ޚަބަރު

ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކި 2މީހުން ހައްޔަރުކޮށް، އެކަކުގެ ބަންދަށް 7ދުވަސް ޖަހައިފި


ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ މާލޭގައި ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރުދައްކައި އަދި އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ހަައްޔަރުކޮށްފައި ވަނީ އުމުރުން 30އަހަރުގެ ދިވެހި 2 ފިރިހެނުން ކަމަށެވެ.

މިމަހުގެ 24ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާ އާއި ގުޅިގެން މި ދެމީހުން ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ކޯޓުން ދޫކޮށްލާފައި ވާކަމަށާއި، އަނެއް މީހާގެ ބަންދަން 7 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.

ކޯވިޑް ލޮކްޑައުންއާއި ގުޅިގެން ފުލުހުންވަނީ މާލޭގެ މަގުތައް ބެލެހެއްޓުން ހަރުދަނާކޮށްފައެވެ. އެގޮތުން ގަވައިދާ ޚިލާފައި މަގުމައްޗަށް ނުކުމެ އުޅެނިކޮށް މިހާތަނަށް 400އަށްވުރެ ގިނަ މީހުންވަނީ ޖޫރިމަނާކޮށް، އަދި 29މީހުންވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.