ވިޔަފާރި

އެއަރބަސް ކުންފުނި އިނދަޖެހި މުވައްޒަފުން މަދުކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފި


ކޯވިޑް-19ގެ ސަބަބުން ލިބޭ ގެއްލުމުގެ ސަބަބުން ކުންފުނި ބަނގުރޫޓުވެ، ގިނަ އަދަދެއްގެ މުވައްޒަފުން މަދުކުރަން ޖެހޭނެކަމުގެ މަތިންދާ ބޯޓު އުފައްދާ އެއަރބަސް ކުންފުނިން ދީފިއެވެ.

އެއަރބަސް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ގުލައުމީ ފައުރީ ވަނީ ކުންފުންޏަށް އޮތް ގެއްލުން ބަޔާންކޮށް ކުންފުނީގެ 135 ހާހެއްހާ މުވައްޒަފުންނަސް ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި ބުނެފައިވަނީ ކުންފުނި މިހާރު ހިންގަމުން ދަނީ ގެއްލުމުގައި ކަމަށެވެ. އަދި ލިބޭ ގެއްލުން ކުޑަކުރުމަށް ދާދި ފަހުންވެސް ޕްރޮޑަކްޝަން ރޭޓް ތިން ގުނަ މަދުކޮށް މިކަމުން ނުކުންނަ ނަތީޖާ ގާތުން ބަލަމުން ދާކަމަށެވެ. ނަމަވެސް މިކަމުންވެސް އެންމެ އެދެވޭ ނަތީޖާއެއް ނުކުންނާނެކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މުވައްޒަފުންނަށް ފޮނުވި ސިޓީގައި އެކުންފުނީގެ ސީއީ ބުނީ ފްރާންސްގައި 3000 އެއްހާ މުވައްޒަފުން މިހާރުވެސް ވަކި ގޮތެއް އަންގަންދެން ގޭގައި މަޑުކުރުމަށް ބުނެފައިވާކަމަށެވެ. ނަމަވެސް ކުންފުންޔަށް ލިބޭ ގެއްލުން ބޮޑުކަމުން އިތުރު ފިޔަވަޅުތައް އަޅަން މަޖުބޫރުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ކުންފުނި ބަނގުރޫޓު ވާނެކަމުގެ ބިރު އެބައޮތްކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އޭވިއޭޝަން ދާއިރާ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެއަރބަސްއިން ދަނީ ކުންފުންޏަށް ލިބެމުންދާ ގެއްލުން ފޫބެއްދުމަށް ޔޫރަޕްގެ ސަރުކާރުތަކާއި ވާހަކަ ދައްކާ އެހީއަށް އެދެމުންނެވެ. އަދި ބައެއް ބޭންކުތަކުގެ އެހީގައި ލޯނާއި، ކްރެޑިޓްލައިން ނެގުމުގެ މަސައްކަތްވެސް އެއަރބަސްއިން ދަނީ ކުރަމުންނެވެ.

ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށްޓަކާ އެއަރބަސް އިން ވަނީ މިމަހުގެ ތެރޭގައި ކުދި ޖެޓް އުފެއްދުން 3 ގުނަ ދަށްކޮށް، މަހަކު އުފައްދާ ޖެޓުގެ އަދަދު 40އަށް ދަށް ކުރަން ނިންމާފައެވެ. އަދި ބޮޑެތި ޖެޓު އުފައްދާ މިންވަރުވެސް 42 އިންސައްތަ ދަށް ކުރުމަށް ވަނީ ނިންމާފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެއަރލައިންތަކާއި މަތިންދާބޯޓު ހަދާ ފަރާތްތަކުގެ ވިޔަފާރިތަކަށް ލިބޭ ގެއްލުމުން އަރައިގަތުމަށް 4 ވަރަކަށް އަހަރު ނަގާނެކަމަށެވެ.