ޚަބަރު

ޖޫރިމަނާކުރި މީހުންގެ އަދަދު 800އިން މައްޗަށް، އެންމެ ގިނަމީހުން ޖޫރިމަނާކޮށްފައި ވަނީ އިިިއްޔެ


ފުރަބަންދުގެ އުސޫލުތަކާއި ޚިލާފަށް ހުއްދަނެތި މަގުމައްޗަށް ނުކުމެ އުޅުނު 191 މީހަކު އިއްޔެ ޖޫރިމަނާކޮށްފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ މީހުން ޖޫރިމަނާކުރި ދުވަހަކީ އިއްޔެ ކަމަށްވާއިރު މިހާތަނަށް 800ވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާއިއެކު ފުލުހުންވަނީ މާލޭގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށްފައެވެ. އެގޮތުން މިހާރު މަގުމައްޗަށް ނިކުމެވޭނީ ނޭޝަަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ފުލުހުން ދޫކުރާ މަގުމައްޗަށް ނިކުތުމުގެ ހުއްދަ އޮވެގެންނެވެ.

އެގޮތުން ހުއްދަ ނުނަގައި މީހުން އެއްވެސް އިންޒާރެއް ނެތި ޖޫރިމާނާކުރުމާއި، ހައްޔަރުކުރަން ފަށާފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. މިގޮތަށް ފިޔަވަޅު އެޅުމަށް ނިންމީ، އެއްވެސް ބޭނުމެއްނެތި މަގުމައްޗަށް ނިކުތުން ހުއްޓާލައި، ކޯވިޑް 19 ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތަށް ބާރުއެޅުމަށެވެ.

މިމަހުގެ 19ވަނަ ދުވަހުން ފެށިގެން މިހާތަނަށް ބަލާއިރު، ޖޫރިމަނާކުރި މީހުންނާއި ހައްޔަރުުކުރާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ހުއްދަ ނެތި މަގުމައްޗަށް ނިކުމެ އުޅެނިކޮށް އެންމެ ގިނަ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ.

އެހެން ދުވަސްތަކާއި އަޅާބަލާއިރު ދެގުނަ އިތުރަށް އިއްޔެވަނީ މީހުން ޖޫރިމަނާކޮށްފައެވެ. ފުލުހުުން ކޮންމެ ދުވަހަކު ހާމަކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ހުޅުމާލެ ވިލިމާލެ ހިމެނޭހެން އިއްޔެ އެކަނި 191މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އިއްޔެ ޖޫރިމަނާކުރި މީހުންނާއިއެކު، ޖޫރިމަނާކުރި މީހުންގެ އަދަދު މިވަނީ 819އަށް އަރާފައެެވެ. އިއްޔެ މާލެއިން ޖޫރިމަނާކުރި 161މީހުންނެވެ. ހުުޅުމާލެއިން 29މީހުން އަދި ވިލިމާލެއިން އެކަކެވެ.

ލޮކްޑައުންއާއި ޚިލާފުވެގެން އިއްޔެވަނީ މި ސަރަޙައްދުން 12 މީހުން ހައްޔަރުކޮށްފައެވެ. އެއީ މާލެއިން 11މީހުންނާއި، ހުޅުމާލެއިން އެކަކެވެ.

މިހާތަނަށް އައިިރު ލޮކްޑައުންއާއި ޚިލާފުވެގެން 61 މީހުންވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

މިހާރު ޒަރޫރީ ބޭނުންތަކުގައި ނިކުންނަ މީހުންނަށްވެސް ބޭރަށް ނިކުމެވޭނީ ފުލުހުން ދޫކުރަމުންދާ ވަގުތީ ހުއްދައެއް ނަގައިގެންނެވެ. އަދި ކާބޯތަކެތި ގަންނަން ދިނުމަށް ކޮންމެ 3 ދުވަހުން 1ދުވަހު ދަނީ، 1ގަޑިއިރުގެ ހުއްދައެއް ކޮންމެ ގޭބިސީއަކަށް ދޫކުރަމުންނެވެ.

މީގެ އިތުރުން އެކިއެކި ޚިދުމަތްތައް ދިނުމުގައި އުޅޭ މީހުންނަށްވެސް ބޭރަށް ދެވެނީ ހުއްދަ ނަގައިގެންނެވެ. މިހާތަނަށް އެންމެ ގިނަ ހުއްދަ ދޫކޮށްފައި ވަނީ ޑެލިވަރީގެ ޚިދުމަތް ދިނުމަށެވެ. ޑެލިވަރީގެ ޚިދުމަތް ދިނުމަށް 4500 މީހުންނަށް ވަނީ ހުއްދަ ދީފައެވެ.