ޚަބަރު

ކޯވިޑް19 : ފަރުވާދިނުމުގައި ތަފާތެއް ނުބަހައްޓާނެ - ޝާހިދު


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމުގައި ދިވެހިންނާއި އެހެން ޤައުމުތަކުގެ ރައްޔިތުންނާއި ތަފާތުކުރުމެއް ސަރުކާރުން ނުގެންގުޅުއްވާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް އެހީގެ ގޮތުގައި ހަދިޔާކުރި ސަތޭކަ މެޓްރިކް ޓަނުގެ ކާބޯތަކެއްޗާ ބޭހާއި ބައެއް މެޑިކަލް ސާމާނު، ދިވެހި ސަރުކާރާ ރަސްމީކޮށް ޙަވާލުކުރެއްވުމަށް މާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ މިނާޒުކު ދަނޑިވަޅުގައި ބަންގްލަދޭޝުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށާއި ޚާރިޖީ ވަޒީރު އޭ.ކޭ ޢަބްދުލްމޮމެންގެ އިތުރުން ބަންގްލަދޭޝް ނޭވީއަށް ޝުކުރު އަދާކުރައްވާފައެވެ.

އެހީގެ ތަކެތި ހިފައިގެންއައި ބަންގްލަދޭޝް އަސްކަރިއްޔާގެ އުޅަނދެއް މާލޭ ޕޯޓުގައި ބަނދަރުކޮށްފައި އޮތް އޮތުމަކީ ދެޤައުމުގެ މެދުގައި އޮތް އަޚްވަންތަކަން ފެނިގެންދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅިވިއެވެ.

އަދި ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގައި ބަންގްލަދޭޝް ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށް ވިދާޅުވެ، ބަލިޖެހިގެން ފަރުވާދޭން ޖެހިއްޖެ ޙާލަތެއްގައިވެސް އެއްވެސް ތަފާތުކުރުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

"ކޯވިޑް19 މުޖުތަމަޢުގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުންނަށްވެސް އަންނަނީ ޖެހެމުން. އެކަމަކު އަޅުގަނޑުމެން މި ޔަޤީންކަންދެނީ ދިވެހިންނާއި ބަންގްލަދޭޝްމީހުންނާދެމެދު ސަރުކާރުން މިކަމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރާއި އަސްކަރިއްޔާއާއި ނޭވީއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ކާބޯތަކެއްޗާއި ބޭހާއި ބައެއް މެޑިކަލް ސާމާނުގެ އިތުރުން، ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އެހީތެރިކަންވެސް ރާއްޖެއިންވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ބަންގްލަދޭޝްއިން ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ޑެޒިގްނޭޓް މުހައްމަދު ނަޒްމުލް ހަސަން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ހާލަތު ބަލަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ބަންގްލަދޭޝްގެ އަސްކަރީ މަނަވަރުގައި ރާއްޖެއަށް ގެނައި ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ރާއްޖޭގައި ކެއުމަށް ޢާއްމުކޮށް ބޭނުންކުރާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނެއެވެ.