ޚަބަރު

ކޯވިޑް-19 : ބަލިމަޑުކަމާ ގުޅޭ ހުރިހާކަމަށް މިހާތަނަށް 560 މިލިޔަން ރުފިޔާވަނީ ޚަރަދުކުރެވިފައި - ސަރުކާރު


ކޯވިޑް-19އަށް ރާއްޖެއިން ތައްޔާރުވުމުގެ ގޮތުން ކުރި ހުރިހާކަމަކަށް މިހާތަނަށް 560 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިއަދަދަކީ ކޯވިޑް19އިން ރައްކާތެރިވުމާއި މިބަލި މިހާރު މިއޮތް ޙާލަތަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ކުރައްވާފައިވާ ހުރިހާ ޚަރަދަކަށް މިމަހުގެ 25ވަނަ ދުވަހާ ހަމައަށް ޚަރަދުވި މިންވަރުކަމަށެވެ.

މީގެތެރެއިން 84 މިލިޔަން ރުފިޔާއަކީ ޑިޒާސްޓަރ ޓްރަސްޓް ފަންޑުގެނަމުގައި އުފައްދާފައިވާ ފަންޑުގައި ރައްކާކޮށްފައިވާ ފައިސާ ކަމަށާއި، އެއީ 10 މަސްދުވަހުގެ މުއްދަތަކަށް ކާޑުގެ ބާވަތްތައް ޔަޤީންކުރުމަށް ކަނޑައަޅާފައިވާ ފައިސާކަމަށްވުމުން އެފައިސާ ބޭނުންކޮށްފައިވަނީ އެސްޓީއޯއިންކަމަށް މަބްރޫކް އަޒީޒް ވިދާޅުވިއެވެ. އަދި އެފައިސާއަކީ އެސްޓީއޯއިން ކާޑު ވިއްކުމަށްފަހު އަނބުރާ އެފަންޑަށް ޖަމާކުރާނެ ފައިސާކަމަށް އޭނާވިދާޅުވިއެވެ.

މީގެއިތުުރުން މިހާތަނަށް ޚަރަދުކުރި ފައިސާގެ ތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަނޑުން ހޭދަކުރި 11 މިލިޔަންރުފިޔާހިމެނޭކަމަށް ވިދާޅުވިއެވެ. އަދި ކޯވިޑް19އާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ، ހެލްތް މިނިސްޓްރީން އެންއޯ އޯސީގެ އޮޕަރޭޝަންތަކަށް މިހާތަނަށް 386 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެ ދެއިދާރާއިން ޚަރަދުކޮށްފައިވަނީ މެޑިކަލް އިކިއުޕްމަންޓާއި، ޕީޕީއީއާ، ޓެސްޓުކުރާ އިކިއުމަންޓާއި، ރީއޭޖެންޓް ހޯދުމާއި، ބޭސްފަރުވާއަށް ބޭނުންވާ ކޮންޒިއުމަބަލްސް ހޯދުމަށް، އެންއީއޯސީގެ ޚަރަދުތަކަށް އަދި އާރްއާރްޓީ ޓީމްތަކަށް ބޭނުންވާ ޚަރަދުތަކާއި އެންއީއޯސީގެ އޮޕަރޭޝަންތަކަށް ބޭނުންވާ ހުރިހާ ޚަރަދެއްކުރުމަށް" މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭގައި 300 އެނދުގެ މެޑިކަލް ފެސިލިޓީ ހެދުމަށް 36 މިލިޔަންރުފިޔާ ޚަރަދުކޮށްފައިވާއިރު، އެތަނުގެ ސިވިލް މަސައްކަތްތަކަށް 16.4 މިލިޔަން ރުފިޔާ، އަދި މެޑިކަލް ސާމާނު ހޯދުމަށް 19.5 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް މިހާތަނަށް 7.3 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މިތަންތަނަކީ ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ހަދާފައިވާ ތަންތަންކަން އޭނާ ފާހަގަކުރެއްވިއެެވެ.

ރާއްޖޭގެ 5 ސަރަހައްދެއްގައި އައިސީޔޫ އެންދުތަކާއި އައިސޮލޭޓްކުރުމަށް އެދުތަކެއް ހެދުމަށް މިހާތަނަށް 27 މިލިޔަންރުފިޔާ ހޭދަކޮށްފައިވާއިރު، މިހާތަނަށް ރާއްޖެއިން ޚަރަދުކުރި ފައިސާގެ ތެރޭގައި ބޭރުގައި ދިރިއުޅޭ މީހުންނަށް އެކިކަންކަމުގައި 6.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަން ސަރުކާރުން ހާމަކުރިއެެވެ.

"އެފައިސާއަކީ ރާއްޖެއިން ބޭރުގައި ހާލުގައިޖެހިފައި ތިބި މީހުންނަށައި، ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ޑޮކްޓަރުން ރާއްޖެ ގެނައުމަށާއި، މިކަހަލަ އެކި ކަންކަމަށް ފޮރިންގ މިނިސްޓްރީން ފައިސާ ހޭދަކޮށްފައިވޭ" މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ މިހާރުގެ ޙާލަތާގުޅިގެން ރާއްޖޭގެ ސިއްޙީ ދާއިރާއަށް 1.6 ބިލިޔަންރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ އެއީ މިމަސް ހިމެނޭހެން ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި ހިނގާނެކަމަށް ލަފާކުރެވޭ މިންވަރުކަމަށާ، އެއީ އަދި ހޭދަކުރެވިފައިވާ ޢަދަދެއް ނޫންކަމަށެވެ.