ޚަބަރު

ކޯވިޑް-19: ބޭރު ޤައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން އާމްދަނީ މެދުކެނޑުނު މީހުންނަށް ސަރުކާރުން އެހީވަނީ


ބޭރު ޤައުމުގަތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ލިބެމުން އައި އާމްދަނީ މެދުކެނޑިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ އިންތިޒާމް ފޮރިން މިނިސްޓްރީން މެދުވެރިކޮށް ހަމަޖެއްސުމުގެ މަސައްކަތް ސަރުރާކުން ފައްޓަވާފައިވާކަމަށެވެ.

ނޭޝަނަލް އެމަރެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކި ގޮތެއް ހަމަޖައްސާފައިވާކަމަށެވެ.

އެގޮތުން މިއުޞޫލްގެ ދަށުން ރާއްޖެއިން ބޭރަށް ކުރު ދަތުރެއްގައި ގޮސް ތިބި ފަރާތްތަކުގެ ތެރެއިން ނާދެވި ތާށިވެފައި ތިބި މީހުންނާއި ބޭސްފަރުވާއަށް ގޮސް ނާދެވި ތިބި މީހުންނަށް ދޭނެ އެހީ ތެރިކަން ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކޯވިޑް-19ގެ ސަބަބުން އެމީހަކު ހުރި ޤައުމަކުން ލިބެމުން އައި އާމްދަނީއެއް ހުއްޓިފައިވާނަމަ އެ ފަރާތްތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އަދި ބޭސްފަރުވާއަށް ގޮސްތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އެންސްޕާގެ ފަރާތުން ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. ސަރުކާރުން ގެންދަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ޤައުމަށް އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. އަދި އެހެން ޤައުމުތަކުގައި އުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި ތިބި އެމީހުންގެ އާއިލާތަކަށް އެމީހުންނަށް އެހީގެ ތަކެތި ފޮނުވުމަށްވެސް ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.