ޚަބަރު

ކޯވިޑް-19 : ޗައިނާިން ދޭ އެހީގެ ދެވަނަ ޝިޕްމަންޓު ފެށޭ ހަފްތާގައި ލިބޭނެ - ސަފީރު ލިޖޯންގް


އަލީ ބާބާ ގްރޫޕާއި ޗައިނާގެ ވިޔަފާރިވެރިންދޭ އެހީގެ ސަމާނު ފެށޭ ހަފްތާތެރޭ ރާއްޖެ ގެންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖާންގް ލިޖޯންގް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ސަފީރު ލިޖޯންގް ވިދާޅުވީ ކޯވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އަލީ ބާބާ ގްރޫޕާއި އެހެނިހެން ބޮޑެތި ކުންފުނިތަކުގެ އިތުރުން ގުއާންޝީ ޕްރޮވިންސުން ދޭ ޞިއްޚީ އެހީގެ ސާމާނު އަންނަ ހަފްތާތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށެވެ. މިއެހީގެ ތެރޭގައި، ޖެކް މާ ގެ އަލީ ބާބާއިންދޭ ކޯވިޑް-19 އަށް ޓެސްޓުކުރާ 10،000 ކިޓާއި، އެން ސެވެންގެ 95 މާސްކާއި ސާޖިކަލް މާސްކު ހިމެނޭ ކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން ވާވޭ ކުންފުންޏާއި، ސީސީސީސީ، ސީއެމްއީސީ، ބީޔޫސީޖީ އަދި ޑޮންގްފާންގް ކުންފުނިން ދޭ މާސްކާއި، ޕްރޮޓެކްޓިވް ސޫޓްތަކާއި، ގޮގްލްސް އާއި މެޑިކަލް ބެޑް ހިމެނޭ ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ލިޖޯންގް ވިދާޅުވީ ރާއްޖެއަށް އިތުރު ވެންޓިލޭޓަރު ހޯދައިދިނުމަށްވެސް އަލީ ބާބާ ގްރޫޕްގައި އެދިފައިވާކަމަށެވެ.

ސަފީރު ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ސީދާ ދަތުރުތައް ހުއްޓާލާފައިވާތީ، މިއެހީގެ ސާމާނުތައް ގެނައުމުގައި ލަސްވިކަމަށާއި މިހާރު އެހީގެ ސާމާނު ގެންނަނީ މިކުންފުނިތަކުން ޗާޓަރ ކޮށްފައިވާ ފްލައިިޓެއްގައި ކަމަށެވެ.

މީގެއިތުރުން ސަފީރު ޖާންގް ވިދާޅުވީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާ އޮތީ ރާއްޖެއާއި އެކު ކަމަށާއި، މިކަމުގައި ރާއްޖެއިން ބޭނުންވާ ކޮންމެ ކަމެއްގައި އެހީވުމަށް އެޤައުމުން ތައްޔާރަށް އޮތްކަމަށެވެ. އަދި ކުރިޔަށް އޮތް ތާގައި އިތުރު އެހީގެ ސާމާނު ގެންނާނެ ކަމުގެ ޔަޤީންކަންވެސް ސަފީރު ދެއްވިއެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ޗައިނާއިން ދޭ އެހީގެ ދެވަނަ ޝިޕްމަންޓެވެ.
މިދިޔަ މަހުގެ 27 ގައިވެސް ޗައިނާއިން ވަނީ ރާއްޖެއަށް އެހީގެ ޝިޕްމަންޓެއް ފޮނުވާފައެވެ.

ކޯވިޑް 19 އާ ގުޅިގެން ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށްވަނީ އެއް މިލިޔަން މަސްދަޅު މަސްދަޅު ހަދިޔާކޮށްފައެވެ.