ޚަބަރު

ކޯވިޑް-19 : މިއަދުގެ މިހާތަނަށް 15 މީހުން ޕޮޒިޓިވްވެއްޖެ


މިއަދުގެ މިހާތަނަށް އެކަނިވެސް ރާއްޖެއިން 15 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވެފައިވަނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ. އެހެންކަމުން ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 67 އަށް އިތުރުވެފައެވެ.

ރާއްޖެއިން މި ބައްޔަށް މިހާރު ފަރުވާދެމުންދަނީ 51 މީހަކަށެވެ. 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 23 ދިވެހިންނާއި 23 ބިދޭސީންނެވެ. އަދި ހއ. އުލިގަމުން ވަނީ އެކަކު ފެނިފައެވެ.

ކޯވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން މީހާތަނަށް 903 މީހަކު ފާހަގަކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ. ނޭޝަނަލް އެމަރެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މި މީހުންގެ އިތުރުން މިހާތަނަށް 152 އިމާރާތެއްވެސް މޮނިޓަރިންގެ ހާލަތަށް ލާފައިވާކަމަށެެވެ.

މީގެ އިތުރުުން މިހާތަނަށް ރާއްޖެއިން 4139 ސާމްޕަލް ނަގާފައިވާކަމަށާއި މީގެ ތެރެއިން 3834 މީހެއްގެ ސާމްޕަލް ނެގެޓިވްކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 245 މީހެއްގެ ސާމްޕަލް ލިބިފައިނުވާކަމަށް މަބްރޫކް ވިދާޅުވެއެވެ. އަދި ވިލިވަރު ކަރަންޓިން ފެސިލީޓީގައި ތިބި 3 މީހެއްގެ ނަތީޖާ ނެގެޓިވްވުމާ ގުޅިގެން މިހާރު ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގެ 9 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. މާރަންދޫ ހދ. ނޮޅިވަރަން، ހއ.ވައިކަރަދޫ، ހިރިމަރަދޫ، ހޯރަފުށި ،ތުރާކުނު ، ތަކަންދޫ، އިހަވަންދޫ އަދި އުލިގަމު ހިމެނެއެވެ. ރާއްޖޭގައި މިހާތަނަށް 67 މީހަކަށް ވަނީ ބަލިޖެހިފައެވެ.

މާލޭގެ އިތުރުން އެހެން ރަށަކުން ބަލި ފެނުމާއި ގުޅިގެން އިތުރު ކަރަންޓީން ފެސިލިޓީސްތައް ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ކަނޑިންމަ ރިސޯޓާއި، އިރުފުށި ރިސޯޓް ކަރަންޓީން ފެސިލިޓީސްއެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި މިހާރު ކަރަންޓީން ފެސިލިޓީސްތަކުގެ ގޮތުގައި 14 ފެސިލިޓީސް ބޭނުންކުރެވޭނެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.