ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަޢުދީ ޢަރަބިއްޔާގައި އިޢުލާނުކޮށްފައިވާ ކާފިއުތަކަށް ލުއިދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ މައްކާގެ އިތުރުން ބަލިމަޑުކަން ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ އަވަށްތައް އަދިވެސް އޮންނާނީ 24 ގަޑިއިރަށް ފުރަބަންދުކޮށްފައިކަމަށެވެ. ނަމަވެސް އެހެން ސަރަޙައްދުތަކުގެ ކާފިއުތައް ލުއިކޮށް ހެނދުނު 9ކާއި ހަވީރު 5ކާ ދެތެރޭގައި ބޭރަށް ނުކުތުމުގެ ހުއްދަވަނީ ދީފައެވެ. އަދި އޭޕްރިލް 29ން ފެށިގެން މެއި 13ވަނަ ދުވަހާ ހަމައަށް ގަނޑުކޮށް މުދާ ވިއްކާ ފިހާރަތަކާއި ބައެއް ވިޔަފާރިތައް ހުޅުވުމުގެ ޙުއްދަވެސްވަނީ ދީފައެވެ. ނަމަވެސް ފިހާރަތައް ހުޅުވުމުގައި ޚިދުމަތް ހޯދަންދާ މީހުންގެ މެދުގައި މަދުވެގެން 10 އަކަމީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް ސަމާލުވާންޖެހެއެވެ. އަދި ވިޔަފާރި މަރުކަޒުތަކުން ކޮންމެ 24 ގަޑިއިރަކު ޖަރާސީމު ފިލުވަން ޖެހޭނެއެވެ. އެތަންތަނަށް 15 އަހަރުން ދަށުގެ ކުޑަކުދިން ދިއުން މަނާވާނެއެވެ. ނަމަވެސް ގައިދުރުކަން ބެހެއްޓުމަށް ހުރަސްއެޅޭ ޙަރަކާތްތައް ހުޅުވުމުގެ ހުއްދަ ދީފައެއްނުވެއެވެ. އޭގެ ތެރޭގައި ސެލޫނުތަކާއި ސިނަމާތައް ހިމެނެއެވެ. އަދި ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުންވެސް މަނާވާނެއެވެ. ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައިވަނީ ކަރުދާސް ނޫޓު ބޭނުންނުކުރުމަށް ނަޞޭހަތްތެރިވެފައެވެ.
މާރިޗު މަހުގެ މެދުތެރެއިން ފެށިގެން ސަޢުދީ ޢަރަބިއްޔާގައި ކުރާ ބައިނަލްއަޤްވާމީ ވައިގެ ދަތުރުތަކާއި އެތެރޭގެ އުދުހުންތައްވަނީ މެދުކަނޑާލާފައެވެ. އެނިންމުންވަނީ މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފައިކަމަށް ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިންވަނީ އިޢުލާނުކޮށްފައެވެ.
ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރު އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަޢުދީ އަރަބިއްޔާއިންވަނީ 264 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކޮށްފައެވެ. އެއްބަސްވުމުގެދަށުން ސަޢުދީ ޢަރަބިއްޔާގައި ކޯވިޑް19 ޖެހިފައިވާ މީހުން ދެނެގަތުމަށް 9 މިލިއަން ތަހުލީލުކުރާނެއެވެ. އެއްބަސްވުމުގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކުގައި 6 ލެބޯޓަރީ ޤާއިމްކޮށް، ޗައިނާއިން 500 މުވައްޒަފުން ގެންނާނެއެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ މުވައްޒަފުން ތަމްރީނުކޮށް 8 މަސް ދުވަހުގެ އޮޑިޓެއް ކުރާނެއެވެ.
ސަޢުދީ އަރަބިއްޔާގައި 18,811 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން 144 މީހުންވަނީ މަރުވެފައެވެ..