ޚަބަރު

ކޮވިޑް-19 : އައިއެމްއެފުން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދެނީ


ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް 28.9 މިިލިއަން ޑޮލަރު ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ނިންމައިފިއެވެ.

އައިއެމްއެފުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިސާދަށް ބޮޑު ގެއްލުމެއް ލިބެމުންދާކަމަށެވެ. އަދި މިކަންކަމުން އަރައިގަތުމަށް ރާއްޖޭގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ޕްލޭން ތަކެއް އެކުލަވާލިކަމަށެވެ. އަދި މިކާރިސާގައި ރާއްޖެއަށް ދިމާވަމުންދާ ކަންކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީދޭ ޖަމާއަތްތަކުގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށެވެ.

އައިއެމްއެފުން ރާއްޖެއަށް ދޭ 28.9 މިލިއަން ޑޮލަރަކީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލި ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ރެޕިޑް ކްރެޑިޓް ފެސިލިޓީ، އާރުސީޕީގެ ދަށުން ދޭ އެހީއެކެވެ. އަދި ބައިނަލްއަޤްވަމީ އެހީދޭ އެހެން ޖަމާއަތްތައް މެދުވެރިކޮށްވެސް ރާއްޖެއަށް އިތުރު ފައިސާގެ އެހީ ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް އައިއެމްއެފުން ބުނެފައިވެއެވެ.

އައިއެމްއެފްގެ ބަޔާނުގައިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު މަޑުޖެހި، ފަތުރުވެރިކަމާއި، ދަތުރުފަތުރު އަދި ކޮންސްޓްރަކްޝަން ދާއިރާއަށް ނޭދެވޭ އަސަރު ކުރަމުން ދާކަން ފާހަގަކުރައްވާފައެވެ.

މިބަޔާނުގައި ވަނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފްކޮށްފައެވެ. ޚާއްޞަކޮށް ސިއްޙީ ދާއިރާއަށް ކުރާ ޚަރަދު އިތުރުކޮށް، ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ވަނީ އައިއެމްއެފްއިން ތައުރީފްކޮށްފައެވެ. މީގެއިތުރުން ދިވެހި ސަރުކާރުން މިދަނޑިވަޅުގައި އިޤްތިސާދީ ގޮތުން ދިމާވަމުންދާ ގޮންޖެހުންތަކާމެދު އަޅަމުންދާ ފިޔަވަޅުތަކާއި ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ދިމާވަމުންދާ ދަތިތަކަށް އެހީވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަކަންވެސް އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގެ މިނިންމުމަށްފަހު، މެނޭޖިން ޑިރެކްޓަރ އަދި ޗެއަރ ތާއޯ ޖަންގް ވަނީ މިކަމާ ބެހޭ ގޮތުން ބަޔާނެއް ނެރުއްވާފައެވެ.

" ރާއްޖޭގެ ސަރުކާރުން ދަނީ އެހެން ދާއިރަތަކަށް ކުރާ ހަރަދު ކުޑަކޮށް، މިބަލިމަޑުކަމުން އަރައިގަތުމަށް ކުރާ ހަރަދު އިތުރުކުރަމުން. އަދި މިބަލިމަޑުކަމުގެ ސަބަބުން ގެއްލުން ލިބޭ ވިޔަފަރިތަކަށާއި، އާންމުންނަށް ވަރަށް ދެފުއްދެންނަ ގޮތަކަށް އެކި އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. ރާއްޖޭގެ މަރުކަޒީ ބޭންކުންވެސް ދަނީ އެހެން ބޭންކުތަކަށް އެހީވަމުން. އަދި ކަމާބެހޭ ފަރަތްތަކުގެ ނިންމުންތަށް ބައްޓަން ކުރަނީ މެދު ރާސްތާ އަަދި ދިގު ރާސްތާގައި އެންމެ ގެއްލުން ކުދަވާނެ ގޮތްތަކަކަށް ބަލައިހެންކަން ފާހަގަވޭ. ހާއްސަކޮށް މިކަމަށް ފައިސާ ހޯދުމުގައާއި ދަރަނި ކުޑަކުރުމަށް އަޅާ ފިޔަވަޅުތަށް ފާހަގަކުރެވޭ." ތާއޯ ޖަންގް ވިދާޅުވިއެވެ.

ދާދިފަހުން އޮޕެކް ފަންޑުން ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް 20 މިލިއަން ޑޮލަރުގެ އެމަޖަންސީ ލޯނެއް ދޭން ނިންމާފައެވެ.