ޚަބަރު

ލޮޅުންތަކާއެކު ރާއްޖޭގެ އިޤްތިޞާދުވަނީ "ވެންޓިލޭޓަރު"ގެ އެހީއަށް ބޭނުންވެފައި - ފިނޭންސް މިނިސްޓަރ


ކޯވިޑް-19އާ ގުޅިގެން އައި ލޮޅުންތަކާއެކު ރާއްޖޭގެ އިޤްތިޞާދު "ވެންޓިލޭޓަރު"ގެ އެހީއަށް ބޭނުންވެފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އާއިގުޅިގެން ރާއްޖޭގެ އިޤްތިޞާދަށާއި މާލީ ދާއިރާއަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިޙާލަތުގައި ރާއްޖޭގެ އިޤްތިޞާދަށާއި، މާލިއްޔަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާނެކަމަށެވެ.

އެގޮތުން ރާއްޖޭގެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް އައިސްފައިވުމުން ކޯވިޑް19 ގެ ސަބަބުން އިޤްތިސާދަށް، ނިސްބަތުން އެންމެ ބޮޑު ލޮޅުމެއް އަންނާނެ އެއްޤައުމަކަށް ރާއްޖެވެގެންދާނެކަމަށް ފިނޭސްން މިނިސްޓަރ ވިދާޅުވިއެވެ. އެއާއެކު އިޤްތިސާދީ ދަތި ދަނޑިވަޅުން އަރައިގަތުމަށް ކުރެވެމުންދާ މިހުއްމު ގިނަ މަސައްކަތްތަކެއް މިނިސްޓަރު އަމީރުވަނީ ހިއްސާކުރައްވާފައެވެ. އިޤްތިޞާދީ އީނަރުކަމުން އަރައިގަތުމަށް ބޭނުންވާ އެހީއާއި ކުރަންޖެހޭ މަސައްކަތް މިނިސްޓަރ ސިފަކުރެއްވީ ވެންޓިލޭޓަރެއްގެގޮތުގައެވެ.

ފަތުރުވެރިން ޒިޔާރަތްކުރާނެ މިންވަރު މަދުވާނެކަމަށް ބެލެވޭތީ ޖުމްލަކޮށް އިޤްތިސާދުގެ އުފެއްދުންތެރިކަން ދަށަށްދާނެކަމަށް ބެލެވޭކަމަށާއި، ވަޒީފާއިން ވަކިކުރާނެ މީހުންގެ އަދަދު ނުވަތަ ވަޒީފާންތް މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ލަފާކުރެވެކަމަށް ވިދާޅުވިއެވެ. މިދަނޑިވަޅުގައި ރާއްޖޭގެ އިންފްލޭޝަނަށް އަންނާނެ ސީދާ ބަދަލުތައް ދެނެގަތުމަށް ދަތުކަން ފާހަގަކުރައްވަމުން މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އެކްސްޕޯޓުދަށްވުމާއެކު ބޭރުފައިސާ ލިބޭނެވަރު މަދުވާނެކަމަށް ވިދާޅުވެފައެވެ.

"ކޯވިޑް-19އާ ގުޅިގެން އިޤްތިސާދަށް އަންނާނެކަމަށް ބެލެވޭ ލޮޅުމާ ގުޅިގެން، ދައުލަތަށް ލިބޭނެކަމަށް ލަފާކުރި ޢާމްދަނީގެ ބޮޑުބައެއް އުނިވެގެންދާނެ. މިކަމުގެ ސަބަބުން ސަރުކާރުގެ ޑެފިސިޓް ފައިނޭންސް ނުކުރެވޭނެ މިންވަރަށް އިތުރުވެގެން ދިޔަނުދީ ހިފެހެއްޓުމަށް، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަންޖެހޭ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ދަރަނިތައް ގިނަވުމާއެކު ޚަރަދުކުރުޑަކުރުމަށް އަޅާ ފިޔަވަޅުތައް ހިއްސާކުރައްވަމުން މިނިސްޓަރ އަމީރުވަނީ މިއަހަރަށް ބަޖެޓްކޮށްފައިވާ ޕީއެސްއައިޕީގެ ތެރެއިން ނުފެށިހުރި މަޝްރޫޢުތައް ޓެންޑަރ ނުކޮށް މަޑުޖައްސާލުމާއި، ކައުންސިލްތަކަށް ހިލޭ އެހޭގެ ގޮތުގައި ދޭންކަނަޑައަޅާފައިވާ ފައިސާދޫކުރާ މިންވަރު މަޑުޖައްސާލަން ނިންމާފައިވާކަމަށެވެ.

ދައުލަތުގެ ކޭޝްފްލޯއަށް ބޮޑު ޝޮކެއް ލިބިވަފައިވާކަމަށާއި ކޭޝްފްލޯ މެނޭޖްކުރުމަށް ދައުލަތުގެ ޚަރަދު ކުޑަކުރުމާއި، ބޭރުގެ ހިލޭއެހީ ހޯދުމާއި، ބޭރުގެ ލޯނުތައް ހޯދުމުގެެ އިތުރުން އެތެރޭގެ މާލީ ބާޒާރަށް ޓީ-ބިލު ވިއްކައި މަރުކަޒީ ބޭންކު މެދުވެރިކޮށް ފައިސާ ހޯދުންފަދަ ފިޔަވަޅުތައް އަޅަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިޤްތިސާދަށްވެސް ވަނީ ބޮޑު ލޮޅުމެއް އައިސް ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި، މިއީ އާންމު ހާލަތެއް ނޫން.
މި ހާލަތުގައި އިގުތިސާދަށް ބޭނުންވާ ބޭސް ދޭން ޖެހޭ. ކޮންމެ ބޭހެއްގައިވެސް ސައިޑް އިފެކްޓްސް ހުރޭ، ސައިޑް އިފެކްޓަކާހުރެ ބޭސް ބޭނުން ނުކުރާނަމަ ލިބޭ ގެއްލުން މާ ބޮޑު" މިނިސްޓަރ ވިދާޅުވިއެވެ.

ކޭޝްފްކޯ ހަމަޖެއްސުމަށް ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ދައުލަތުގެ ޚަރަދު ކުޑަކުރުމާިއ، ދައުލަތުގެ މުސާރަތައް ކުޑަކޮށް،
އައު މުވައްޒަފުން ނުނެގުމުގެ އިތުރުން ދަތުރުފަތުރުތަކާއި މަރާމާތުތައް މަޑުޖައްސާލުން އަދި ހަރުމުދާ ހޯދުން މަޑުޖައްސާލުމުގެ އިތުރުން ޑެޓް ރިލީފް އަދި މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްކޮށް، ދައުލަތުގެ އެއްވެސް އިދާރާއަކުން 35000 ރުފިޔާ އަށް ވުރެ ބޮޑު ކޮންމެ ޚަރަދެއް ކުރަންވާނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް މިނިސްޓަރ އަމީރުވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ އިޤްތިސާދުގެ މުހިންމު ބަހާތައްކަމުގައިވާ މީހުންނާއި، ރައުސުލްމާލާއި، ހަރުމުދާ ދެމެހެއްޓުމަށް އަޅަންޖެހޭކަމަށާއި ފިޔަވަޅުތައް އެޅުމަށް ފަސްޖެހުމަކީ އިޤްތިސާދީ މުސްތަޤްބަލަށް ދެވޭނެ ގެއްލުމެއްކަމަށެވެ. މިއާއެކު އިޤްތިސާދީ އަނދަވަޅުން އަރައިގަތުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ހުރިހާ ފަރާތްތަކުންވެސް މިހާލަތުގައި ޚަރަދުކުޑަކުރުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ސިއްޙީ ބަލިމަޑުކަމުން އަރައިގެނެވޭނެނެކަމުގެ އުންމީދުއޮތް ފަދައިން އިޤްތިސާދުވެސް ކޮޅަށްޖެހޭނެކަމުގެ އޮންމީދުއެބައޮތްކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.