ޚަބަރު

ކޯވިޑް-19 : މިހާލަތުން އަރައި ގަނެވޭއިރު މާސްކުއެޅުން އާއްމުދިރިއުޅުމުގެ އާދައަކަށް ވާނެ


ކޯވިޑް-19އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާއިރު އެބޭފުޅުން ތަކުރާރުކޮށް ދެއްވާ އެއް މެސެޖެއް އެބައޮތެވެ. އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުން އަރައިގަނެވޭއިރު ދެން ކުރީގެ ދިރިއުޅުމަށް ނުދެވޭނެކަމަށެވެ. މިއީ ވަކި ޤައުމެއް އިސްތިސްނާވުމެއް ނެތް ހަގީގަތެއްކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ކޯވިޑް ނަވާރައަށް ރާއްޖެއިން ފުރަތަމަ މީހަކު ޕޮޒިޓިވްވި ރޭ މުޅި މާލޭގައި މާސްކު ވިއްކާ ހުރިހާ ތަނަކުން މާސްކު ހުސްވިއެވެ. މިއީ ރައްކާތެރިކަމުގެ ގޮތުން އެޅުން މުހިއްމު ފިޔަވަޅެއްކަމަށް ޢާއްމުނަށް ޤަބޫލުކުރެވޭތީއެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް މާސްކަށް އޮތް ޑިމާންޑު ބޮޑުވެ މާސްކު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑު އެއްބަޔަކީ މިކަމުގައި ކުރީސަފުގައި ޙަރަކާތްތެރިވާ މީހުންނެވެ. އެމީހުން ބޭނުންކުރާނެ މާސްކު ނެތް ޙާލަތުގައި ތިބި ދުނިޔޭގެ އިޤްތިޞާދީގޮތުން ވަރުގަދަ ޤައުމުތައް އެބަތިއްބެވެ.

މިއީ ޙަގީގަތަށްވާއިރު މިހާރު ހުރިހާ ޤައުމަކުންވެސް ކުރިމަތިލަމުންދާ ކޯވިޑް ނަވާރައިން އެއްކޮށް ސަލާމަތް ވިނަމަވެސް ޢާއްމުންގެ ކިބައިގައި ބައެއް އާދަތައް އަށަގަންނާނެކަން މިއަދު އެކި ޤައުމުތަކުންދަނީ ފެންނަމުންނެވެ. މިބަދަލު އަންނާނެކަމަށާއި މިބަދަލާއެކު ދިރިއުޅެން ދަސްކުރަން ޖެހޭކަމަށް ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިންވެސް ވަނީ ވިދާޅުވެފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއްބަދަލަކީ އެކިބަލިތަކުން ރައްކާތެރިވުމަށް މާސްކު އަޅާ މީހުންގެ ނިސްބަތް މުޅި ދުނިޔޭގައިވެސް އިތުރުވުމެވެ. އެގޮތުން އެކި ވައްތަރުގެ މާސްކު އަޅައިގެން އުޅޭ މީހުން މަގުތަކުން ފެނުން މިވަނީ ޢާއްމުވެފައެވެ.

އެކި ވައްތަރުގެ މާސްކު ހުންނައިރު މީގެ އެކި ބޭނުންތައް ވެސް ހުރެއެވެ.

ގޭގައި ތައްޔާރުކުރާ މާސްކު:


ޢާއްމުކޮށް ގޭގައި ބޭނުންކުރާ މާސްކަކީ ވައިރަހާއި ބެކްޓީރިއާތަކުން މާބޮޑު ރައްކާތެރިކަމެއް ލިބިދެވޭނެއެއްޗެއް ނޫންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އެހެންނަމަވެސް ބޭރަށް ނިކުންނަން ޖެހޭ ޙާލަތެއްގައި ގޭގައި ތައްޔާރުކުރަ މާސްކު އެޅުމާއެކު އިޖުތިމާޢީ ގައިދުރުކަން ކަށަވަރުކުރުމަށް ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބާރު އަޅުއްވައެވެ. އަދި ކޮންމެ ފަހަރަކު ބޭނުންކުރުމަށްފަހު މާސްކު ރަނގަޅަށް ދޮވުމަށާއި މާސްކު ނެގުމަށްފަހު އަންގަ، ލޯ އަދި ނޭފަތުގައި އަތްލުމުގެ ކުރިން އަތް ދޮވުމަށްވެސް ވަނީ އެއިދާރާއިން އިރުޝާދު ދީފައެވެ.

ސަރޖިކަލް މާސްކު:

ސަރޖިކަލް މާސްކަކީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަން ޖެހޭ މާސްކެކެވެ. މިމާސްކު އެޅުމުގެ ސަބަބުން ކެއްސުމާއި ކިނބިހި އެޅުމުގައި ބުރައިގެންދާ ތިކިތަކުގެ ސަބަބުން ބަލި ޖެހުމުން ރައްކާތެރިކޮށްދެއެވެ. އަދި ވައިރަސް ހުރި މީހާގެ ކިބައިން އަނެކުންނަށް ބަލި ފެތުރުނަނުދީ ހިފެހެއްޓުމަށް މިއީ ރަނގަޅު މާސްކެކެވެ. އެހެންނަމަވެސް މިއީރައްކާތެރިކަން %100 ކަށަވަރުކޮށްދެވޭ މާސްކެއްވެސް ނޫނެވެ. ސަބަބކީ އެންމެ ކުދިކުދި ޕާޓިކަލްތަކުން ރައްކާތެރިކަން މި މާސްކުގެ ސަބަބުން ނުލިބޭތީއެވެ.

N95 މާސްކު:

މިއީ ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭނެ އެއްމެ ރައްކާތެރިކަން ބޮޑު މާސްކުކަމަށް ސިއްޙީދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުން ވިދާޅުވެއެވެ. އަދި މިއީ މޫނަށް ޓައިޓުކޮށް ފިޓުވާގޮތަށް ބާރުކޮށް އަޅާ މާސްކެކެވެ. ޢާއްމުގޮތެއްގައި މިމާސްކު ބޭނުންކުރަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ ފަރުވާ ދޭ ތަންތަނުގައި ކުރީސަފުގައި ޙަރަކާތްތެރިވާ މީހުންނެވެ. މިފަދަ މާސްކަށް އޮތް ޑިމާންޑާ އެއްވަރަށް ނުއުފެއްދޭތީ އަދި މިމާސްކު ޢާއްމުކޮށް ހޮސްޕިޓަލުތަކުގެ ބޭރުގައި ބޭނުންކުރުމަށް ސީޑީސީން އިރުޝާދެއް ނުދެއެވެ. އަދި މިއީ ފިޓުކޮށް އަޅާ މާސްކަކަށްވުމުން ޢާއްމުކޮށް އަޅައިގެން އުޅުމަށް ދަތިވިނަމަވެސް މިއީ ކުދި ކުދި ޕާޓިކަލްތަކުންވެސް ރައްކާތެރވެވޭކަން ކަށަވަރުކޮށް ބޭނުންކުރާ މާސްކެކެވެ.

ގިނަ މީހުން މާސްކު އަޅަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ޖަޕާނަކީ މިހާރު ޢާއްމުވެގެން އުޅޭ ވައިރަހުގެ ކުރިންވެސް މާސްކު އެޅުމަށް ބާރު އަޅާ ދިރިއުޅުމުގެ ވައްޓަފާޅިއެއް އޮތް ޤައުމެކެވެ. އެއީ ޘަޤާފަތުގެ އެއްބަޔަށް އެމީހުންގެ އޮތީވެފައެވެ. މީގެއިތުރުންވެސް ވައި ނުސާފުވުމުގެ ސަބަބުން ބައެއް ޤައުމުތަކުގައި މާސްކު އަބަދުވެސް ބޭނުންކުރެއެވެ. އެހެންނަމަވެސް ކުރިއަރާފައިވާ ޤައުމުތަކުގައި މާސްކު އެޅުމަކީ ހުތުރު އަދި މާސްކު އަޅާމީހުނަށް ބޮޑު ސަމާލުކަމެއް ހުއްޓޭ ކަޓުކަމެއް ގެ ގޮތުގައި އޮތްކަމެކެވެ. އެހެންނަމަވެސް ކޯވިޑް ނަވާރައިގެ ސަބަބުން މިކަމާމެދު ދެކޭ ގޮތް މިވަނީ ބަދަލުވެފައެވެ.

ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށްވާ އެމެރިކާގައި މާސްކު ފެހުމާއި ޑިޒައިންކުރުމުގައި މިހާރު ޙަރަކާތްތެރިވަނީ ބޮޑެތި ފެޝަން ޑިޒައިނަރުންނެވެ. އަމިއްލާ ގޭގައި މާސްކު ފަހައިގެން ބޭނުންކުރަ މީހުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައިވެސް މިކަންވަނީ ފެށިފައެވެ. މަގުމަތިން ފެންނަ މީހުން މާސްކު އަޅައިގެން ތިބޭ މަންޒަރާއި ގޭގައި މާސްކު ފަހައިގެން ބޭނުންކުރުމާއި ބެހުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ސޯޝަލް މީޑިއާއިން ފެނެއެވެ.

މިއީ ބަދަލެކެވެ. މިއީ ދެން ދާން އޮތް ޢާއްމު ޙާލަތުގެ އެއް އާދައެވެ. ކޯވިޑް ނަވާރައާއެކު އައި ދިރިއުޅުމުގެ އާދަތަކަށް ގެންނަން ޖެހުނު އެންމެ މުހިއްމު އެއް ބަދަލެވެ. މާސްކު އެޅުމަށް އިސްކަންދޭހެން ގޭގައި ތިބުމަށާއި ކޮންމެހެން ދާންޖެހިގެން ބޭރަށްދާއިރުވެސް އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިސްކަންދިނުމަކީވެސް މިދަނޑިވަޅުގައި އާދަކުރަންޖެހޭ ކަމެކެވެ. ދުނިޔެގެ ޤައުމުތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ މާސްކު އެޅުމަކީ މިޙާލަތުން ޢާއްމު ޙާލަތަށް ދާއިރު އައު ދިރިއުޅުމުގެ އައު އާދައަކަށް ވެގެންދާނެ ކަމަށެވެ.