ޚަބަރު

ކޯވިޑް-19 : ހާލަތަށް އައި ބަދަލާއެކު ސިއްޙީ ދާއިރާއަށް 1.6 ބިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭ


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ގުޅިގެން ރާއްޖޭގެ ސިއްޙީ ދާއިރާއަށް 1.6 ބިލިޔަންރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، މާލީ ދާއިރާއަށް ކުރާނެ އަސަރުތަކުގެ އިތުރުން މިހާރު ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، މި ބަލިމަޑުމަމުން އަރައިގަތުމަށް ދައުލަތުން ބޮޑެތި ހޭދަތަކެއް މިހާރުވެސް ކުރަމުންދާކަމަށެވެ.

މިވަގުތަށް އެންމެ އިސްކަންދޭންޖެހިފައިވާ ސިއްޙީ ދާއިރާއާއި ޑިޒާސްޓަރ މެނޭޖްމަންޓުގެ ދާއިރާއަށް ދައުލަތުން ބޮޑެތި ހޭދަތަކެއް ކުރަމުންދާކަމަށާއި، އެގޮތުން ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޚިދުމަތްދޭނެ ތަންތަން ތައްޔާރުކުރުމާއި، ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ރައްކާތެރިވުމަށް ބޭނުންވާނެ ތަކެތި ހޯދައި ކާރިސާ އިންރައްކާތެރިވުމުގެ ގޮތުން އެކިފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ކާބޯތަކެއްޗާއި މުހިއްމު ޒަރޫރީ ތަކެތީގެ ސަޕްލައި ޔަޤީންކުރަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް ބަޖެޓަށް އިތުރުކޮށްދީފައިވަނީ ޢާންމު ސިއްޙަތުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ހެލްތު މިނިސްޓަރު އެދުނު މިންވަރާއި، ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކޯވިޑް-19 އާ ގުޅުން ހުރި ޚަރަދުތައްކަމަށެވެ. ނަމަވެސް ކޮމިއުނިޓީ ސްޕްރެޑަކަށް މިހާރު ގޮސްފައިވާތީ އެއަދަދު ބޮޑުތަނުން އިތުރުވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހާލަތު އިތުރަށް ގޯސްވާނަމަ ނުވަތަ ހާލަތު ދިގުދެމިގެންދާ ގޮތަކުން ޚަރަދުކުރަންޖެހޭ މިންވަރު އިތުރުވާނެ ކަމަށްބެލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެން ބަޖެޓްދީފައިވާނީ 223 މިލިޔަން ރުފިޔާ، މީގެއިތުރުން މިހާރު ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާއެކު ޚަރަދުވެސް ވަނީ ބޮޑުވެފައި. މިހާރު ކޯވިޑް19 އާގުޅިގެން އަޅުގަނޑުމެން އަންދާޒާކުރަނީ 1.6 ބިލިޔަން ރުފިޔާގެ ޚާރަދު ހިނގާނެކަމަށް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އުފައްދަވައި ސަރުކާރުންދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާއި، ވެންޓިލޭޓަރާއި އެނޫންވެސް ތަކެތި ސަރުކާރުން އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެންވެސްދަނީ ގެނައުމުގެ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީން ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.