ސްޓެލްކޯއިން އޭޕްރީލް މަހުގެ ކަރަންޓު ބިލު ހެދުމަށް، އެގެއެއްގެ މީޓަރުގެ ރީޑިންގ ފެންނަގޮތަށް ފޮޓޯ ނެގުމަށްފަހު ސްޓެލްކޯއަށް ފޮނުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.
ސްޓެލްކޯގެ މުވައްޒަފުން ގޭގެއަށް ފޮނުވައިގެން މީޓަރު ރީޑިންގ ނެގުން ހުއްޓާލުމަށް ނިންމާފައިވަނީ، ކޯވިޑް-19 ފެތުރެމުންދާތީ އާއްމު ރައްޔިތުންގެ ރައްކާތެރިކަމާއި ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ބަލައިގެންކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯގެ ޕޯޓަލް www.stelco.com.mv/smr މެދުވެރިކޮށް ފަސޭހަކަމާއިއެކު މީޓަރުގެ ފޮޓޯ ފޮނުވޭނެގޮތްވެސްވަނީ ހަމަޖައްސާފައެވެ. ފޮޓޯ ފޮނުވަންޖެހެނީ ގްރޭޓަރ މާލޭ އޭރިއާގެ ކަސްޓަމަރުން އެކަންޏެވެ.
ސްޓެލްކޯއިން ބުނީ މިގޮތަށް ޕޯޓަލަށް ފޮޓޯ ނުފޮނުވޭ ގޭގޭގެ ބިލް މިމަހު ތައްޔާރުކުރާނީ ކުރިން އެތަންތަނުގައި ކަރަންޓު ބޭނުންކުރަމުން އައި މިންވަރަށް ބަލައި އެވަރެޖް ބިލެއް ހަދައިގެންކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މީޓަރު ފޮޓޯ ނުފޮނުވޭ ގެތަކަށް މިވަގުތަށް އެވަރެޖް ބިލެއް ހެދިނަމަވެސް، ކުންފުނިން ޢަމަލުކުރާ އުސޫލަކީ ކަރަންޓު ބޭނުންކުރާ މިންވަރަށް ބިލް ކުރުން ކަމަށްވާތީ، ފޮނުވާ ބިލްގައި އަގު މަތިވެ ނޫނީ ތިރިވާނަމަ އެ ބަދަލު ފަހުން ފޮނުވާ ކަރަންޓު ބިލެއްގައި ހިމަނާނެކަމަށެވެ. މިގޮތަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެއްވެސް ގެއެއްގެ ބިލް ބޮޑުނުވާނެކަމުގެ ޔަގީންކަން ސްޓެލްކޯއިންވަނީ ދީފައެވެ.
މިއީ އޭޕްރިލް މަހުގެ ރީޑިން ކަމަށްވާތީ، ވީހާވެސް އަވަހަށް މީޓަރުގެ ފޮޓޯ ފޮނުވުމަށް ސްޓެލްކޯއިންވަނީ އިލްތިމާސްކޮށްފައެވެ.
މި ހާލަތުގައި އެންމެންގެ ރައްކާތެރިކަމަށްބަލައި ބިލް ދެއްކުމުގައި ސްޓެލްކޯގެ އެޕްލިކޭޝަނާއި ވެބްސައިޓް ބޭނުންކުރުމަށްވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އެކުންފުނިންވަނީ ގޭގެއަށް ކަރުދާސް ބިލް ނުފޮނުވާގޮތަށްވެސް ނިންމާފައެވެ. މިހާރު ބިލް ފޮނުވަމުންދަނީ ފޯނަށް އެސްއެމްއެސް ފޮނުވައިގެންނާއި، ސްޓެލްކޯ އެޕްލިކޭޝަން މެދުވެރިކޮށެވެ.
ސަރުކާރުންވަނީ އޭޕްރިލް މަހާއި މޭމަހުގެ ކަރަންޓު ބިލުން 40% ކުޑަކުރުމަށް ނިންމާފައެވެ.