ޚަބަރު

ބަނގްލަދޭޝްއާއި ނޭޕާލްގައި ތިބި 71 ދިވެހިން ރާއްޖެ ގެނެސްފި


ނޭޕާލާއި ބަންގްލަދޭޝްގައި ރާއްޖެ ނާދެވިތިބި ދިވެހިން މިއަދު ރާއްޖެ ގެނެސްފިއެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު މިއަދު ރާއްޖެ ގެނެސްފައިވަނީ 71 ދިވެހިންނެވެ. އެއީ ނޭޕާލުން ގެނައި 18 ދިވެހިންނާ، ބަންގްލަދޭޝްގެ އެކި ސިޓީތަކުން ގެނައި 53 ދިވެހިންނެވެ. މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒް ވުމަށް ގޮސްތިބި މެޑިކަލް ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ. އެދަރިވަރުން ރާއްޖެއަށް ނާދެވި ތާށިވެފައި ތިބީ ކޮވިޑް-19 އާ ގުޅިގެން އެޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނާނެ އިތުރު މަގެއް ނެތުމާ ގުޅިގެންނެވެ.

މިއަދު އައި ފްލައިޓްގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބަންގްލަދޭޝްގެ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. ކޮވިޑް-19 ރާއްޖޭގައި ފެނި، ސިއްހީދާއިރާއިން ރާއްޖެއަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް މިދެއްވި ދީލަތި އެހީތެރިކަން ރާއްޖެއިން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.

މީގެ އިތުރުން ބަންގްލަދޭޝްއިން އައި ފްލައިޓްގައި ރާއްޖެއަށް އައުމަށް ނޭޕާލުގައި ތިބި ދަރިވަރުން ބަންގްލަދޭޝްއަށް ދިޔުމަށް ބޭއްވި ޚާއްސަ ފްލައިޓްގެ ކަންތައްތައް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ނޭޕާލް ސަރުކާރަށްވެސް ދިވެހި ސަރުކާރުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަދި ދިވެހިން އަނބުރާ ގެނައުމާއި މެޑިކަލް ޓީމެއް ފޮނުވައިދެއްވިކަމަށްޓަކައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ޚާރިޖީ ވަޒީރު ޑރ. އޭ.ކޭ. އަބްދުލް މޮމެން އާއި، އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަޒީޒް އަހުމަދާއި ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިއަދު ރާއްޖެ އައި ބަނގްލަދޭޝްގެ އަސްކަރީ ފްލައިޓްގައި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއެވެ.