ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އަސްކަރީ ޚަރަދަށް އެންމެ ބޮޑު ޢަދަދެއް ހޭދަކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިޔާއާއި ޗައިނާ ހިމެނޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދުނިޔޭގެ ޤައުމުތަކުން 2019ވަނަ އަހަރުވަނީ 2 ޓްރިލިއަން އެމެރިކާ ޑޮލަރު އަސްކަރީ ޚަރަދުގެގޮތުގައި ހޭދަކޮށްފައެވެ. އެއީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 2.2 އިންސައްތައެވެ. އެޢަދަދަކީ 2018ވަނަ އަހަރާ އަޅާބަލާއިރު 3.6 އިންސައްތަ އިތުރު ޢަދަދެކެވެ. އެއީ 2010ވަނަ އަހަރުން ފެށިގެން އެއް އަހަރުތެރޭގައި އަސްކަރިއްޔާއަށް ކުރި ޚަރަދު އެންމެ ބޮޑަށް އިތުރުވި ނިސްބަތެވެ.
ސްވީޑަންގެ ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓު، ސިޕްރީން އެކުލަވާލި ދިރާސާއަކުން ދައްކާގޮތުގައި 2019ވަނަ އަހަރު އަސްކަރިއްޔާއަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެއީ 732 ބިލިއަން އެމެރިކާ ޑޮލަރެވެ. 261 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރި ޗައިނާ އޮތީ ލިސްޓުގެ ދެވަނައިގައެވެ. ޗައިނާއިން 2019ވަނަ އަހަރު ކުރި އަސްކަރީ ޚަރަދަކީ އޭގެ ކުރީ އަހަރަށްވުރެ 5،1 އިންސައްތަ ބޮޑު ޢަދަދެކެވެ. ތިންވަނައަށް އެންމެ ބޮޑު ޚަރަދެއް ކުރީ އިންޑިޔާއިންނެވެ. އެއީ 71.1 ބިލިއަން އެމެރިކާ ޑޮލަރެވެ. އެޢަދަދަކީ އެޤައުމުން 2018ވަނަ އަހަރު ޚަރަދުކުރި ޢަދަދަށްވުރެ 6،8 އިންސައްތަ ބޮޑު ޢަދަދެކެވެ.
އިންޑިޔާއަށްފަހު ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ވަނީ 65.1 ބިިލިއަން އެމެރިކާ ޑޮލަރު އަސްކަރީ ޚަރަދުގެ ގޮތުގައި ހޭދަކޮށްފައެވެ. ފަސްވަނައަށް އެންމެ ބޮޑު ޢަދަދެއް ޚަރަދުކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާއިންނެވެ. އެއީ 61،9 ބިލިއަން އެމެރިކާ ޑޮލަރެވެ. އެފަސް ޤައުމުން ޚަރަދުކުރި ޢަދަދު މުޅި ދުނުޔެއިން ޚަރަދުކުރި ޖުމްލަ ޢަދަދުގެ 60 އިންސައްތަ ޙިއްޞާކުރެއެވެ.
އެދިރާސާގައި ބުނެފައިވަނީ އިންޑިޔާއާއި ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮންނަ އަސްކަރީ ވާދަވެރިކަމަކީ އަސްކަރިއްޔާއަށް ބޮޑެތި ޢަދަދުތައް ޚަރަދުކުރާ އެއް ސަބަބުކަމުގައި ޤަބޫލުކުރެވޭކަމަށެވެ. އިންޑިޔާއިން ޚަރަދުކޮށްފައިވާ 77.1 ބިލިއަން އެމެރިކާ ޑޮލަރަކީ އެޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 2.4 އިންސައްތައެވެ. އިންޑިޔާއިން ކުރަމުންދާ އަސްކަރީ ޚަރަދުދަނީ އެއް އަހަރަކަށްވުރެ އަނެއް އަހަރު އިތުރުކުރަމުންނެވެ.