ރާއްޖޭގެ
މިނިވަންކަމަށް ފަންސާސް އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އެންމެ
ރީތިކޮށް ދިއްލާ އިމާރާތުގައި ވަނަ ހޮވުމަށް އެދުމުގެ މުއްދަތު އަންނަ ބުދަ
ދުވަހުގެ މެންދަމު ބާރަޖެހުމާއި ހަމައަށް އިތުރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން
ބުނީ އެންމެ ރީތި ދިއްލުމަށް އެދުމުގެ މުއްދަތު މިއަދުގެ ނިޔަލަށް
ހުޅުވާލާފައިވިޔަސް މި މުއްދަތު އިތުރުކުރީ ގިނަ ފަރާތްތަކަކުން އެކަމަށް
އެދުމުންކަމަށެވެ. ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި
ބައިވެރިވުމަށް އެދޭ ފޯމް ހޯމް މިނިސްޓްރީން ލިބެންހުންނާނެއެވެ.
އެމިނިސްޓްރީން
ބުނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ކޮންމެ
ކެޓަގަރީއަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެކަމަށާއި ވަނަ ހޮވާނީ
އެސްއެމްއެސް މެދުވެރިކޮށް އެންމެ ގިނަ އެސްއެމްއެސް ލިބޭ ފަރާތްތަކަށް
ބަލައިގެންކަމަށެވެ. އެސްއެމްއެސް ކުރުމުގެ ފުރުސަތު ބުރާސްފަތިދުވަހު ހުޅުވާލާނެކަމަށް
ހޯމް މިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި
އެއްވަނައަށް ހޮވޭ ފަރާތަކަށް ގޯލްޑް އަންގިއަކާއެކު ތިރީސްހާސް ރުފިޔާ ދެވަނައަށް
ހޮވޭ ފަރާތަކަށް ސިލްވަރ އަންގިއަކާއެކު ފަންސަވީސް ހާސް ރުފިޔާ އަދި ތިންވަނައަށް
ހޮވޭ ފަރާތަކަށް ބްރައުންޒް އަންގިއަކާއެކު ފަނަރަހާސް ރުފިޔާ ލިބޭނެއެވެ.
މިނިވަން 50 އާ ގުޅިގެން ހުޅުވާލި
ދިއްލުމުގެ މުބާރާތުގެ ފޯރި ގަދަވެފައިވާކަން މާލޭގެ އެކި ސަރަހައްދުތަކަށް
ބަލާލުމުން ފެނެއެވެ. ސަރުކާރުގެ މުއައްސާސާތަކާއި ބައެއް އަމިއްލަ ފަރުދުންގެ
ގޭގެއިން ވެސް ބޮކި ދިއްލުމުގެ ހިތްގައިމު މަންޒަރުތައް ދަނީ ފެންނަމުންނެވެ.