކި މައްސަލަތަށް ހުންނަ ފަރާތްތަކާއި މެދު އަބަދުވެސް އެއަރ ބީއެންބީއިން ފިޔަވަޅު އަޅައެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލާއި ގުޅިގެން ފަތުރުވެރިކަމަށްވެސް މިވަނީ ބަދަލު އައިސްފައެވެ. އަދި ގިނަ ޤައުމުތަކުގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިން އައުން ވަނީ ހުއްޓުވާލާފައެވެ. މިކަމާ ގުޅިގެން ހޮޓެލް ބުކިންސް އަދި އޮކިއުޕަންސީ މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.