ވިޔަފާރި

ކޯވިޑް-19 : އިންޑިއާގައި ކުދި ވިޔަފާރިތައް ހުޅުވަން ހުއްދަ ދީފި


ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މުޅި ޤައުމުގައި ފުރަބަންދު އިއުލާންކޮށްފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްފަހުން އިންޑިއާގެ ކުދި ވިޔަފާރިތައް ހުޅުވަން ހުއްދަދީފިއެވެ.

އިންޑިއާގެ އިންޓީރިއާ މިނިސްޓްރީން ބުނީ ކުދި ފިހާރަތައް ހުޅުވަން ހުއްދަދިނަސް އެތަންތަނުގައި މަސައްކަތް ކުރަން ނެރެވެނީ މަދު މުވައްޒަފުން ކޮޅެއް ކަމަށެވެ. އަދި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމާއި އެހެނިހެން ފިޔަވަޅުތަށް އަޅަންޖެހޭނެކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ޝޮޕިން މޯލްތައް ހުޅުވުުމަށާއި، ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރޭ ސަހަރައްދުތަކުގެ ވިޔަފާރިތައް ހިންގުމަށް އަދިވެސް ހުއްދަ ނުދޭކަމަށެވެ.
އިންޑިއާއިން ކުދި ފިހާރަތައް ހުޅުވުމަށް ހުއްދަދީފައި މިވަނީ އިޤްތިސާދު އަލުން އާރާސްތުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ބައެއްގެ ގޮތުންނެވެ.

ރަށްފުށުގެ ހުރިހާ ކުދި ފިހާރަތަކެއް ހުޅުވުން

އާންމު ދިރިއުޅުމުގައި ކާބޯތަކެތި އަދި އެހެން ޒަރޫރީ އެއްޗެތި ގަތުމަށް އިންޑިއާގެ އެތައް މިލިއަން ގޭބީސީއެއް ކުދި ފިހާރަތަކަށް ބަރޯސާވެއެވެ.

ރަށްފުށު ސަރަހައްދުތަކުގެ މޯލްތައް ފިޔަވައި އެހެން ހުރިހާ އާންމު ފިހާރަތަކެއް ހުޅުވުމަށް ހުއްދަ ދީފައިވާއިރު، ބޮޑެތި ސިޓީތަކުގެ އާންމު ފިހާރަތައް ހުޅުވުމަށްވެސް މިވަނީ ހުއްދަދީފައެވެ. ނަމަވެސް މަރުކޭޓުތަކުގައި ހުންނަ ފިހާރަތަށް ހުޅުވާކަށް ހުއްދައެއް ނުދެއެވެ. މީގެއިތުރުން ސްކޫލްތައްވެސް އަދިވެސް ހުޅުުވުމަށް ހުއްދަ ނުދޭއިރު، އޮންލައިން ޝޮޕިން މެދުވެރިކޮށް ހަމައެކަނި ގަނެވޭނީ ޒަރޫރީ މުދަލެވެ.

ފުރަބަންދުގެ ސަބަބުން އިޤްތިސާދަށް ބޮޑު ގެއްލުމެއް

އިންޑިއާގައި އިއުލާންކުރި ފުރަބަންދުގެ ސަބަބުން ޤައުމުގެ އެތެރޭގެ އުދުންތަކާއި، ޤައުމަށް ކުރާ ބައިނަލްއަޤްވާމީ ދަތުރު ފަތުރު ވަނީ ހުއްޓާލާފައެވެ. މީގެއިތުުރުން ސްކޫލްތަކާއި، އޮފީސްތައް، މޯލްތަކާ ފިހާރަތައް އަދި ފެކްޓްރީތައްވެސް ވަނީ ބަންދުކޮށްފައެވެ.

ކުއްލިއަކަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ އިޤްތިސާދު ހުއްޓުމަކަށް އައެވެ. އަދި މިކަމާ ގުޅިގެން މަސައްކަތް ހޯދުމަށް ބޮޑެތި ސިޓީތަކަށް ގޮސް ތިބި ގިނަ ބައެއް އަނބުރާ އެމީހުން އައި ސަރަހައްދުތަކަށް ދާން ޖެހުނެވެ.

މާރޗު މަހު އިންޑިއާގެ ސަރުކާރުން ވަނީ ކޯވިޑް-19ގެ ސަބަބުން އިޖްތިމާއީ އިޤްތިސާދީ ތަދިތަކާ ކުރިމަތިލަމުންދާ ފަގީރުންނަށް އެހީވުމަށް 22 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ތައަރަފްކޮށްފައެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު އިޤްތިސާދު އިންޑިއާގެ އިޤްތިސާދު މިއަހަރު ތެރޭގައި 5 އިންސައްތަ ކުރިއަރާނެކަމަށް ކުރިން ލަފާކުރިޔަސް، ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ އިޤްތިސާދު މަޑުޖެހި ކުރިއަރާނީ 1.5 އިންސައްތަކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރެއެވެ.

ދުނިޔޭގެ ޤައުމުތަކުގެ އިޤްތިސާދުތަކަށް ކޯވިޑް-19 ގެ ސަބަބުން ދަނީ ނޭދެވޭ އަސަރެއް ކުރަމުންނެވެ. ހާއްސަކޮށް ދެކުނު އޭޝީއާގެ ޤައުމުތަކުގެ އިޤްތިސާދުތަކަށް ވޭތުވެދިޔަ 40 އަހަރު ތެރޭގައި ނުލިބޭވަރުގެ ބޮޑު ގެއްލުމެއް ކޯވިޑް-19 ގެ ސަބަބުން ކުރަމުންދާކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ބުނެފައެވެ. އަދި މިއީ މިސަރަހައްދުގެ ޤައުމުތަކުން ފަަޤީރުކަން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި ހޯދާފައިވާ ކުރިއެރުން ވަރަށް ބޮޑަށް ފަހަތަށް ޖައްސާލާނެ ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ސިފަކުރެއެވެ.