ޚަބަރު

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުން މުހިންމު


ގިނަދުވަސްތަކަކަށްފަހު، ސްކޫލްތަކުގެ ކިޔެވުން މިއަދު އަލުން ފެށޭތީ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކަކުންވެސް ޚާއްޞަ ސަމާލުކަމަކާއި އަހައްމިއްޔަތެއް ދެއްވައިގެން މަގުމަތި ބޭނުންކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރައްވައިފިއެވެ.ސްކޫލް މަދަރުސާތައް ފެށޭ ވަގުތުގައާއި، ދަރިވަރުން ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގެ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ޙަރަކާތްތެރިވަމުން ގެންދަވާނެކަން އަންގައި، ފުލުހުން ބުނެފައިވަނީ، ޚާއްޞަ ގޮތެއްގައި ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި ސްކޫލްތަކަށް ވަދެ ނިކުމެ ހެދުމަށް ދަތިވާގޮތަށް ޕާކު ނުކުރުމަށާއި ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި ދުއްވާއިރު ކަނޑައެޅިފައިވާ ސްޕީޑަށް ދުއްވުމަށް މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަކީ ސްކޫލުތަކުގެ ދަރިވަރުންނަށާއި މަގުމަތީގައި ހިނގާބިނގާވާ އެހެނިހެން މީހުންނާއި، އެއްޗެހި ދުއްވާ ފަރާތްތަކަށްވެސް މުހިއްމު ކަމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި ސްކޫލު ފެށޭ ވަގުތާއި ނިމޭވަގުތުތަކުގައި މަގުމަތި ކާރޫ ބާރު ބޮޑުވެ، ދަރިވަރުންނަށާއި ސްކޫލަށް ދާ ފަރާތްތަކަށް ރައްކާތެރިކަން އިތުރު ކުރުމުގެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެފަދަ ވަގުތުތަކުގައި ހެވީ ވެހިކަލްތައް އެ ސަރަޙައްދުތަކުގައި ކަނޑައެޅިފައިވާ މަގުތަކެއްގައި ދުއްވުން މަނާކޮށްފައެވެ. މިގޮތުން ސްކޫލުތައް ހިމެނޭ ސަރަޙައްދުގައި ސްކޫލުތަކުގެ ކިޔެވުން އޮންނަ ދުވަސްތަކުގެ ހެނދުނު 6:00-8:15 އަށް، މެންދުރު 12:00-14:00 ހަމައަށް  އަދި ހަވީރު 17:15އިން  އިރުއޮއްސި 19:00 ހަމައަށް ލޮރީ، ޕިކަޕް، ތެޔޮ ބައުޒަރު، ކުނިއުފުލާ ވެހިކަލް، ކެރޭން، ފޯކްލިފްޓް ފަދަ ތަކެތި އެމަގުތަކުން ދުއްވުން ވަނީ މަނާކޮށްފައެވެ.މީގެ އިތުރުން ފުލުހުންވަނީ މާލޭގެ ސެކަންޑްރީ ޕްރައިމަރީ އަދި ޕްރީސްކޫލްތަކާއި ކައިރީގައި އެފަދަ އުޅަންދުތައް ވަނުން މަނާ ސަރަހައްދުތަކުގެ މަގުތައް ހިމެނޭ ލިސްޓެއްވެސް އާންމުކުރައްވާފައެވެ.ގިނަ ދުވަސްތަކަކަށް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލީ ރާއްޖޭގައި ހަލުވި ކަމާއެކު ޑެންގީ ހުން ފެތުރެމުން ދިއުމާ ގުޅިގެންނެވެ.