މިއަހަރު ރޯދަމަހަކީ މުޅި މުސްލިމް އުންމަތަށްވެސް ތަފާތު ތަޖުރިބާއަކަށްވާނެއެވެ. ވޭތުވެދިޔަ ރޯދަމަސްތަކުގައި ޖަމައަތުގައި ނަމާދުކުރުމާއި، ތަރާވީސް ކުރުމުގައި މިސްކިތްތަކަށް ދެވެއެވެ. އާއިލާއާއި، ގާތްތިމާގެ މީހުންނާއެކު އެއް ސުފްރާއެއް މަތިން ރޯދަ ވީއްލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ނަމަވެސް މިފަހަރު ކޮވިޑް-19އާ ގުޅިގެން މިސްކިތްތަކުގެ ދޮރުތައް ގިނަ މުސްލިމް މުޖުތަމައުތަކަށް މިވަނީ ބަންދުވެފައެވެ. އެއްގެއިން އަނެއް ގެއަށް ދިއުމުގެ ފުރުސަތުވެސް ނެތެވެ.
ވޭތުވެދިޔަ ރޯދަމަސްތަކުގައި ބޭނުން އެއްޗެއް ފިހާރައިން ގަނެގެން އައިސް، ގޭގެއާއި އެކި ކާބޯތަކެތި ތައްޔާރުކޮށް، އާއިލާ އާއި ދުރުތާ ތިމާގެ މީހުންނާއި ރައްޓެހިންނަށް ދައުވަތުދީ އެކުގައި ކެއުމަށް އިންސާފުރުކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ނަމަވެސް މިފަހަރު އެކި ރެސްޓޯރެންޓްތަކުގައި އާއިލާ މީހުންނާއި، ރައްޓެހިން އަދި އޮފީސް އޮފީހުގެ މީހުން ގްރޫޕް ހަދާ ގޮސް ރޯދަ ނުވީއްލޭނެއެވެ. ބަދިގޭގެ ކަންތައްތަކުން އަވަދިވެ، ރޯދަ ވީއްލުމުގެ ކުރިން ނުވަތަ ފަހުންވެސް ފިންޔަށް ބުރުޖަހާލަން ނުވަތަ ހިިނގާލަން ދިއުމުންވެސް މިއަހަރު އަޅުގަނޑުމެން މަހުރޫމްވެއްޖެއެވެ.
ނަމަވެސް މިދަނޑިވަޅުގައި ހަދާން ކުރަންވީ އިސްލާމްދީނުގެ މަތިވެރި އާދަތަކުގެ މަތިންނެވެ. ކެތްތެރިވާށެވެ. ރޯދަމަހަކީ އަޅުކަމުގެ މަހެވެ. ގޭގައި ބަންދުވެފައި ތިބުމުގެ ސަބަބުން ދެން އޮންނާނީ ހުސްވަގުތު ނޫންހެއްޔެވެ. ގޭގައި ޖަމާތުގައި ނަމާދު ކުރާށެވެ. ތަރާވީސް ކުރާށެވެ. ޤޫރުއާން ކިޔަވާށެވެ.
މިހާލަތުގައި ބައެއް ފަހަރު ކެއްކުމަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދުމުގައި ދަތިވެދާނެ އެވެ. ނަމަވެސް ލިބޭ މިންވަރަށް ޝުކުރު ކުރަންވީއެވެ. ގިނަ ބާވަތްތަކެއް ތައްޔާރުކޮށް މުޅި މޭޒުމަތި ފުރާލުމުގެ ބަދަލުގައި އެގެއެއްގައި އުޅޭ ބަޔަކަށް ބޭނުންވާ ވަރަށް އާދައިގެ ތަަކެތި ތައްޔާރުކުރަން ވީއެވެ.
ކުރިން ރޯދަމަހު ކުރި އެތައް ކަމެއް ނުކުރެވޭނެތީ ހިތްދަތިވެ، ދެރަވާނެކަން ވެސް އެނގެއެވެ. އެކަމަކު މީއި ދީނީ ގޮތުން ބަލާނަމަވެސް ވެވޭ ގުރުބާނީ އެކެވެ. ގޭގައި ތިއްބަވާށެވެ. ގޭގައި ތިބުމުން ތިމާއާއި ތިމާގެ ގާތްމީހުން މިރައްކާތެރިވެވެނީ ނުރައްކާތެރި ބައްޔަކުންނެވެ. ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް މިރޯދަމަހު އަޒުމް ކަނޑައަޅާ ބޭރަށް ނުގޮސް އުޅެވޭތޯ ބަލާށެވެ.
ބުނާއަޑު އަހަމެވެ. މިއުންމަތުގެ އެންމެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީވެސް މުޅި އުންމަތް ސަލާމަތް ކުރުން ފަދަ ކަމެކެވެ. މިކަން ހަނދުމަ ބަހައްޓާށެވެ.