ވިޔަފާރި

"އީސްޓޯރ.އެމްވީ"ގެ ޚިދުމަތް އަލުން ފަށަނީ


އެސްޓީއޯއިން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުންދާ "އީސްޓޯރ.އެމްވީ"ގެ ޚިދުމަތް މެދުކަނޑާލުމަށްފަހު މާދަމާ (24 އޭޕްރީން) ހެނދުނު އަލުން ފަށާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

"އީސްޓޯރ.އެމްވީ"އަށް ޑިމާންޑު ބޮޑުވެ، ގިނަ ފަރާތްތަކުން ވަނީ އީސްޓޯރއިން ތަކެތި ގަނެފައެވެ. ތަކެތި ގަނެފައިވާ ހުރިހާ ފަރާތަކަށް މިހާރު މުދާ ޑެލިވަރކޮށްދެވިފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އީސްޓޯރ.އެމްވީއިން ވަނީ މީގެ ދެތިން ދުވަސްދުވަސްކުރިން އިތުރަށް އޯޑަރުތައް ނެގުން މެދުކަނޑާލާފައެވެ. އެހެންނަމަވެސް އެސްޓީއޯއިން މިރޭ ބުނެފައިވަނީ މާދަމާ ހެނދުނު 9:00ގައި އަލުން އޯޑަރުތައް ނަގަން ފަށާނެ ކަމަށެވެ.

300 އޯޑަރު ނެގުމަށް ހަމަޖެހިފައިވާއިރު، ކޮންމެ މީހަކަށް އެންމެ ގިނަވެގެން ނެގޭނީ 70 އައިޓަމް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އަދި ހުޅުވާއިރު، އިތުރު ބާވަތްތައްވެސް ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

"އީސްޓޯރ.އެމްވީ" ގެ ޚިދުމަތަކީ އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން" އީސްޓޯރ.އެމްވީ" އަށް ޒިޔާރާތްކުރުމުން އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެއެވެ.

މި ވެބްސައިޓު މަސައްކަތް ކުރާނީ އޮންލައިންކޮށް ވިޔަފާރިކުރާ އެހެން ވެބްސައިޓްތަކާއި ދާދި އެއްގޮތަކަށެވެ. އެގޮތުން މި ވެބްސައިޓުގެ ހޯމް ޕޭޖުގައި އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތީގެ ފޮޓޯތަކާއި އަގުތަކާއި އެ ތަކެތި ގަނެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވެއެވެ.

ހޯމް ޕޭޖުން ނުފެންނަ ބާވަތެއްނަމަ 'ސާޗް' ބަޓަންއިން ހޯދާލެވެން ވެސް ހުރެއެވެ. އަދި އެތަނުން އެމީހަކު ބޭނުންވާ އެއްޗަކަށް ފިތާލުމުން އެތަކެތި 'ކާޓް' ނުވަތަ ވަށިގަނޑަށް ލެވެއެވެ. ވަށިގަނޑަށް ލާ ހިސާބުން އެކަސްޓަމަރެއްގެ މަޢުލޫމާތު ފުރަން ޖެހޭނެއެވެ. މަޢުލޫމާތު ފުރުމަށްފަހު ބީއެމްއެލް އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ގަތް ތަކެއްޗަށް ފައިސާ ދައްކާލެވޭނެއެވެ.