ކޯވިޑް-19ގެ ސަބަބުން ގޭގައި ބަންދުވެފައި ތިބޭއިރު، ހުސްވަގުތު ވާހަކަ ކިޔަން ޝައުޤުވެރިވާ ފަރާތްތަކަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ މަޝްހޫރު ވާހަކަ ލިއުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު މިވަނީ އޭނާ ލިއުއްވާފައިވާ ވާހަކަތަށް އެފްބީ މެދުވެރިކޮށް އާންމުނަށް ހިލޭ ދީފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ބިންމާ އިބްރާހިމް ވާހީދު ވިދާޅުވީ ހުރިހާ ފޮތެއްހެން އާންމުންނަށް ހިލޭ އޮންލައިންކޮށް ކިއުމަށް ފުރުސަތު ދިނުމަށް ނިންމީ މިދަނޑިވަޅުގައި ކޮންމެސް ބަޔަކަށް މިކަމުން ހިތްހަމަޖެހުން ލިބޭނެކަމަށް އުންމީދުކޮށްކަމަށެވެ. މިފޮތްތައް ލިބޭނީ ފޭސްބުކްގެ ބިންމާ ވަހީދު ޕޭޖުންކަމަށެވެ. ކޮންމެ ދުވަހަކުވެސް އެއް ފޮތް މިގޮތުން ނެރެމުންދާކަމަށާއި ފޮތް ޑައުންލޯޑުކޮށް ތިން ގޮތެއް ހިޔާރު ކުރެވޭނެކަމަށެވެ.
މިގޮތުން ޕޯސްޓުގައި އިންނަ ލިންކް މެދުވެރިކޮށް ވެސް ފޮތްތައް ގޫގަލް ޑްރައިވަށް ޑައުންލޯޑުކޮށް ކިޔޭނެކަމަށެވެ. ދެވަނަ ގޮތަކީ އެބްފީ މެދުވެރިކޮށް ޕްރައިވެޓް މެސެޖަކުން އެދުމެވެ. އަދި ތިން ވަނަ ގޮޮތަކީ ޕޭޖުގައި އިންނަ 7777770 ނަންބަރަށް ވައިބަރ ކުރުމުން ވީވަރަކުން އެންމެނަށްވެސް އީބުކްސް ލިންކް ފޮނުވައިދެމުންދާކަމަށެވެ.
ބިންމާ އިބްރާހިމް ވަހީދު ވިދާޅުވީ ކުރިން ސޮޕްޓް ކޮޕީ ނެތް ފޮތްތަައް ނޫން ހުރިހާ ފޮތެއް އާންމުނަށް ފޯރުކޮށްދޭން ނިންމާފައިވާކަމަށެވެ. މިހާރު އައު ވާހަކައެއް ލިޔަމުންދޭތޯ ސުވާލުކޮށްލުމުން ބިންމާާ ވިދާޅުވީ މިދަނޑިވަޅުގައި އައު ފޮތެއް ނުލިޔާ ކަމަށާއި، ނަމަވެސް ނޫހަށް ލިޔެދޭކަމަށެވެ.
ބިންމާ އިބްރާހިމް ވަހީދަކީ ސްކޫލް ދައުރުއްސުރެން ވާހަކަ ލިއުމުގެ ޝައުޤުވެރިކަން އުފެދި އެކަން ކުރަމުން އަންނަ ބޭފުޅެކެވެ. ސްކޫލް ދައުރަށް ފަހު އެންމެ ފުރަތަމަ ފޮތެއް ނެރުއްވީ 1981 ވަނަ އަހަރު "ހިތް ފަސޭހަ މަންޒަރު" މިނަމުގައި ލިއުނު ފޮތެވެ. ބިންމާގެ މަޝްހޫރުވި ވާހަކަ ތަކުގެ ތެރޭގައި ފަތިސް ހަނދުވަރު، ތަމަންނާ، ގަނޑު ފެން، ދައުވަތު، ޝާހްބާޒް، ހިންތާ، އިޝްްްްްޤު، ދުންފިނި، އަހަންނަަކީ ޖިންނިއެއް ހިމެނެއެވެ. ފަތިސް ހަނދުވަރަށް ވަނީ ފިލްމެއް ހަދާ އާންމުންގެ މަޤުބޫލުކަން ވަރަށް ބޮޑަށް ލިބިފައެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށްވެސް ކިޔޭ ޒާތުގެ ހިޔާލީ އަދި ހަޤީޤީ ހާދިސާތަކުގެ މައްޗަށް ބިނާކޮށްފައިވާ އެތަށް ސަތޭކަ ފޮތެއް ބިންމާ އިބްރާހިމް ވަހީދު ވަހީ މިހާތަނަށް ލިއުއްވާފައެވެ.