ޚަބަރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި ލާމަސީލު ބައެއް ޖަޒީރާ ޤައުމުތައް


ކުދި ޖަޒީރާ ޤައުމުތަކުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި ދަނީ އެހެން ބޮޑެތި ޤައުމުތަކަށްވުރެ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ. ފަހަރުގައި މިއީ ޤައުމުތައް އުފެދިފައި އޮންނަ ގޮތުން ކުރަން ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ކުދި ޖަޒީރާ ޤައުމުތަކުން ކޮވިޑް-19 ހުއްޓުވުމަށް ކުރާ މަސައްކަތްތަައް ފާހަގަކުރަންޖެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ޤައުމުތަކަށް ބަލާލާލަނަމެވެ.

ފިޖީ

ކޯވިޑް-19 ފެތުރެން ފެށުމުން ފިޖީގެ ބޯޑަރު ބަންދުކޮށް، އެތެރޭގެ އުދުހުންތައް ވަނީ ހުއްޓާލާފައެވެ. އަދި ޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަން ހޯދައިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ. ފިޖީގައި ކޯވިޑް-19 އަށް މިހާތަނަށް ފޮޒިޓިވް ވެފައިވަނީ 18 މީހުންނެވެ. އެއްވެސް މީހެއް މަރުވެފައެވެ ނުވެއެވެ.

ފްރެންޗް ޕޮލިނީސިއާ

ކޯވިޑް-19 ޤައުމުގައި ފެތުރުން ކޮންޓްރޯލްކުރުމަށް ފްރެންޗް ޕޮލިނީސިއާގައިވެސް އެތެރޭގެ އުދުހުންތައް ވަނީ ހުއްޓާލާފައެވެ. އަދި ޤައުމުގެ ކާފިއު އިއުލާންކޮށް އާންމުތަންތަން ވަނީ ބަންދުކޮށްފައެވެ. މިހާތަނަށް ފްރެންޗް ޕޮލިނީސިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 56 މީހުންނެވެ.

ޖަމައިކާ

ޖަމައިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 223 މީހުންނެވެ. އަދި ވައިރަސްގެ ސަބަބުން މަރުވެފައިވަނީ 6 މީހުންނެވެ.
ޖަމައިކާގައި މުޖުތަމައުގެ ތެރޭގައި ނުކުމެ އުޅޭ އިރު މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޯވިޑް-19 ޖެހިފައިވާކަން ޝައްކުކުރެވޭ މީހުން ދަނީ ކަރަންޓީން ކުރަމުންނެވެ. މީގެއިތުރުން ބަލީގެ އަލާމަތްތައް ހުރި މީހުން އާންމު ތަންތަނަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. ޖަމައިކާގެ ބޯޑަރުވަނީ ގިނަ އެހެން ޤައުމުތަކޭ އެއްފަދައިން ބަންދުކޮށްފައެވެ.

ބަހާމާސް

މުއްސަނދި ފަތުރުވެރިންގެ މެދުގައި މަޤްބޫލް ބަހާމާސްގެ ބޯޑަރުވެސް ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުމަށް ބޭރުގެ ފަރާތަތަކަށް ބަންދުކޮށްފައެވެ. ޤައުމުގެ އެތެރޭގައި މީހުން އާންމު ތަންތަނަށް އެވުމާއި، އެހެނިހެން ބައެއް ކަންތައްތައް މަނާކޮށްފައިވާއިރު، ކޮވިޑް-19 އަށް އާންމުން ހޭލުންތެރިކުރުމަށް ބަހާމާސްގައި ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. ބަހާމާސްގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 60 މީހުްނެވެ. އަދި މަރުވީ މިހާތަނަށް 9 މީހުންނެވެ

މޮރިޝަސް

މޮރިޝަސްގައިވެސް ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވަނީ އެހެން ކުދިން ޖަޒީރާ ޤައުމުތަކާ އެއް ކަހަލަ ފިޔަވަޅުތަކެކެވެ. މިގޮތުން މޮރިޝަސްގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގައި ބަލި ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މިހާތަނަށް މޮރިޝަސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 328 މީހުންނެވެ އަދި މަރުވީ 9 މީހުންނެވެ.

ސީޝެލްސް

ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ގޮތުން ސީޝެލްސްގެ ބައިނަލްއަޤްވާމީ އެއަރޕޯޓް ވަނީ ބަންދުކުރެވިފައެވެ. މީގެއިތުރުންވެސް ޤައުމުގެ އެތެރޭގައި އެކިއެކި ފިޔަވަޅުތައް ދަނީ މިވައިރަސް ފެތުރުން ހުއްޓުވުމަށް އަޅަމުންނެވެ. ސީޝެލްސްގައި ކޯވިޑް-19 ޖެހިފައިވަނީ 11 މީހުންނަށެވެ. އެސްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ބުރުނާއީ

ބުރުނާއީގައި ކޮވިޑް-19 ހުއްޓުވުމަށް ވަނީ އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކޮށްފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދަނީ އާންމު ހިދުމަތްދޭ ތަންތަނާއި އާންމުންގެ އަމިއްލަ ގެތަކުގައިވެސް އާންމު ސާފުތާހިރުކަން އިތުރުކުރުމަށް ބާރުއަޅާފައެވެ. ބުރުނާއީގައި ކޮވިޑް-19 ޖެހިގެން 138 މީހެއް ޕޮޒިޓިވް ވެފައިވާއިރު، މަރުވެފައިވަނީ އެންމެ މީހެކެވެ. އަދި ކޮވިޑް-19 ގެ ކޮރަންޓީން ފެސިލީތަކުގައި ތިބޭ މީހުންނާއި ބަލިން ރަގަނޅުވާ މީހުން ދޫކޮށްލަނީ ޓްރެކިން ބްރޭސްލެޓް އެޅުވުމަށްފަހުއެވެ. އޭރުން އެމީހުން ގޮސް ހަދާ ތަންތަން ވަރަށް ފަސޭޙައިން އެނގޭނެއެވެ.

މިހުރީހާ ޤައުމަކީވެސް ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމުތަށްކަމުގައިވިޔަސް ކޯވިޑް-19 ހުއްޓުވުމަށް މިޤައުމުތަކުގެ ބޯޑަރު މިވަނީ ބަންދުކުރެވިފައެވެ. ކާފިއު އިއުލާންކޮށް، ފުރަބަންދަށް މިވަނީ ގޮސްފައެވެ. ނަމަވެސް މިއިން ކޮންމެ ޤައުމެއްގައިވެސް ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ގެއިން ނުނިކުމެ، އިޖްތިމާއީ ގައިދުރުކަން ދަމަހައްޓާ ރައްޔިތުންނެވެ.