ޚަބަރު

ބޮޑަށް ވިއްސާރަކުރާނީ އުތުރާއި މެދުރާއްޖެއަށް


މިހާރު ރާއްޖެއަށް ކުރަމުންދަނީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހަށް މި ވިއްސާރަ ދެމިގެންދާނެ ކަމަށް ލަފާކުރެވެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 24ގަޑިއިރު ބޮޑަށް ވިއްސާރަވާނެކަމަށް ލަފާކުރެވެނީ މެދު ރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށްކަމަށެވެ. އަދި އެންމެ ދެކުނުގެ އަތޮޅުތައް ފިޔަވައި، ދެކުނުގެ ބައެއް އަތޮޅުތަކަށްވެސް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ވިލާގަނޑުގައި ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 35 މޭލާއި 45 މޭލަށް ވައިގަދަވާނެއެވެ. އަދި މިގަޑިތަކުގައި ކަނޑުވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން މަޢުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިއީ ދެމޫސުން ބެދޭހިސާބު ކުރާ ވިއްސާރަކަމަށާށެވެ. ހުޅަނގުމޫސުން ފެށޭނެކަމަށް ބުނަނީ އަންނަމަހު 10 އެއް ހިސާބުގައެވެ.