ޚަބަރު

ކޯވީޑް-19: ހާލުގައި ޖެހިފައިވާ 124 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި


ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ޚާއްސަ ޙާލަތުގައި މާލެއިން މިހާތަނަށް 124 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އެހީތެރިކަން ފޯރުކޯށްދިން މީހުންގެ ތެރޭގައި ރިސޯޓުތަކުން މާލެ އައިސް ތާށިވި މީހުންނާއި ޖަލުން ދޫކޮށްލި ބައެއް މީހުންނާއި ކުލި ނުދެއްކިގެން ނެރުނު މީހުން ހިމެނޭކަމަށެވެ. އަދި ބޭސްފަރުވާ އަށް މާލެ އައިސް ހާލުގައި ޖެހުނު މީހުންނާއި ޑްރަގްގެ ވަބާގައި ޖެހިފައިތިބި މީހުންނާއި މަގުމަތީގައި އުޅެން ޖެހިފައިވާ ބައެއް މީހުނަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިމީހުންނަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންތައްތަކާއި ސާފުތާހިރުވުމަށް ބޭނުންވާތަކެތި ފޯރުކޯށްދީފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"މިގޮތުން މޯލްޑިވސް ރެޑްކްރަސެންޓާ ގުޅިގެން ބިދޭސިން ދިރިއުޅޭ ތަންތަނުގެ ތެރެއިން ކެއްކެން ހުންނަތަންތަނަށް ކާޑުގެ ބާވަތްތައް ދިނުމުގެ މަސައްކަތް ދަނީ ކުރަމުން. އަދި ދަތިކަމާ ކުރިމާތިލާ ފަރާތްތަކަށް އެހީވުމަށްވެސް އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައި." މަބްރޫކް ވިދާޅުވިއެވެ.

ޙާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން ލާނެ އައްނައުނު ނެތް މީހުންނަށް އެތަކެތި ހޯދައިދިނުމަށްޓަކައި ވަކި ބަޖަޓެއް ކަނޑައަޅައި ސަރުކާރުން ވަނީ އެ މަސައްކަތްވެސް ކުރައްވާފައެވެ. އަދި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވި 60 މީހަކަށް އެތަކެތި ހޯދައިދީފައިވާކަމަށާއި ސޯޝަލް ކައުންސިލުން ރަމަޟާންމަހު ދިމާވާ މިފަދަ މައްސަލަތަކަށް އެހީވާނެގޮތްތައް މިހާރު ރާވާފައިވާކަމަށްވެސް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައެވެ.

ކޯވިޑް-19ގެ ޙާލަތާގުޅިގެން ހުޅުމާލެ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްވެސް ވަނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައެވެ.

މީގެ އިތުރުން މި ޙާލަތުގައި ޙާލުގައިޖެހޭ ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން ކަސްޓަމްސްއަށް ޑިއުޓީ ނުދައްކާހުރި ޕްރީ-ފެބްރިކޭޓެޑް ގެތަކެއް ރާވައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ގުޅީފަޅުގައި އިމާރާތްކޮށް ނުނިމިހުރި ތަންތަން ތަރައްްޤީކޮށް އެތަންތަނަށް ތިން ހާހަށްވުރެ ގިނަ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.