ރިޕޯޓް

ދިވެހި 2 ބަޠަލެއްގެ އަހަރުމަތިފުޅު ދުވަސް!


ދިވެހިރާއްޖޭގައި ލިޔެވިފައިވާ މާ ދިގު ތާރީޚެއްނެތްނަމަވެސް، ރާއްޖޭގެ ތާރިޚުގައިވެސް މުހިއްމު އެތައް ޙާދިސާތަކެއް ހިނގާފައިވެއެވެ.

ވަކިން ޚާއްސަކޮށް ބޭރުގެ ބާރުތަކުން ރާއްޖޭގެ މިނިވަންކަމާއި ތޮޅި، ދިވެހިން އަޅުވެތިކުރި ޙާދިސާތަކަކީ މިއަދުގެ ޒުވާން ޖީލު އެއިން އެތައް އިބުރަތެއް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. މާތްވެގެންވާ ރަމަޟާންމަހަކީ މުސްލިމުންނަށް އެތައް ގޮތަކުން ޙާއްސަ މައްސަރަކަށްވާއިރު، އާދަކާދައިގެ ތެރެއިން ދިވެހިން ފާހަގަކުރަމުން އައި ޚާއްސަ ދުވަސްތަކެއް ރަމަޟާން މަހުގައި ވެއެވެ. މިނިވަންކަން އޭގެ ހަޤީޤީ މާނައިގައި ހޯއްދައިދީ، ދުޝްމިނުންގެ ކިބައިން މި ލޮބުވެތި ފަސްގަނޑު ދިފާޢުކޮށްދެއްވި ޤައުމީ ދެ ބަޠަލަކު އަވަހާރަވި ދުވަހާއި ގުޅިގެން ފާހަގަކުރާ އަހަރުމަތިފުޅު ދުވަހެވެ.

  • 1 ރަމަޟާން - ބޮޑުތަކުރުފާނުގެ އަހަރުމަތިފުޅު ދުވަސް:

ނަންފުޅު: އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ޣާޒީ ބަންޑާރައިން)
ކޮލީ ނަންފުޅު: ސިރީ ސަވާދިއްތަ މަހާރަދުން
ބައްޕާފުޅު: އުތީމު ޙުސެއިން ޚަޠީބު ތަކުރުފާނު
މަންމާފުޅު: އާމިނާދިއޯ
ބޭފުޅުން: އިބްރާހީމް ކަލާފާނު
ރަސްކަން ކުރެއްވީ: 981ހ - 993ހ (1573މ - 1585މ)
މުއްދަތު: 12 އަހަރު
ހަވަހާރަވީ: ހިޖުރައިން 1 ރަމަޟާން 993

އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމަކީ 1573މ ގަައި ޕޯޗުގީޒުން ނުވަތަ ފުށެތިކާލުން އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލެވެ.

މީލާދީން ފަނަރަ ސަތޭކައިގެ އަހަރުތަކުގައި ޕޯޗުގީޒުން ނުވަތަ ފުށެތިކާލުން އިންޑިޔާ ކަނޑުގެ އެތެރެވަރީގެ ޤައުމުތައް އަޅުވެތި ކުރަން ފެށުމާއެކު ދިވެހި ޚާއިނުންތަކެއްގެ މަދަދާއެކު، ދިވެހިރާއްޖެ އަޅުވެތި ކުރުމަށް ފުށެތިކާލުން ފެށި މަސައްކަތުގެ ތެރެއިން ޢަލިރަސްގެފާނުގެ ޝަހީދުވިއެވެ. އެހިސާބުން ފެށިގެން ދިވެހިރާއްޖެ އެ ފުށެތިކާލުންގެ މުށުގެ ތެރެއަށްދިޔައެވެ. އެދުވަސްވަރު ދިވެހިން ތަހައްމަލުކުރި ދަތިކަމާއި ވޭނާއި ބިރުވެރިކަމުން ފުރިގެންވާ އަނިޔާވެރިކަމުން ޤައުމު ސަލާމަތްކުރަން ކުރި ޤައުމީ ޖިހާދުގެ އިސް މޭސްތިރިއަކީ، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. ނުވަތަ އަޅުގަނޑުމެންގެ ބޮޑު ތަކުރުފާނެވެ. މި ޖިހާދުގައި ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލީ ތަކުރުފާނާއި، ޙަސަން ތަކުރުފާނު އެމަނިކުފާނާ ބައިޢަތު ހިއްޕެވިއެވެ.

ހިތްދަތިކަމާއި އަނިޔާގައި 15 އަހަރު ވޭތުވެގެންދިޔައިރު އެއްވެސް މީހަކަށް އިސްނަގަން ނުކެރުނު ނުވަތަ އެވަރުގެ ހިތްވަރެއް ނުލިބުނު ވަރުގަދަ ޒިންމާ އަމިއްލަ ކޮޑުފުޅުގައި ބޮޑުތަކުރުފާނު އެޅުއްވީ ރ.އަތޮޅު ދުވާފަރުގައި އުޅުނު ކުޑަ ކުއްޖާ، ފަހުން ދުވާފަރު ދަންޑަހެލުގެ ނަމުން މަޝުހޫރިވި ފަހުލަވާނު އުތީމަށް ގެންގޮސް އޭނާއަށް ކަންތައްތައް ދަސްކޮށްދީ ޖިހާދުގެ އެންމެ ކުރީ ސަފުގައި އެ ތިންބެއިންނާއި އެއްވަރަށް ޝާމިލްކުރުވައިގެންނެވެ.

ބޮޑުތަކުރުފާނުވަނީ ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން ތިބި ދުވަސްވަރު ބޮޑުތިލަދުންމަތީގެ އަތޮޅު ވާރަކަށް ހުރި ވިޔަޒޯރުގެ އިތުބާރާއި ގާތްކަން ހޯއްދަވާފައެވެ. މިއީ ކަމެއް ޙާޞިލްކުރުމަށް ފުރަތަމަވެސް ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ވިސްނުމާއި ޙިކުމަތުގެ އަލީގައި ކަންކަން ކުރުމުގެ މުހިއްމުކަން ހާމަވާ ކަމެކެވެ. ވިޔަޒޯރުގެ އެހީއާއެކު ކަޅުއޮށްފުއްމި ބަންނަވައި، ކަޅުއޮށްފުންމީގައި ފުރަތަމަވެސް އެތަކުރުފާނުގެ ޢާއިލާގެ ބޭފުޅުން އަވަށްޓެރި މަލިކަށް ގެންދެވިއެވެ.

އެއަށްފަހު ބޮޑު ތަކުރުފާނާއި އެހެން ފަހުލަވާނުން އުތީމުގައި އެކި ރޭވުންތައް ރާއްވަވައި ކަނދުވަލު މިސްކިތުގައި ފަތަޙައަށް އެދި ދެރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. މިއީ ބޮޑުތަކުރުފާނުގެ ރޭވުންތެރިކަމާއި، އާއިލާއަށް ދެއްވާ އަހައްމިއްޔަތުގެ އިތުރުން މާތް ﷲގެ ވާގިފުޅާއި މަދަދަށް އެދިގެން ކަންކަމަށް ކުރިމަތިލާންޖެހޭކަން ހާމަވާކަމެކެވެ. ކަޅުއޮށްފުއްމީގައި ގޯވާއިން ހަތިޔާރު ހޯދައްވައި ރާއްޖޭގެ ކަންކޮޅުތަކުގައި ޕޯޗުގީޒުން ގެންގުޅުނު ހަތިޔާރުތައް އެއްކުރައްވައި އެމީހުންގެ ބާރުކަނޑުވައިލުމަށް މަސައްކަތްކުރެއްވިއެވެ.

މިއާއެކު ކޮންމެ ރެއެއްގެ މެންދަމުގެ ވަގުތުގައި ރާއްޖޭގެ ރަށްރަށަށް އަރުއްވައި އެރަށްރަށުގައި ތިބޭ ކާފަރުންތައް ޤަތުލުކުރައްވަމުން ގެންދެވިއެވެ. އަދި އިރުއެރުމުގެ ކުރިން އޮޑިއަށް ބޭނުންވާ ސާމާނު އަރުވައިގެން ރާއްޖެ ނުފެންނަ ހިސާބަށް ވަޑައިގަންނަވައެވެ. މިހެން އުޅުއްވުމުގެ ތެރޭގައި ތަކަންދޫގައި ޢަލި ތަކުރުފާނު ޝަހީދު ކޮށްލުމާއެކު، ދެންތިއްބެވި ފަހުލަވާނުންނާއެކު އިތުރު ހިތްވަރަކާއެކު އެމަތިވެރި ޖިހާދަށް ހީވާގިކަން ގެންނަވައި ކާފަރުންނަށް އަހުވަ ދައްކަވަމުން ގެންދިއުމުގެ ނަތީޖާއަކައްވީ، ރަށްރަށުގައިތިބި ޕޯޗުގީޒުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ އިތުރަށް ފާރަވެރިވެ ތިބެން މަޖުބޫރުވުމެވެ.

މިއާއެކު މުޙައްމަދު ތަކުރުފާނުވަނީ އެތަކުރުފާނުގެ ޙިކުމަތު އަމަލީގެ ދަށުން އިންޑިއާގެ ކަންނަންނޫރަށް ވަޑައިގެން ޢަލީ ރާޖާގެ އެހީތެރިކަންވެސް ހޯއްދަވާފައެވެ. އެއައްފަހު ޢަލީ ރާޖާ ދެއްވި ގުރާބާއި ލަޝްކަރާގެން ރާއްޖެ ވަޑައިގެންނެވިއެވެ.

އޭރު ރާއްޖެއިން ނަޞާރާ ދީން ޤަބޫލު ނުކުރާ މީހުން މެރުމަށް ޕޯޗުގީޒުން ނިންމާފައިވުމުން އެމީހުންނާ ހަނގުރާމަ ކުރުމަށް ދިވެހިންގެ ބަޔަކު ފަންވަރުހުރި މީހުން ގޮވައިގެން އަތުޖެހުނު އެއްޗެއް ހޯދައި ތައްޔާރުވާން ފެއްޓެވިއެވެ. މުޙައްމަދު ތަކުރުފާނު އެމަނިކުފާނުގެ އެކުވެރިންނާއިގެން އެމީހުން ކަނޑައެޅިރޭ މާލެ އަރުއްވައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި އެމީހުންގެ ވެރިޔާ އަނދިއަނދިރިންގެ ކަރަށް ބަޑިޖައްސަވައި އޭނާގެ ނުބައިކަމުން މި ލޮބުވެތި ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވިއެވެ. އަދި ދެންވެސް ތިބިއްޔާ ތިބި ޕޯޗުގީޒުން އަވަދިކޮށް ހުސްކޮއްލެއްވިއެވެ. މިކަން ހިނގާދިޔައީ ހިޖުރައިން 1 ރަބީޢުލްއައްވަލު 981 (2 ޖުލައި 1573) ގައެވެ.

އަޅުގަނޑުމެން އެންމެން އެ ދުވަހަކަށްޓަކާ ފަޚުރުވެރިވާ ޤައުމީ ދުވަސް ނިސްބަތްވެވަޑައިގަންނަވަނީ ބޮޑުތަކުރުފާނުގެ މި މަތިވެރި ޖިހާދަށެވެ. ދިވެހީން، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުން ޢިބްރަތް ޙާޞިލްކުރަންޖެހެނީ، އެޖިހާދަކީ ފުރިހަމައަށް ރާވައިލެވި ވިސްނުންތެރިމާއި ހިތްވަރުގަދަކަމާއެކު އެންމެންގެ ދިރިއުޅުމަށާއި މުޅި ދިވެހިރާއްޖެއަށް ދެއްވި ދުވަހަކުވެސް އަގުނުކުރެވޭނެ ޤައުމީ ޚިދުމަތަކަށް ވުމުންނެވެ.

ބޮޑުތަކުރުފާނު ރާއްޖޭގެ ރަސްކަމާ ހަވާލުވެޑައިގަތުމަށް ފަހުގައި، ވެރިކަން ހިންގެވުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެންނެވިއެވެ. ފައިސާގެ ގޮތުގައި ދިގުލާރި ޖެއްސެވުމާއި، ތާނަ އަކުރުގެ ފެށުންވެސް އައީ އެމަނިކުފާނުގެ ރަސްކަމުގައިކަމަށް ބުނެވެއެވެ. މިރަދުން އަވަހާރަވީ ހިޖުރައިން 1 ރަމަޟާން 993 ގައެވެ. ފަސްދާނުލެވުނީ ގަލޮޅު ބިހުރޯޒު މިސްކިތު ޙަރިންމަ ތެރޭގައެވެ. މިހާރުވެސް އެތަކުރުފާނުގެ ޒިޔާރަތް އެމިސްކިތުގެ ގޯތިތެރޭގައި ވެއެވެ.

  • 2 ރަމަޟާން - ދޮންބަންޑާރައިންގެ އަހަރުމަތިފުޅު ދުވަސް:

ނަންފުޅު: އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ)
ކޮލީ ނަންފުޅު: ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުން
ބައްޕާފުޅު: އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނު
މަންމާފުޅު: މުލަކުއަތޮޅު މުލީ ޚާޠީބު މުޙައްމަދުގެ ކުޑަ އާމިނާފާނު
ބޭފުޅުން: މުޙައްމަދު މަނިކުފާނު (ފަހުން އައްސުލްޠާނު މުޙައްމަދު މުޢިއްޒުއްދީން)، އިބްރާހީމް މަނިކުފާނު، ޢަލީ މަނިކުފާނު (ފަހުން އައްސުލްޠާނު ޙަސަން ނޫރައްދީން)
ރަސްކަން ކުރެއްވީ: 1173ހ - 1180ހ (1759މ - 1767މ)
މުއްދަތު: 7 އަހަރު
ހަވަހާރަވީ: ހިޖުރައިން 2 ރަމަޟާން 1180 (1 ފެބްރުއަރީ 1767) ގައެވެ.

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަކީ މާލެ އަތޮޅު ހުރާ އަލްވަޒީރު ޙުސައިން ދަހަރާތަކުރުފާނުންގެ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ޙަސަން މަނިކެވެ. މަތިކޮަޅު ގުޅެނީ ހުރާ ދޮންމަރުދުރު ފަޑިއަތް ތަކުރުފާނާއެވެ. އަނބިކަނބަލުންނަކީ ފެންފުށީ ޢަލީތަކުރުފާނުންގެ އާމިނާފާނެވެ. ރާއްޖޭގައި އެންމެފަހުން ރަސްކަންކުރި ހުރާ ދަރިކޮޅުގެ ފެށުމަކީ މިރަދުންނެވެ.

ތާރީޚީގޮތުން އެނގެން އޮތް ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލި ޤައުމު ބޭރުބައެއްގެ އަތްދަށަށް ދިޔަ ކޮންމެ ހާދިސާއެއްގައިވެސް އެކަމުގެ އަޑީގައި ދިވެހި ޚާއިނުންގެ މަދުބަޔަކު ތިބެއެވެ. އެގޮތުން ހިޖުރިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރުފަހުން މަލާބާރީންގެ (ހޮޅީންގެ) އަތް ދަށަށް ރާއްޖެ ދިޔަ ހާދިސާއަށް ބަލާއިރުވެސް ޤައުމުގެ ޢިއްޒަތްތެރި ދެ ބޭފުޅަކު ވަނީ ޤައުމަށް ޚިޔާނާތްތެރިވެވަޑައިގެންފައެވެ. ހޮޅީންނާއި ދެކޮޅަށް ދޮންބަންޑާރައިން ކުރެއްވި ޖިހާދަކީވެސް ދިވެހިން ނަޞްރާއި ކާމިޔާބު ހޯދި މަތިވެރި ޖިހާދެކެވެ.

ހޮޅީން ރާއްޖޭގެ ވެރިކަމަށް ވެރިވެގަނެ، މާލޭގައި ވެރިކަން ކުރަމުން ގެންދިޔައީ ވެޔޮދޮށުގަނޑުވަރުގައެވެ. ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިނެއް (7 އޭޕްރީލް 1753) ވީ ރޭ މެންދަމު ދޮންބަންޑާރައިން ދިވެހީންގެ ހިތްވަރުގަދަ ބަޔަކު ގޮވައިގެން، ވަޑައިގެން މަލާބާރީންނަށް ކުއްލި ޙަމަލާއެއް ދެއްވައި އެމީހުން ބަލިކޮށް ލެއްވިއެވެ. މިކަމުގައި ދޮންބަންޑާރައިން ދައްކަވާފައި ވަނީ އާދަޔާ ޚިލާފު މޮޅުރޭވުންތެރި ކަމަކާއި ހިތްވަރެކެވެ. ޙިކުމަތްތެރިކަމާއި ސާބިތު ކަމެކެވެ. މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުގައި ރާއްޖެ އޮތީ ޖުމުލަ ހަތަރު މަސްދުވަހަށް ވުރެވެސް ކުޑަ މުއްދަތަކުކަމަށް  ތާރީޚީ ބައެއް ފޮތްތަކުގައިވެއެވެ.

ދޮންބަންޑާރައިންގެ ޖިހާދަށްފަހުވެސް އެމަނިކުފާނުގެ ސިޔާސީ ހަރުދަނާ މަސައްކަތް ޕުޅުތަކެއް ތާރީޚުން ފެންނަން އެބައޮތެވެ. އޭގެތެރެއިން އެ ދުވަސްވަރު، ދޭތެރެދޭތެރެއިން ރާއްޖެއާ ތޮޅެމުންދިޔަ ހޮޅީންގެ އުނދަގުލުން ރާއްޖެ ދިފާޢުކުރުމަށްޓަކައި ފަރަންސޭސި ވިލާތުގެ ސިފައިންގެ އެހީތެރިކަން ހޯއްދަވާފައިވެއެވެ. މިއީ އެ ބަންޑާރައިންގެ ހަރުދަނާ ޚާރިޖީ ސިޔާސަތު ދައްކައިދޭ ތާރީޚީ ހެއްކެކެވެ. މީގެ އިތުރުން ވެސް ދޮންބަންޑާރައިން ވަނީ އަގުހުރި ޤައުމީ ޚިދުމަތްތަކެއް ކުރައްވާފަ އެވެ. އޭގެތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤުތިޞާދީ، އަދި އަސްކަރީ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.
  
ދޮންބަންޑާރައިންނަކީ ވަރަށް އަޚުލާޤު ރަނގަޅު ހިތްޕުޅު ހެޔޮ ރައްޔިތުންނަށް ކަމޭހިއްތެވި ވެރިއެއްކަން ތާރިޚުން އެނގެން އެބައޮތެވެ. އެގޮތުން އެމަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތުމުގައި އަމަލުކުރެއްވި ގޮތް އެއީ މީގެ އެއް މިސާލެވެ. ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައިރު ރައްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީނެވެ. އެހެންނަމަވެސް ހޮޅީންވަނީ އެ ރަދުންނާއި ދައުލަތުގެ ބައެއް އިސް ބޭފުޅުން ރަހީނުންގެ ގޮތުގައި ގެންގޮސްފައެވެ. ދޮންބަންޑާރައިން ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިޤައުމު މިނިވަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ޙައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރިއެވެ. އަދި ވެރިކަން ޤަބޫލުފުޅު ކުރެއްވުމަށް ދިވެހިން އެ މަނިކުފާނުގެ ކިބައިން އެދުމުން އެކަން ގަބޫލުފުޅު ނުކުރައްވައި ޤައުމު ހިންގެވުމާ (ވަގުތީގޮތުން) ޙަވާލުވެ ހުންނެވިއެވެ.  މިއީ އެމަނިކުފާނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.        

ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ ހޮޅިން ރާއްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން  އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، މަލިކުގައި ހުންނަވައި އަވަހާރަވުމަށް ފަހުގައެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ. މިރަދުން އަވަހާރަވީ ހިޖުރައިން 2 ރަމަޟާން 1180 (1 ފެބްރުއަރީ 1767) ގައެވެ. ފަސްދާނުލެވުނީ މާލޭގެ ހުކުރު މިސްކިތު ޤަބުރުސްތާނުގައިވާ އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގައެވެ.

ރާއްޖޭގައި ފާހަގަކުރާ ހުރަވީ ދުވަސް ނިސްބަތްވެގެންވަނީ ދޮންބަންޑާރައިންނަށެވެ.