ޚަބަރު

ކޯވިޑް-19 : މާސްކު އަޅައިގެން ކޯވިޑް-19އިން ރައްކާތެރިވާނެތަ؟


މިއަދު ދުނިޔޭގެ ކޮންމެ ޤައުމަކަށް ބަލާލިޔަސް މީހުން ބޭރަށް ގޮސް އުޅޭއިރު މާސްކް އަޅާފައިތިބުން މިވަނީ ވަރަށް އާންމުވެފައެވެ. ނަމަވެސް މާސްކު އެޅުމާބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނަނީ މާސްކު އަޅަން އެންމެ މުހިންމީ ބަލި ޖެހިފައިވާ ފަރާތްތަކާއި، އެފަދަ ފަރާތްތަކަށް ފަރުވާ ދިނުމުގައި އުޅޭ މީހުން ކަމަށެވެ. ސިއްހީ ދާއިރާގެ މާހިރުން ބުނާގޮތުގައި އަންމުން މާސްކު އަޅާނަމަ ރައްކާތެރިކޮށް މިކަން ކުރުމުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

މާސްކުގެ އެކި ވައްތަރުތައް ހުރެއެވެ. މީގެތެރެއިން ސާޖިކަލް މާސްކު، ހަޔަރ ގްރޭޑް ރެސްޕިރޭޓަަރ މާސްކް އަދި ފޮތި މާސްކް ހުރެއެވެ. މީގެން ކޮންމެ ވައްތަރެއްގެ މާސްކަކީވެސް އެކި ހާލަތަކުގައި އެކި މީހުންނަށް ހާއްސަ މާސްކުތަކެކެވެ.

ސާާރޖިކަލް މާސްކް

ސާރޖިކަލް މާސްކް އަކީ ބަލިމީހުން ބެލުމުގައި އުޅޭ ޑޮކްޓަރުންނަށް ހާއްސަ އެއްޗެކެވެ. މިމާސްކު ހުންނާނީ ދޫކޮށް، ނޫކުލައިގައެވެ. މިއި އެއަރބޯން ކޮންޓެމިނޭޝަން ނުވަތަ ކެއްސުސް، ކިނބިހިއެޅުން ނުވަތަ ވާހަކަ ދައްކާ ނޭވާ ލާއިރު ބަލިމީހާގެ ނޭފަތާއި އަނގައިން ނުކުންނަ ޖަރާސީމުން އޭނާ ކައަރީގައި ހުންނަ މީހާ ރައްކާތެރިކުރުުވުމަށް ބޭނުންކުރެވޭ އެއްޗެކެވެ. ހާއްސަކޮށް ޑޮކްޓަރުން ބަލި މީހުން ބަލާއިރު ސާރޖިކަލް މާސްކު ބޭނުންކުރެއެވެ.

ރެސްޕިރޭޓަރ މާސްކް

ޑޮކްޓަރުންގެ ތެރެއިންވެސް ބަަލިމީހާގެ ނޭވާލާ ހޮޅިއަަށް އޮކްސިޖަން ގުޅުމާއި، ބަލިމީހުންގެ ހަށިގަނޑުގެ އެތެރެ ބެލުމަށް ޓިއުބް މެދުވެރިކޮށް ކެމެރާ ލެއްވުމުގެ ޕްރޮސީޖަރތައް ހަދާ ޑޮކްޓަރުން ބޭނުންކުރަންޖެހޭނީ ރެސްޕިރޭޓަރ މާސްކްއެވެ. ރެސްޕިރޭޓަރ މާސްކުގެ ތެރޭގައިވެސް ދެ ވައްތަރެއް ހިމެނެއެވެ. އެއީ ފިލްޓަރ ކޮޅެއް ނޭފަތާއި އަނގަމައްޗަށް އިންނަ އެފްއެފްޕީ 3 މާސްކާއި އެން 95 މާސްކެވެ. މީގެ މާސްކުތައް ހުންނާނީ އާންމުކޮށް ހުދު ކުލައިގައި، ކުޑަކޮށް ގޮނިކޮށެވެ. މިއީ ޑޮކްޓަރު ނުވަތަ ސިއްހީ ފަރުވާ ދޭ މީހާގެ ނޭފަތާއި އަނގަ އެކުގައި ބޭރުން އަންނަ ވައިގެ ތެރެއިން އަންނާނެ އެއްޗަކަށް ސީލްކޮށްފައި ފިލްޓަރ ސިސްޓަމަކާއެކު އިންނަ މާސްކެކެވެ.

ފޮތި މާސްކް

ފޮތި މާސްކަކީ ވެސް އޭގެ ޒާތުގައި ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ފޮތި މާސްކުގެ ތެރެއިން އެކި ފަށަލަތަށްލާ، ފިލްޓަރ ފޮތިކޮޅު ލުމަށްފަހު ތައްޔާރު ކޮށްފައި ހުންނަ މާސްކު މިއީ އާންމުން ގިނަ ތަންތަނަށް ދާއިރު ބޭނުންކުރެވިދަނެ އެއްޗެކެވެ.

މާސްކު އަޅަންވީ ކާކު، އަދި އެއީ ކީއްވެ؟

ޑޮކްޓަރުންނާއި ސިއްހީ ފަރުވަދޭ މީހުން އަދި ފްރަންޓް ލައިންގައި އުޅޭ މީހުން މާސް އަޅަންޖެހެއެވެ. ބަަލި މީހުން ނުވަތަ ބައްޔަށް ޝައްކުވާ މީހުންވެސް މާސްކު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. ބަލިޖެހިފައިވާ މީހާ މާސްކް އަޅަން ޖެހެނީ އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށެވެ. އޭނާ ކެއްސާ، ކިނބިހި އަޅާ ވާހަކަ ދައްކާއިރު އަދި ނޭވާ ލާއިރުވެސް ވައިރަސް ވައިގެ ތެރެއިން ދޫވެ، އެހެން މީހުންނަށް ޖެހުނަ ނުދިނުމަށެވެ.

ބަލި ނުޖެހޭ މީހާ މާސްކު އަޅަންޖެހޭތަ؟

އެޅިދާނެއެވެ. މެޑިކަލް މާސްކުތައް ފިޔަވައި ދެން ހުންނަ އާދައިގެ މާސްކު ހަމަ ކޮންމެ މީހަކަވެސް އެޅިދާނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މާސްކު އެޅުމާއި، ނެގުމުގައި ކަންކުރެވޭ ގޮތަކުން މިކަމުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު ވާފަހަރު އާދެއެވެ. އެއީ ބޭނުންކުރުމުގައި އަމަލު ކުރެވޭ ގޮތަކުން ބައްޔަށް ތިމާއާއި އެހެން މީހުން ހުށަހެޅިދާނެތީއެވެ.

މާސްކުގެ ބޭރުގައި ވައިރަސް ހަރުލާފައި ހުއްޓައި ހުސްއަތުން ނަގާ މާސްކު އެއްލާލުމަށްފަހު އަތް ނުދޮވެ، އަމިއްލަ މޫނާއި، ތަންތަނުގައި އަތް ލުމުން ވައިރަސް ހަރުލައެވެ. މާސްކުގެ މޫނު މަތީގައި އަތްނުލާ، ކަންފަތުގައި އަޅުވާ ބައިގައި ހިފުމަށްފަހު މާސްކު ނަގާ ރީއްޗަށް އެއްލާލާށެވެ. އަދި އަތް ދޮންނާށެވެ. މިއީ ރައްކާތެރި ގޮތެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި ކޯވިޑް-19 ފެތުރެން ފެށި ދުވަސްވަރު މާސްކާއި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ އާލާތްތަކަށް އޮތް ޑިމާންޑު މަތިވެ، ސިއްހީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ގިނަ ޤައުމުތަކަަކަށް ދަތިތަކާ ކުރިމަތިވިއެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19 އާއި ކުރީ ސަފުގައި ކުރިމަތިލަމުން އައި ފަރާތްތަކަށް ވައިރަސްޖެހި، ބައެއް ފަރާތްތަައް މަރުވެފައިވާ ރިޕޯޓްތައްވެސް ލިބިގެން ދިޔައެވެ.

އާދައިގެ ފޮތި މާސްކު އާންމު ބޭނުން ކުރަންވީއެވެ. ހާއްސަކޮށް ބޭރަށް ދާނަމަ ރައްކާތެރި ގޮތުގައި މާސްކު ބޭނުން ކުރަންވީއެވެ. ނަމަވެސް ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅެންއޮތް އެންމެ މުހިންމު ފިޔަވަޅަކީ ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމެވެ. އަދި ގިނައިން އަތް ދޮވުމެވެ. އަދި ބަލި ހުރިހެން ހީވާނަމަ ވީހާސްވެސް ބޮޑަށް އެކަހެރިވެ، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދު އަޑުއަހާ ފަރުވާ ހޯދާށެވެ.