ޚަބަރު

ކޯވިޑް-19 : ޒަކާތް ބަލައިގަންނަނީ އޮންލައިންކޮށް އެކަނި


ލޮކްޑައުންކޮށްފައިވާ ރަށްރަށުގައި މިފަހަރު ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް އެކަނިކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މިފަހަރު މުދަލުން ޒަކާތް ބަލައިގަތުން ނޯންނާނެކަމަށެވެ.

ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިންގެނެސްދޭ ޚާއްޞަ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާޙް ވިދާޅުވީ ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދާނެގޮތުގެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް އެކަނިކަމަށެވެ. އަދި މިނިސްޓްރީއަށް ގޮސްގެންނާއި ގޮވާމުން ޒަކާތް ބަލައި ނުގަތުމަށް ނިންމާފައިވާކަމަށް އަފްރާހް ވިދާޅުވިއެވެ.

"މިއަދުން ފެށިގެން ޒަކާތް ދައްކަން ފެށޭނެ. ބީއެމްއެލް، އުރީދޫ އަދި ދިރާގް މެދުވެރިކޮށް ދެއްކޭނެ. ޒަކާތް ބަލައިގަންނާނެ އަދަދުތަކައި، ޒަކާތްދައްކާނި ގޮތުގެ ތަފްސީމް މިރޭ އަޅުގަނޑުމެން ސޯޝަލް މީޑިއާ މެދުވެރިކޮށް ޙިއްސާކުރާނަން." އަފްރާޙް ވިދާޅުވިއެވެ.

އަފްރާޙް ވިދާޅުވީ ރަށްރަށުގައި ޒަކާތް ބަލައިގަންނާނެ ގޮތްތައް ކައުންސިލްތަކުން ހަމަޖައްސަމުންދާ ކަމަށެވެ. އަދި މިހާރު ގިނަ ރަށްތަކެއްގައި އޮންލައިންކޮށް ޒަކާތް ބަލައިގަނެވޭނެ ގޮތް ރަށްރަށުގެ ކައުންސިލްތަކުން ހަމަޖައްސާފައިވާކަމަށްވެސް އަފްރާޙް ވިދާޅުވިއެވެ.

"ލޮކްޑައުން ރަށްތަކުގައި ޒަކާތް ބަލައިގަންނާނީ މާލެއެކޭ އެއްގޮތަށް އޮންލައިންކޮށް އެކަނި. ގޮވާމުން ޒަކާތް ނުދެއްކޭނެ. އެހެން ރަށްތަކުގައި އާއްމު އުސޫލުން ޒަކާތް ދެއްކޭނެ." އަފްރާޙް ވިދާޅުވިއެވެ.

އަފްރާޙް ވިދާޅުވީ ޒަކާތް ބެހުމުގައި ޢަމަލު ކުރާނެ ގޮތްތަކާއި ގުޅޭގޮތުން، އިންތިޒާމްތައް ހަމަޖެއްސުމަށް މިހާރު މަޝްވަރާކުރަމުންދާކަމަށެވެ. ޒަކާތް ބަހާނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. މިކަމާއި ގުޅޭ ކަންކަން އިސްލާމިކް މިނިސްޓްރީއިން ދަނީ ހަމަޖައްސަމުންނެވެ.