ޚަބަރު

ކޯވިޑް-19 : އެމެރިކާގައި ވަޒީފާ ގެއްލިފައިވާ މީހުންގެ އަދަދު 26.4 މިލިއަނަށް


ކޯވިޑް-19 ފެތުރެން ފެށިފައުން އިޤްތިސާދީ ގޮތުން އައި ބަދަލުތަކާ ހުރެ އެމެރިކާގައި ވަޒީފާ ގެއްލިފައިވާ މީހުންގެ އަދަދު 26.4 މިލިއަނަށް އަރައިފިއެވެ. މިއީ އެމެރިކާގައި ވަޒީފާއަށް ދާ މީހުންގެ 15 އިންސައްތައެވެ.

އެމެރިކާގައި ވަޒީފާ ގެއްލިގެން މިދިޔަ ހަތްފާގައި އެކަނިވެސް ސަރުކާރުގެ އެހީއަށް 4.4 މިލިއަން މީހުން އެދިފައިވާކަމަށް ޚަބަރުތަށް ބުނެއެވެ. ކޯވިޑް-19 އާއި ގުޅިގެން ފަސް ހަފްތާތެރޭގައި އެމެރިކާގައި ވަަޒީފާ ގެއްލުނު މީހުންގެ އަދަދުވަނީ ގަރުނެއްތެރޭ އުފެއްދި ވަޒީފާގެ އަދަދަށްވުރެ މައްޗަށް އަރާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެމެރިކާގެ 43 އިންސައްތަ ގޭބީސީތަކަށް ވަނީ ވަޒީފާ ގެއްލުން ނުވަތަ މުސާރައާއި އުޖޫރަ ކުޑަކުރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

އެމެރިކާ ސަރުކާރުން ވަނީ ކޯވިޑް-19 ގެ ސަބަބުން އަސަރުކުރާ ފަރާތްތަކަށް އެހީވުމަށް 2 ޓްރިލިއަން ޑޮލަރުގެ ރިލީފް ފަންޑެއް ޤާއިމްކޮށްފައެވެ. މިފަންޑު މެދުވެރިކޮށް ވަޒީފާ ގެއްލޭ ފަރާތްތަކަށްވެސް އެހީތެރިވާނެއެވެ.

އެގޮތުން އޭޕްރިލް މަހުގެ 11 ގެ ނިޔަލަށް ވަޒީފާ ގެއްލިފައިވާ 16 މިލިއަން ރައްޔިތުންނަށް މިފަންޑު މެދުވެރިކޮށް ފައިސާގެ އެހީ ދީފައިވާ ކަމަށް އެމެރިކާގެ ލޭބަރ ޑިޕާޓްމަންޓުން މައުލޫމާތު ދެއެވެ.

އިޤްތިސާދު ދިރާސާ ކުރާ ފަރާތްތަކުން ބުނީ އެމެރިކާގައި މިދިޔަ ތިން ހަފްތާގައި ވަޒީފާ ގެއްލިިގެން ސަރުކާރުގެ އެހީއަށް އެދޭ މީހުންގެ އަދަދު މަޑުމަޑުން ދަށްވަމުން ދާކަމަށެވެ. އެހެން ކަމުން ކުރިޔަށް އޮތްތާގައި ވަޒީފާ ގެއްލޭ މީހުންގެ އަދަދު މަދުވެ، ހާލަތު ރަނގަޅު ވާން ފަށާނޭކަމަށް ބެލެވޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ އިޤްތިސާދު އަލުން ހުޅުވޭނީ ކޮންއިރަކުތޯ އެމެރިކާގެ އިޤްތިސާދު ދިރާސާ ކުރާފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ބުނާ ގޮތުގައި އެމެރިކާގެ އިޤްތިސާދު މިއަހަރު ތެރޭގައި 5.9 އިންސައްތަ މަޑުޖެހޭނެއެވެ.

އަނެއްކޮޅުން ރައްޔިތުންނަށް އެހީވުމަށް ކަޑައެޅި 2 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ދިނުމަށް ކަޑައެޅި 349 ބިލިއަން ޑޮލަރު އެކި ވިޔަފާރިތަކަށް އެހީފޯރުކޮށްދީ ހުސްވެފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މަައުލޫމާތު ދެއެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ދަނީ އެހީ ނުލިބި ތިބި ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 310 ބިލިއަން ޑޮލަރު ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ފަންޑިންގެ ތެރެއިން ފޯރުކޮށްދޭނީ ލޯކޮސްޓް-ލޯން ތަކަށް ކަމަށް މަޢުލޫމާތުލިބެއެވެ. މިލޯން ލިބޭ ފަރާތްތަކުން ވަކި ޝަރުތުތަކެއް ހަމަވާނަމަ ލޯން އަނބުރާ ދައްކާކަށް ނުޖެހެއެވެ.

ނަމަވެސް އެމެރިކާގައި މިފަންޑު ބޭނުންކޮށް އެހީތެރިވެފައިވަނީ ކުދި ވިޔަފާރިތަކަށްވުރެ ބޮޑަށް ބޮޑެތި ކުންފުނިތަކަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި ރިލީފް ފަންޑުން ލޯނު ގިނައިން ދެނީ ބޭންކުތަކާއި ގުޅުން އޮންނަ ފަރާތްތަކަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. މިކަމަށް ރައްދުދެމުން އެމެރިކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ބޮޑެތި ކުންފުނިތަކަށް މިލޯނުތައް ދިނަސް މިފައިސާ އެމީހުންވެސް ބޭނުންކުރަން ޝަރުތުކޮށްފައިވާނީ މުވައްޒަފުންގެ މުސާރަ ފަދަ ކަންކަން ބެލެހެއްޓުމަށްކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެެ އިޤްތިސާދުތަކަަށް އަންނަމުންދާ ލޮޅުމަކީ 1930 ވަނަ އަހަރުގެ ބޮޑު ތަދަށް ފަހު ދުނިޔޭގެ އިޤްތިސާދަށް މިހާ ބޮޑު އަސަރެއް ކުރިވި ކާރިސާގެ ގޮތުގައި އިކޮނޮމިސްޓުން ދަނީ ސިފަކުރަމުންނެވެ.