ޚަބަރު

ކޯވިޑް-19 : އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ


އިތުރު 4 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 141އަށް އަރައިފިއެވެ. އެޗްޕީއޭއިން ދެންމެ ވިދާޅުވީ ބޔަށް ޕޮޒިޓިވްވި ހަތަރު މީހުންނަކީ އިންޑިއާ ދެ މީހުންނާއި ސްރީލަންކާ މީހަކާއި، ދިވެއްސެއްކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް ބައްޔަށް ޕޮޒިޓިވްވި މީހުން އިތުރުވެފައިވަނީ ބައްޔަށް ޓެސްޓްކުރެވޭ ނިސްބަތް އިތުރުކުރުމާއި ކޮންޓްރެކްޓް ޓްރޭސިން ކުރިއަށްދާތީކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީންނެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ ޢަދަދު 72އަށް އަރައެވެ.
ދިވެހިންގެ ޢަދަދު 69 އަކަށްއަރައެވެ.

ގިނަ ޢަދަދެއްގެ ބިދޭސީން ބައްޔަށް ޕޒޮޓިވްވެފައިވަނީ މިނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ބިދޭސީން ދިރިއުޅޭތަންތަނާއި ކުޑަތަންކޮޅެއްގައި ގިނަ ޢަދަދެއްގެ ބިދޭސީން ދިރިއުޅޭތަންތަނަށް އެންއީއޯސީގެ ޓިމްތައް ގޮސް ނަގާ ސާމްޕަލްތައް ޕޮޒިޓިވެފައިވާތީއެވެ.
އެންއީއޯސީން މިއަދު ވިދާޅުވީ ރާއްޖޭގައި މިބަލި މުޖުތަމަޢުއަށް ވަރަށް ބޮޑަށް ފެތުރިފައިވާކަމަށެވެ. އަދި މާލޭގައި މިވަގުތު ތިބި އެއްވެސް މީހަކު އަތޮޅުތެރެއަށް ފުރައިގެން ނުދިއުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަތޮޅުތެރެއިންވެސް މިހާރުވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައެވެ.

ރާއްޖޭގައި ޢުމުރުން އެންމެ ދުވަސްވީ މީހަކަށް މި ބަލި ޖެހިފައިވަނީ ޢުމުރުން 81 އަހަރުގެ މީހަކަށެވެ. އޭނާއަށް އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދެމުންނެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ. މިބަލިން ރަނގަޅުވެފައިވަނީ 17 މީހުންނެވެ.