ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް އިސްރާއީލުގެ ބޮޑުވަޒީިރު ބެންޔަމިން ނަތަންޔާހޫއާއި އޭނާގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ބެނީ ގެންޓްޒް އެއްބަސްވެވަޑައިގެންފިއެވެ.
ނަތަންޔާހޫގެ ކަނާތު ފިޔައިގެ ލިކުޑް ޕާޓީއާއި ގެންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީވަނީ އެއްބަސްވުމަކާހަމައަށް އާދެވުނުކަން އިޢުލާނުކޮށް ބަޔާނެއް ނެރެފައެވެ. މަޢުލޫމާތު ލިބޭގޮތުގައި އެއްބަސްވުމުގެ ދަށުން ދެބޭފުޅުންވެސް ބޮޑުވަޒީރުކަން ކުރައްވާނެއެވެ. އެގޮތުން ފުރަތަމަ މަޤާމު ފުރުއްވާނީ ނަޔަންޔާހޫއެވެ. އެއަށްފަހު ދެން މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ގެންޓްޒެވެ.
މާރިޗު މަހު އިސްރާއީލުގައި ބޭއްވި ޢާންމު އިންތިޚާބުގައި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ 120 މެންބަރުން ހިމެނިވަޑައިގަންނަވާ ޤާނޫނުހަދާ މަޖިލީހުގެ ސާފު އަޣްލަބިއްޔަތެއް ހޯއްދެވުމުގައި ނާކާމިޔާބުވެވަޑައިގެންފައެވެ. އަދި މަޖިލީހުގެ 61 މެންބަރުންވަނީ އިދިކޮޅު ބްލޫ އެންޑް ވައިޓް ޕާޓީގެ ގެންޓްޒަށް ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު ދިނުމަށް ތާޢީދުކޮށް، 28 ދުވަހުގެ ތެރޭގައި ސަރުކާރު އެކުލަވާލުމަށް އޭނާއާ ޙަވާލުކޮށްފައެވެ. ނަމަވެސް އައު ސަރުކާރެއް އެކުލަވާލަން ދީފައިވާ މުއްދަތު އޭޕްރިލް މަހުގެ 14ވަނަ ދުވަހަށް ހަމަވުމުން ގެންޓްޒްވަނީ ސަރުކާރު އެކުލަވާލުމަށް އިތުރު 14 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެޤައުމުގެ ރައީސް ރުވެން ރެވްލިންގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް، އެކަމަށް ރައީސް ރެވްލިން ދެކޮޅުހެއްދެވިއެވެ.
2009ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރައްވަނީ ނަތަންޔާހޫއެވެ. އޭނާވަނީ އޭގެ ކުރިން 1996ން 1999އަށްވެސް ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެންމެ ފަހުން ބޭއްވުނު 3 އިންތިޚާބުގައިވެސް އެއްވެސް ފަރާތަކަށް ސާފު އަޣުލަބިއްޔަތެއް ނުހޯދުނެވެ.
މީގެ ކުރިން ގެންޓްޒްވަނީ ސަރުކާރު އެކުލަވާލުމުގައި ކޮރަޕްޝަންގެ ތުޙުމަތުކުރެވޭ ނަތަންޔާހޫ ބައިވެރިނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން އޭނާވަނީ ސަރުކާރު އެކުލަވާލުމުގައި އެއްބާރުލެއްވުން ދެއްވާ ގުޅިފައިވާ ސަރުކާރުގައި ބައިވެރިވަޑައިގެންނެވުމަށް ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފައެވެ.
ގެންޓްޒް ކުރިން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ނަތަންޔާހޫގެ ބައިވެރިވުމާއެކު ސަރުކާރެއް އެކުލަވާލަން މުހިންމުކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ސިޔާސީ، ޞިއްޙީ އަދި އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ނަތަންޔާހޫގެ ލިކުޑް ޕާޓީގެ ބައިވެރިވުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ގެންޓްޒް ވިދާޅުވިއެވެ.