ވިޔަފާރި

ތަކެތި ވިއްކާއިރު އޮޅުވައިލާނަމަ އަދި ނުބައްދަލު އަގުގައި ވިއްކާނަމަ ފިޔަވަޅުއަޅާނެ: އިކޮނޮމިކް މިނިސްޓްރީ


މުދަލާއި ނުބައްދަލު އަގެއްގައި ވިއްކާ ފަރާތްތަކާއި، އޮންލައިންކޮށް، މުދާ ގަންނަން އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް އިސްތިހާރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގައި އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި، ނުވަތަ ޚިދުމަތް ދޭ ފަރާތަކުން އެފަރާތަކުންދޭ ޚިދުމަތެއް ދިނުމުގައި، ނަހަމަގޮތެއްގައި ވަކި ފަރާތެއް ތަފާތު ކުރުމާއި، އެފަދަ ގޮތެއްގައި، މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ޚިދުމަތް ވަކި ފަރާތަކަށް ނުދިނުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

މިދުވަސްކޮޅު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަކީ ހެނދުނު 9ން މެންދަމު 12ށް ކަމަށް ވަނީ ކަނޑައަޅާފައެވެ. މިއާއެކު ފިހާރަ ހުޅުވާފައި ހުންނާނެ ގަޑި ވިޔަފާރި ކުރަންދާ ފަރާތްތަކަށް ފަސޭހައިން އެންގޭނެ ގޮތެއް ފިހާރައިން ހަމަޖައްސަން ޖެހޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

"ވަރަށް ގިނައިން އެބަލިބޭ ކަންމަތީ ފިހާރަ ނުހުޅުވާ ކަމުގެ މައްސަލަ، އަދި ވަކި ގޮތަކަށް އިޝްތިހާރުކޮށްފައި އޮތް ނަމަވެސް އެގޮތަށް ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ގިނައިން އެބަ ލިބޭ،" ވިސާމް ވިދާޅުވިއެވެ.

މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރިއަކުން ފޯރުކޮށްދޭ ޚިދުމަތަކީ، ވަކި ފެންވަރެއްގެ ޚިދުމަތެއްކަމަށް ޙަޤީޤަތާ ޚިލާފަށް ބަޔާންކުރުމަކީވެސް މަނާކަމެކެވެ. އަދި، ހަމަ މިޤާނޫނުގެ ދަށުން، މުދަލާ ނުބައްދަލު އަގެއްގައި މުދާ ވިއްކަމުންދާނަމަ، ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިޚްތިޔާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ.

މި ޤާނޫނާއި ޚިލާފުވާ ފަރާތްތަކާބެހޭ ޝަކުވާ އިކޮނޮމިކް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށްބެސް އެމިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

މިޤާނޫނާ ޚިލާފުވާ ކޮންމެ ފަރާތަކަށްވެސް، ކޯވިޑް19 އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރެވިފައިވާ މުއްދަތުގައި ވިޔަފާރިކުރުމަށް ނުވަތަ މުދާ ޑެލިވަރީކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށް އިކޮނިމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

އަދި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، މި ޤާނޫނާ ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެންމެ ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އަންގާނެއެވެ.