ޚަބަރު

ކޮވިޑް-19 : މުވައްޒަފަކު ޕޮޒިޓިވްވުމުން ބީއެޗްއެމްގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި


އެކި ބާވަތުގެ އިމްޕޯޓު މުދާ ވިއްކާ ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ އެ ފިހާރައިގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ބީއެޗްއެމްއިން ބުނީ އިއްުރ ހެނދުނު އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަމާބެހޭ ފަރާތްތަކުން އެންގުމާއި ގުޅިގެން އެކުންފުނިން ދޭ ހުރިހާ ހިދުމަތެއް މެދުކަނޑާލާފައިވާމަށެވެ. އަދި އެޗްޕީއޭ އަށް ފުރިހަމަ އެއްބާރުލުންދީ މިކަމުގައި ޓެސްޓްތަކާއި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަގުފަހިކުރުމުގެ ގޮތުން ހުރިހާ މުވައްޒަފުން ތިބީ ގޭގައި މަޑުކޮށްގެންކަމަށް ބީއެޗްއެމް ޓްރޭޑާޒްއިން ބުނެއެވެ.

ބީއެޗްއެމްއިން ބުނީ މުވައްޒަފުންނާއި، ކަސްޓަމަރުން އަދި ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެކުންފުނީގެ ފިހާރަތައް ބަންދުކޮށްފައިވާތީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަަތަށް މަޢާފަށް އެދޭކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުނުހާ އަވަހަކަށް އަލުން ހިދުމަތްތައް ދޭން ފަށާނެކަމަށް ބީއެޗްއެމްއިން މައުލޫމާތުދެއެވެ.