ޚަބަރު

ރައްޔިތުންގެ އުންމީދާއި މަޞްލަޙަތު ގުޅިފައިވަނީ ސިފައިންނާ - ރައީސް


ދިވެހި ރައްޔިތުންގެ އުންމީދާއި މަޞްލަޙަތު، އެންމެބޮޑަށް ގުޅިފައިވާ ބަޔަކީ ދިވެހި ސިފައިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 128ވަނަ އަހަރީދުވަހުގެ މުނާޞަބަދުގައިި ދެއްވި ޚިޠާބުގައެވެ.

ދިވެހި ސިފައިންގެ 128ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ ޢަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވަޔާ ޖެހެންދެންވެސް ޤައުމުގެ ޙައްޤުގައި ޤުރްބާންވުންކަމަށެވެ. މިއަހަރުގެ ސިފައިންގެ ދުވަސް ކުރިމަތިމިލީ ހަމައެފަދަ ވަރުގަދަ ޢަޒުމެއްގައި، ޤައުމީ މުހިންމު ޚިދުމަތް ކުރަމުން އަންނަ ދުވަސްވަރެއްގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މުޅި ދުނިޔެއަށް ފެތުރި، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް މި ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު ދައުރެއް. މިނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ ޢަޒުމުގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ދިވެހި ސިފައިންގެ ޢަމަލާއިބަހުން ސާބިތުކޮށްދެމުން އެއަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، ޝިޢާރުކަމަށްވާ "ސިފައިންގެ ހިތްވަރު – ޤައުމުގެ ސަލާމަތް" މި ޝިޢާރުގެ ތެދުކަންކަމަށާއި، މިކަމުން އެނގިގެން ދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްގެގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ކޯވިޑް-19އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން. އަދި މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ޢަސްކަރިއްޔާގެ ޙަޔާތުން ފާއިތުވި އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި، މިދިޔަ އަހަރުގެ އަޟްޙާ ޢީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ.ނޮޅިވަރަންފަރު ލޯންޗެއް ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި، މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށް، ދިވެހި ސިފައިން ކޮށްދިން މަސައްކަތް ފާހަގަކޮށް، އެކަމުގައި ބައިވެރިވި ސިފައިންނަށް ރައީސް ޝުކުރު އަޑާކުރެއްވިއެވެ.

"ވޭތުވެދިޔަ އަހަރަކީ، ދިވެހި ޢަސްކަރިއްޔާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދިޔަ އަހަރެއް. ޢާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުވެ، ސިފައިންގެ ޤައުމީ ޚިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް. މިއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުގެ އުންމީދަކީ، މާތްﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް، ދިވެހި ސިފައިން، މި ކާމިޔާބީ ތަކުރާރުކުރަމުން ގެންދިޔުން." ރައީސް ވިދާޅުވިއެވެ.

ދިވެހި ޢަސްކަރިއްޔާ ޒަމާނީކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކޮށް، އަދި ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ވެށްޓެއް ޤާއިމްކުރުމަށް، ސަރުކާރުން އެކަށައަޅާފައިވާ ތަޞައްވުރު، ޙަޤީޤަތަކަށް ހެއްދެވުމަށް، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ކުރައްވާ މަސައްކަތްޕުޅާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ލީޑަރޝިޕްގެ ދަށުން، ހުރިހާ ސިފައިން ޝާމިލްވާ ގޮތަށް ދިވެހި ޢަސްކަރިއްޔާގެ ބަދަހި ސަފުތައް ހޯދަމުންދާ ކުރިއެރުން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.