ޚަބަރު

ފުރަބަންދުގެ އުސޫލުތަކާ ޚިލާފުވި 400އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށް، 29މީހުން ހައްޔަރުކޮށްފި


ފުރަބަންދުގެ އުސޫލާއި ޚިލާފުވެގެން މިހާތަނަށް 400އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށް، 29 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ތަންފީޒުކުރަމުންދާ ފުރަބަންދުގައި މިހާތަނަށް އެންމެ ގިނަ މީހުންނާއިމެދު ފިޔަވަޅުއަޅާފައިވަނީ އިއްޔެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންދަނީ ފުރަބަންދުގެ އުސޫލާއި ޚިލާފްވެގެން ޖޫރިމަނާކުރާމީހުންނާއި، ފުލުހުންގެ ބެލުމުގެދަށަށްގެންދާ މީހުންގެ ތަފްސީލް ހާމަކުރައްވަމުންނެވެ. ފުރަބަންދުގެ އުސޫލުތަކާއި ޚިލާފުވާ މީހުންނާއިމެދު އަޅާ ފިޔަވަޅުތައް މިމަހުގެ 19ވަނަ ދުވަހުން ފެށިގެން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އެއްވެސް ބޭނުމަކާއި ނުލައި މަގުމަތީގައިއުޅޭ މީހުން އެއްވެސް އިންޒާރަކާއި ނުލައި ޖޫރިމަނާ ކުރުމާއި، އަދި ހައްޔަރުކުރުންފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

މި އުސޫލުގެދަށުން އެންމެ ގިނަ މީހުންނާއިމެދު ފިޔަވަޅުއަޅާފައިވަނީ އިއްޔެއެވެ. އިއްޔެވަނީ 109މީހުން ޖޫރިމަނާކޮށް، 5 މީހުން ހައްޔަރުކޮށްފައެވެ. އާ އުސޫލުގެދަށުން، މިހާރު ބޭރަށް ނިކުމެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައަކާއެކު ނުވަތަ ނެޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ދޫކުރާ ފާސް އޮވެގެންނެވެ.

މިމަހުގެ 22ވަނަ ދުވަހުވަނީ 95 މީހުން ޖޫރިމަނާކޮށް، 15މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. މިއީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ފުލުހުންގެ ހައްޔަރުުކުރި ދުވަހެވެ.

21 ވަނަ ދުވަހު ޖޫރިމަނާކުރީ 50 މީހުންންނެވެ. އަދި އެ ދުވަހު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. 20 އޭޕްރިލްގައި 76 މީހުންވަނީ ޖޫރިމަނާކޮށްފައެވެ. އަދި ލޮކްޑައުންއާއި ޚިލާފުވެގެން އެދުވަހު 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މިމަހުގެ 19ވަނަ ދުވަހަކީ ފުލުހުން ލޮކްޑައުންގައި މަގުމަތި ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކޮށް، ބޮޑެތި ފިޔަވަޅުތައް އަޅަންފެށި ފުރަތަމަ ދުވަހެވެ. އެދުވަހުވަނީ 95 މީހުން ޖޫރިމަނާކޮށްފައެވެ. ނަމަވެސް އެދުވަހު އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެއް ނުވެއެވެ.

ބޭރަށް ނިކުތުމުގެ ހުއްދަ ހޯދަން ފުލުހުންގެ ޕޯޓަލްގައި ރެޖިސްޓަރވާންޖެހޭ:


ޖުމަލަކޮށް ބަލާނަމަ ޤަވާއިދާއި ޚިލާފަށް މަގުމަތީ އުޅެގެން 425 މީހުން މިހާތަނަށްވަނީ ޖޫރިމަނާކޮށްފައެވެ. އަދި 29 މީހުން ފުލުހުން ގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ޤަވައިދާ ޚިލާފުވެ މަގުމައްޗަށް ނިކުންނަމީހުން 1000 ރުފިޔާއަށްވުރެ މަދު ނޫން އަދަދަކުން ދަނީ ޖޫރިމަނާކުރަމުންނެވެ.

މިހާތަނަށް ޑެލިވަރީއަށް މަގުމައްޗަށް ނުކުމެ އުޅުމުގެ ހުއްދަވަނީ 4300 އަށްވުރެ ގިނަ މީހުންނަށް ދީފައެވެ. އަދި ޒަރޫރީ ބޭނުމެއްގައިވެސް ބޭރަށް ނިކުންނަ މީހެއްނަމަ ފުލުހުންގެ ޕޯޓަލްގައި ރެޖިސްޓްރީ ކުރުމަށްފަހު ނޫނީ ނުނިކުތުމަށް ފުލުހުން ވަނީ އަންގާފައެވެ.