ޚަބަރު

ކޮވިޑް-19 : އީޔޫ ޤައުމުތަކަށް 1 ޓްރިލިއަން ޔޫރޯގެ އެމަޖަންސީ ފަންޑެއް


ކޯވިޑް19އާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ޤައުމުތަކަށް އެހީވުމަށް 1 ޓްރިލިއަން ޔޫރޯގެ އެމަޖަންސީ ފަންޑެއް ޤާއިމްކުރުމަށް ޔޫރަޕްގެ އިއްތިހާދުން އެއްބަސްވެއްޖެއެވެ.

މިއެއްބަސްވުމާއި ހަމަޔަށް އާދެވުނީ ވީޑިއޯ ކޯލް މެދުވެރިކޮށް ޔޫރަޕްގެ އިއްތިހާދުގެ ހިމެނޭ 27 ޤައުމެއްގެ ވެރިން ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގެ ތެރޭގައި މިހާރު ޤާއިމްކުރެވޭ އެހެން ފަންޑުތައް މެދުވެރިކޮށް ޔޫރަޕުގައި ކުއްލި އެހީ ބޭނުންވާ ޤުއުމުތަަކަށް 540 ބިލިއަން ޔޫރޯ ޖޫން މަހުގެ 1 ވަނަ ދުވަހު ދޫކުރަން ފެށުމަށް އެއްބަސްވެފައެވެ.

އަނެއްކޮޅުން އަލަށް ޤާއިމްކުރާ އެމަޖަންސީ ފަންޑަށް 1 ޓްރިލިއަން ޔޫރޯ ހޯދާނެކަަމަށް މިބައްދަލުވުމުގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އާސަލާ ވޮން ޑޭ ލެޔެން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިފަންޑަށް ފައިސާ ހޯދާނެ ގޮތާއި މެދު އެކި ފަރާތްތަކުގެ ހިޔާލު ތަފާތެވެ. އަދި ވަކިވަކި ޤައުމުތަކަށް ދޭނެ ފައިސާގެ އަދަދާއި، ދޭނީ ހިލޭ އެހީތޯ ނުވަތަ ލޯނުތޯއާ މެދުވެސް ޤައުމުތަކުގެ މެދުގައިވަނީ ދެބަސްވެފައެވެ.

އިޓަލީ ވިލާތުގެ ބޮޑު ވަޒީރު ގުސެއްޕެ ކޮންޓެ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ސިއްހީ އެމަޖެންސީއަކީ އިޤްތިސާދީ އިޖްތިމާއި މައްސަލައެއް ކަމަށެވެ. އަނެެއްކޮޅުން މިކަން މިހާރު ސިޔާސީ މައްސަލައަކަށްވެސް ވެފައިވާކަަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ބައްދަލުވުން ނިމުނު އިރު މިކަމުގައި ކޮންމެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާކަމަށް އިޓަލީގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އިޓަލީއަކީ ޔޫރަޕްގައި ކޮވިޑް-19 އަސަަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމެވެ.

އިޓަލީ، ސްޕެއިން އަދި ފްރާންސްއިން އެދެނީ އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ޤައުމުތަކަށް ހިލޭ އެހީގެ ގޮތުގައި 1.5 ޓްރިލިއަން ޔޫރޯ ދިނުމަށެވެ. ނަމަވެސް ޖާމަނީ، ސްވިޑެން، ނެދަލޭންޑްސް އަދި އެހެން ބައެއް ޤައުމުތަކުން އެދެނީ ގެއްލުން ލިބެމުންދާ ޤައުމުތަކަށް ލޯނު އެހީ ދިނުމަށެވެ.