ޚަބަރު

ކޯވިޑް-19 : މަރުވި މީހުންގެ ޢަދަދު 2 ލައްކައަށްވުރެ މައްޗަށް


ކޯވިޑް19ގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 2 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ކޯވިޑްގެ ސަބަބުން 2 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2.9 މިލިއަނަށް އަރާފައެވެ. އަދި ވައިރަހުން ރަނގަޅުވެފައިވާ މީހުންގެ ޢަދަދު ވަނީ 8 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޯވިޑް ނަވާރައަށް މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން 2.9އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މިބައްޔާ ގުޅޭގޮތުން އަދިވެސް އޮތް ނުރައްކާ އެއްވެސް މިންވަރަކަށް ކުޑައެއް ނުވެއެވެ. އަދި ކުރިއަށް އޮތީ މިކަން އިތުރަށް ގޯސްވެގެން ހިނގައިދާނެ ދުވަސްތަކެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ޤައުމުތަކަށް އިންޒާރުދެއްވާފައެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ ޢަދަދު 2 ލައްކަ ތިރީސް ދެހާހަށްވުރެ މައްޗަށް އަރާފައިވާއިރު މީގެ ތެރޭގައި އެންމެ ގިނައީ އެމެރިކާއިން މަރުވި މީހުންނެވެ. މާޗް މަހުގެ ކުރީކޮޅުންފެށިގެން އެމެރިކާގައި ކޯވިޑް ނަވާރައިގެ ޙާލަތުވަނީ ގޯސްވެފައެވެ. އެޤައުމުގައި މިލިއަނަކާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ވައިރަހުގެ ސަބަބުން ފަންސާސް ތިންހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ މިބަލި ފުރަތަމަ ފެނުނު ޗައިނާއާއި އޭގެ ފަހުން ބަލީގެ ނުރައްކާ ބޮޑުވި ސްޕެއިނާއި އިޓަލީއާއި ނުބައްދަލު ޢަދަދެކެވެ.

އެމެރިކާއަށްފަހު ވައިރަހުގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ސްޕެއިންގައެވެ. އެޤައުމުގައި ދެލައްކައަށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ބާވީސް ހާސް މީހުންވަނީ މިބަލީގައި މަރުވެފައެވެ. މުޅި ދުނިޔޭގެ ސަމާލުކަން ޗައިނާއަށްފަހު އެންމެ ބޮޑަށް ހުއްޓިގެންދިޔަ ޤައުމަކީ އިޓަލީއެވެ. އެޤައުމުގައި މިހާތަނަށް އެއްލައްކަ ނުވަދިހަ ފަސްހާހަށްވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ކޯވިޑް ނަވާރަ ފެތުރެން ފެށިއިރު މިބަލީގައި މަރުވާ މީހުންގެ ނިސްބަތް ދަށްކަމަށް ބުނިނަމަވެސް މިހާރު މި ނިސްބަތްވެސް އިތުރުވަމުންދާކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. އެގޮތުން އެޓްލާންޓިކް ޤައުމެއްކަމަށްވާ މޭރީލޭންޑްގެ ޖޯންސް ހޮޕްސްކިންގ ޔުނިވަރސިޓީން ޢާއްމުކޮށްފައިވާ ދިރާސާއަކަށް ބަލާއިރު އެމެރިކާގައި މަރުވާ މީހުންގެ އިންސައްތަ އުޅެނީ 5.7 ގައެވެ. އަދި އިޓަލީގައި އުޅެނީ 13 އިންސައްތައަށްވުރެ މަތީގައެވެ. އަދި ޗައިނާގައި 5.5 އިންސައްތައިގައި މަރުވާ މީހުންގެ ނިސްބަތްހުރިކަމަށް މިދިރާސާއިން ދައްކައެވެ.

ބަލީގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ކަނޑައެޅުމުގައި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މުހިއްމު ދައުރެއް އަދާކުރާކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. އަދި މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ޓެސްޓު ކުރުން އިތުރުކުރުންކަމަށް ސައިންވެސްރިން ވިދާޅުވެއެވެ. ކޯވިޑް ނަވާރައިން ރައްކާތެރިވުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އަންނަނީ ޤައުމުތަކަށް އެހީތެރިވަމުންނެވެ. އެގޮތުން މިބައްޔަށް ޓެސްޓުކުރުމަށްވެސް އެކި ޤައުމުތަކަށް އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ.