ޚަބަރު

އާއިލާގެ ގާތަށް ދެވޭނެ ގޮތެއް ނެތި އެތައް ބަޔަކު ތާށިވެފައި


ކޯވިޑް-19 ހުއްޓުވުމަށް އެޅެން އޮތް އެންމެ މުހިއްމު ކަމަކީ، މޫވްމެންޓް ކޮންޓްރޯލް ކުރުމެވެ. އެސަބަބަށްޓަކައި ޤައުމުތައް ފުރަބަންދުކުރުމާއި އެކު އެތައްހާސް ބަޔަކަށް ވަނީ ބޭރުޤައުމުތަކުގައި ތާށިވެފައެވެ. މިގޮތުން ޖޭމީ ލީއަކީ އެފަދަ އެތައްހާސް މީހުންގެ ތެރެއިން އެކެކެވެ.

ޖޭމީ ލީއަކީ 2004ވަނަ އަހަރުން ފެށިގެން މެލޭޝީއާގައި ވަޒަންވެރިވެގެން އުޅޭ މީހެކެއެވެ. ނަމަވެސް ވިޔަފާރި ދަތުރެއްގައި ޤައުމުން ބޭރުގައި އިނގިރޭސިވިލާތުގައި އުޅެނިކޮށް އެޤައުމު ލޮކްޑައުން ކުރުމާއި ގުޅިގެން ލީ ހުރި އިނގިރޭސިވިލާތުގައި ތާށިވެފައެވެ. "މެލޭޝިއާ މައި ސެކަންޑް ހޯމް"ވިސާ ނަގައިގެން އުޅޭ އެތައް ބަޔަކު ލޮކްޑައުންތަކާއި ގުޅިގެން ވަނީ އިނގިރޭސިވިލާތް، ތައިލެންޑް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، އިންޑިއާފަދަ ޤައުމުތަކުގައި ތާށިވެފައެވެ.

ލީ ބުނީ މެލޭޝިއާގައި "މޫވްމަންޓް ކޮންޓްރޯލް އޯޑަރ"އިޢުލާންކުރީ ވަރަށް ކުރު މުއްދަތެއް ދީފައިކަމަށެވެ. އޭރު އޭނާ އުޅުނީ އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި މެދުއިރުމައްޗަށް ކުރާ ވިޔަފާރި ދަތުރެއްގައިކަމަށެވެ. ލޮކްޑައުންގެ މުއްދަތު އިތުރުކުރަމުންދާތީ އަދިވެސް ހުރީ އަނބުރާ ޤައުމަށް ނާދެވިކަމަށެވެ. ނަމަވެސް އޭނާގެ އާއިލާގެ މީހުން ތިބީ މެލޭޝިއާގައި ކަމަށާއި، އާއިލާގާތަށް އެނބުރިނުދެވޭތީ ބޮޑެތި ކަންބޮޑުވުންތައް ހުރިކަމަށް ލީ ބުނެފައިވެއެވެ.

"އަހަރެއްގެ 3އަހަރުގެ ދަރިއެއް ހުރޭ. ދަރިފުޅު ބަލަހައްޓަނީ މަންމަ. މަންމަ ބަލި ވެއްޖެނަމަ ދަރިފުޅު ބަލަހައްޓާނީ ކާކު". ލީ ބުނެފައިވެއެވެ.

ލީ ބުނެފައިވަނީ ޤައުމުގެ ރައްކާތެރިކަމަށްޓަކައި އަޅާފައި ވަނީ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. ޤައުމުގެ ބޯޑަރުވެސް ބަންދުކުރަން ޖެހޭކަމަށެވެ. ނަމަވެސް މެލޭޝިއާގައި ޤާނޫނީ ހުއްދަތަކާއިއެކު ދިރިއުޅޭ މީހުން ރަށަށް އެރުން މަނާކޮށްފާނެކަމަށް އޭނާ ހީނުކުރާ ކަމަށެވެ. ލީ ބުނެފައި ވަނީ އޭނާއެކޭ އެއްގޮތަށް "މެލޭޝިއާ މައި ސެކަންޑް ހޯމް" ވިސާގައި އުޅޭ ވަރަށް ގިނަ މީހުން މިގޮތަށް ޤައުމަށް އެނބުރި ނާދެވި އެބަ ތިބި ކަމަށެވެ.

"މިގޮތަށް އަހަރަމެންގެ ގެތަކަށް ނުދެވި ތިބެ، އަތުން ބޮޑެތި ޚަރަދުތަކެއްދަނީ ހިނގަމުން. ޤައުމުން ބޭރުގައި ތިބެންޖެހުނީމަ މިތަނަށްވެސް ކުލި ދައްކަންޖެހޭ. އަދި މިހާރު ސްކޫލްތައް ބަންދުވެފައިވާތީ ގިނަ ބައެއްގެ ދަރިންވެސް ތިބީ ދާނެ ތަނެއް ނެތިފައި ތާށިވެފައި މެލޭޝިއާގައި. އާއިލާއާއި ބައްދަލުކުރަން ދިއުމުގެ ހުއްދަވެސް ނުލިބެ". ލީ ބުނެފައިވެއެވެ.

ލީ ބުނީ މެލޭޝީއާއަށް، ދިއުމަށް ސަރުކާރުގެ ކިބައިން އެތައް ބަޔަކު އެދެމުންދާކަމަށެވެ. އޭނާ ބުނީ އެފަދަ މީހުންނަކީ ޤާނޫނީ ހުއްދަތަކާއިއެކު އުޅޭ މީހުންކަމަށާއި، މަސައްކަތް ކުރަނީ އަމިއްޒަ ވަޒަނަށް ދިއުމަށްކަމަށެވެ. (މެލޭޝީއާ މައި ސެކަންޑް ހޯމް"ވިސާ ނަގައިގެން އެޤައުމުގައި ދިރިއުޅޭ މީހުންނަކީ ގިނަ އަދަދެއްގެ ފައިސާ ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ބަހައްޓައިގެން އުޅޭ މީހުންކަމަށެވެ. މި މީހުން މެލޭޝިއާގައި ދިރިއުޅެމުންދަނީ ޓެކްސްތައްވެސް ދައްކައިގެންކަމަށް ލީ ބުނެފައިވެއެވެ.

ލީ ބުނީ ލަންޑަންގައި ހުންނަ މެލޭޝިއާގެ އެމްބަސީއާއި ގުޅައިގެންވެސް އެއްވެސް ޖަވާބެއް ނުލިބޭކަމަށެވެ. އަދި އެހެން މީހުން މިވާހަކަތަށް ފޮރިން މިނިސްޓްރީއާއި ޙިއްސާކުރުމުން ހަމްދަރުދީ ފާޅުކުރިކަމަށެވެ. ނަމަވެސް މިކަމަށް އެއްވެސް ޙައްލެއް ނުދައްކާކަމަށެވެ.

ލީ ވަނީ ކޮންޓްރޯލް އޯޑަރގެ ދެވަނަ މުއްދަތު ނިމުނު މިމަހުގެ 14ވަނަ ދުވަހަށްވެސް އަނބުރާ މެލޭޝިއާއަށް ދިއުމަށް ޓިކެޓް ނެގިކަމަށެވެ. ނަމަވެސް މޫވްމަންޓް ކޮންޓްރޯލް އޯޑަރ މިމަހުގެ 28އަށް އިތުރުކޮށްފައި ވާތީ އަނެއްކާވެސް އެނބުރި އާއިލާގާތައަށް ދެވޭނެ ދުވަހެއް ނޭންގޭކަމަށެވެ.

ލީވަނީ ލީ ފަދައިން މެލޭޝީއާގައި ދިރިއުޅެމުންދާ ރައްޔިތުން ސަރުކާރުގެ ކިބައިން އެދޭ އެދުމަކީ، އެނބުރި މެލޭޝިއާއަށް ވަދެވޭނެ ހުއްދައެއް ދިނުންކަމަށެވެ. އަދި މެލޭޝިއާއަށް ދިއުމަށްފަހު 14ދުވަހުގެ ކަރަންޓީން މުއްދަތުހަމަކުރާނެކަމަށާއި، ބައްޔަށް ޓެސްޓްކުރުމުގައިވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. ލީ ފަދަ އެތަށް ބަޔަކު ތިބީ އާއިލާގާތަށް ދެވޭނެ ދުވަހެއް އިންތިޒާރުގައެވެ.