ވިޔަފާރި

ފިހާރަތައް 9 އިން 12 އަށް ހުޅުވުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފި


މާލެ ލޮކްޑައުންކޮށްފައިވާ މުއްދަތުގައި ފުލުހުންދޭ ޚާއްސަ ހުއްދައިގެ ދަށުން ފިހާރަތައް ހެނދުނު 9 އިން ރޭގަނޑު 12 އަށް ހުޅުވާފައި ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަދީފިއެވެ.

2 ހަފްތާއަށް މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ފިހާރަތައް ބަންދުކޮށް އަންނަނީ ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ނަމަވެސް ފުލުހުން ދޭ ޚާއްސަ ހުއްދައެއްގެ ދަށުން ވަކި ދުވަސްތަކެއްގެ ވަކި ވަގުތުތަކެއްގައި ޒަރޫރީ ބޭނުމަށް ކޮންމެ ގޭބިސީއަކުން ވެސް އެކަކަށް ބޭރަށް ނުކުމެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މާދަމާ އިން ފެށިގެން ފުލުހުން ދޭ ހުއްދައިގެ ދަށުން ވިޔަފާރި ކުރަން ނުކުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހެނދުނު 9 އިން ރޭގަނޑު 12 އާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެކަމަށެވެ. އަދި ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓަށް ފިހާރަ ބަންދުކުރަންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

ފިހާރަތަކުން މުދާ ގަތުމަށް ހުއްދަ ލިބިފައި ވީނަމަވެސް، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ. ބަލީގެ އަލާމާތެއް ހުރިނަމަ ބޭރަށް ނުދިއުމަށާއި، ގައިދުރުކަން ބެހެއްޓުމަށްވެސް ކަމާބެހޭ ފަރާތްތަކުންވަނީ އެދިފައެވެ.

ފިހާރަތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ޚިޔާރުކުރުމަށާއި، ފިހާރައަށް ޚިދުމަތް ހޯދަން އަންނަ ކޮންމެ ކަސްޓަމަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ ގްރޯސަރީ ޝޮޕިންގ ޕަރމިޓް ލިބިފައިވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެވެ. އަދި ޚިދުމަތް ހޯދާ ކަސްޓަމަރަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްޞީލު ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގައި އެފިހާރައަކުން ރެކޯޑްކޮށް، ބަލަހައްޓަންވާނެކަމަށްވެސް ވަނީ ބުނެފައެވެ.