ޚަބަރު

ކޮތަރުތަކާއި ބުޅާތަކަށް ކާންދޭނެ ބައެއް ނެތި މަރުވަނީ


ޤުދުރަތީ ގޮތިން ޖަނަވާރުންނަކި އޭގެ ޒާތުގައި އެކަނި ދިރިއުޅުމަށް ދަސްވެފައި ތިބޭ އެއްޗެއްސެވެ. ނަމަވެސް މީހަކު އޭގެއިން އެއްޗެއް އޮޅުކޮށްގެން ގެންގުޅޭނަމަ އޭގެ ޒާތުގައި އިންސާނުންނަށް ބަރޯސާވާން ފަށައެވެ.

ދުނިޔޭގެ އެހެން ތަންތަންވެސް ފުރަބަންދަށް ދިޔަހެން ރާއްޖެވެސް މިއޮތީ ފުރަބަންދުގައެވެ. ވެރިރަށް މާލޭގެ މަގުތަށް ވަނީ ހުސްވެފައެވެ. މަގުތައް ހުސްކޮށް އޮތުމުން ކޮތާރާއި ބުޅާތައް މަގުތައް މަތިން ފެނުން ގިނަވެއްޖެއެވެ.

މަގުމަތި ހުސްކޮށް އޮންނައިރު ބުޅަލާއި ކޮތަރުތައް މަގުމަތީގައި އުޅުމަކީ މައްސަލައެއް ނޫނެވެ. ކޮތަރުތައް މިންވަންކަމާއެކު އުޅޭ މަންޒަރު ފެނުމަކީ ގޭތެރޭގައި ފުރަބަންދުގައި ހުރެގެން ބެލްކަނިން ބަލާލަން ހިތްގާއިމު މަންޒަރެކެވެ. ނަމަވެސް މިކަމުގައި ހިތާމަހުރި ކަމަކީ ކޮތަރުތަކާއި ބުޅާތަކަށް ޤަވާއިދުން ކާންދޭން އުޅުނު މީހުން ގޭގައި ބަންދުވެފައި ތިބުމެވެ. އެއާއެކު އެސޮރުމެން އެތިބީ ބަނޑަށްޖެހި، މަރުވާން ކައިރިވެފައެވެ.

ސޯޝަލް މީއިއާގައި ބައެއް ފަރާތްތަކުން ދަނީ ޖުމްހޫރީ މައިދާނާއި މާލޭގެ އެހެން ސަރަހައްދުތަކުގައި މިގޮތަށް މަރުވެފައި ހުރި ކޮތަރުތަކާއި ބުޅާތަކުގެ ފޮޓޯތައް ހާމަކުރަމުންނެވެ.

އާއްމުކޮށް ކޮތަރަކީ ހުސްކޮށް ހުންނަ ސަރަޙައްދުތަކަށް ޖަމާވާ އެއްޗަކަށްވިޔަސް، މިދުވަސްކޮޅު މާލެތެރޭގެ އެކި ހިސާބުތަކުގައި އެސޮރުމެން އުޅެއެވެ.

ނަމަވެސް މިއީ މިއަދުގެ ހާލަތެވެ. އަމިއްލަ ނަފްސު ސަލާމަތްކުރުމަށް އަޅުގަނޑުމެން ތިބެން މިޖެހެނީ ގޭގައެވެ. ކޮންމެ ދިރޭ އެއްޗަކީވެސް އޭގެ ޒާތުގައި ދިރި ތިބުމަށް ކާން އަމިއްލައަށް އެކި ގޮތް ގޮތުން އެއްޗެތި ހޯދުމުގެ ޤާބިލްކަން ހުރި އެއްޗެއްސެވެ. ނަމަވެސް އެތައް އަހަރުތަކެއް ވަންދެން ޖުމްހޫރީ މައިދަނުގަ އުޅެ ކޮތަރުތަކާއި، މާލޭގެ ބައެއް ސަރަހައްދުތަކުގައި އުޅޭ ބުޅާތަކަކީ ކާއެއްޗެތި ހޯދުމަށް އަޅުގަނޑުމެނަށް ބަރޯސާވެފައިވާ އެއްޗެއްސެވެ.

ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް މިފަދަ އެތައް މަންޒަރުތަކެއް ދަނީ ފެންނަމުންނެވެ. އިންސާނުންގެ އެހީތެރިކަން ލިބެމުން ދިޔަ ބައެއް ޖަނަވާރުންތައް ކާ އެއްޗެއް ނުލިބިގެން ރަށުތެރޭގައި އުޅޭ މަންޒަރު ވަނީ އާއްމުވެފައެވެ.