ޚަބަރު

ކޯވިޑް-19ގެ އެންމެ ފަހުގެ ޚަބަރުތައް: ދުނިޔެއަށް އަވަސް ކަޅިއެއް


މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19ވަނީ ދުނިޔޭގެ 210 ޤައުމަކާއި ސަރަޙައްދަކަށް ފެތުރި، 2,415,294 މީހުންނަށް އޭގެ އަސަރުކޮށްފައެވެ. އެބަލިމަޑުކަމުގައި 165,192 މީހުންވަނީ މަރުވެފައެވެ.

އެމެރިކާގެ ޤައުމުތައް

ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އަދި ބަލިމަޑުކަމުގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ އެމެރިކާގައި ބަލީގެ އަސަރުކޮށްގެން މަރުވެފައިވާ މީހުންގެ ޢަދަދުވަނީ 40،000އަށްވުރެ އިތުރުވެފައެވެ. އެއީ ބަލިމަޑުކަމުގެ އަސަރު ދެވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީވިލާތުގައި މީހުން މަރުވި ޢަދަދަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ.

އެމެރިކާގެ ބިޔަ ޢިޤްތިޞާދަށް ބަލިމަޑުގެ ސަބަބުންދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެމެރިކާގެ ގިނަ ޢަދަދެއްގެ ރައްޔިތުންދަނީ އިޤްތިޞާދީ ދަތިތައް ކުރިމަތިވިނަމަވެސް ގޭގައި މަޑުކުރަން މަޖުބޫރުވެފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު މުޒާހަރާތައް ކުރަން ތައްޔާރުވަމުންދާކަމަށް ބުނެ، ޤައުމުގެ އިޤްތިޞާދު އަލުން ހުޅުވާލަން ބާރުއަޅުއްވާފައެވެ. ނަމަވެސް ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓުތަކުގެ ގަވަރުނަރުންދަނީ ޓްރަމްޕްގެ ގޮވާލެއްވުމަށް ދެކޮޅުހަދަމުންނެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުންދަނީ ބަލިމަޑުކަމުގެ ސަބަބުން ގެއްލުންލިބެމުންދާ ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންނެވެ. މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަޝްވަރާތަކުގައި ވަރަށް އަވަހަށް ނިންމުމަކާހަމައަށް ވާޞިލުވެވޭނެކަމަށް އެޤައުމުގެ ޤާނޫނުހަދާ މަޖިލިހާއި ސަރުކާރުން ބުނެއެވެ.

އެމެރިކާއާ އިންވެގެން އޮންނަ ކެނެޑާގައި ކޯވިޑް-19 ޖެހޭ މިންވަރުގެ މިސްރާބުހުރީ ރަނގަޅު ދިމާލަކަށްކަމަށާއި ބަލިމަޑުކަމާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދިވެސް ހަރުކަށިކަމާއެކު ކުރިއަށްގެންދަން ޖެހޭކަމަށް އެޤައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވަނީ ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 ޖެހިފައިވާ 10،000އަށްވުރެ ގިނަ މީހުން އެޤައުމުގައި ތިބިކަމަށް ޗިލީންވެސްވަނީ ބުނެފައެވެ. ދުނިޔޭގައި އެންމެ ފުޅާކޮށް ރަތުލޯގެ ބާވަތްތައް އުފައްދާ ޗިލީގައި ބަލީގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދަކީ ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ މަތީ ޢަދަދެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ފުޅާކޮށް ރަތުލޯގެ ބާވަތްތައް އުފައްދާ ޕެރޫގައިވެސް ކޯވިޑް-19ޖެހިފައިވާ 15،000އަށްވުރެ ގިނަ މީހުން ތިބިކަމަށް އެޤައުމުން ބުނެއެވެ. އެއީ ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ދެވަނައަށް އެންމެ މަތީ ޤައުމެވެ. ބަލީގެ އަސަރުކޮށްފައިވާ 38,654 މީހުންނާއެކު ދެކުނު އެމެރިކާއިން ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ބްރެޒިލަށެވެ.

ވިލާތުގެ ޤައުމުތައް

ކޯވިޑް-19ގެ ސަބަބުން ރަޝިޔާގައި ކުރިމަތިވެފައިވާ ޙާލަތު އެޤައުމުގެ ސަރުކާރަށް ނުތަކާވަރަށް ގޯސްވެފައިނުވާކަމަށް އެެޤައުމުގެ ރައީސް ވްލަޑްމީރު ޕުޓިންވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުވާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. ޕުޓިން އެހެން ވިދާޅުވެފައިވަނިކޮށް އަލަށް ކޯވިޑް-19 ޖެހިފައިވާ 6000އަށްވުރެ ގިނަ މީހުން އެޤައުމުންވަނީ ފެނިފައެވެ. އެއީ އެޤައުމުގައި މިހާތަނަށް އެއްދުވަހުގެ ތެރޭގައި އެންމެ މަތީ ޢަދަދަކަށް ކޯވިޑް-19 ޖެހިފައިވާ ދުވަހެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރުނު އިޓަލީވިލާތުގައި މިހާރުވަނީ ކޮންމެވެސް ވަރަކަށް ބަލިފެތުރުން މަޑުޖެހިފައެވެ. ބަލިމަޑުކަމުގެ ސަބަބުން އެޤައުމުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވެފައިވަނީ 433 މީހުންނެވެ. އެއީ ފާއިތުވީ އެއް ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް މީހުން މަރުވި އެންމެ ދަށް ޢަދަދެވެ.

ކޯވިޑް-19ގެ އަސަރުކޮށްފައިވާ 15,251 މީހުން އަޔަލެންޑުންވަނީ ފެނިފައެވެ. އެޤައުމުންބުނީ އަލުން މީހުން އެއްވެ އުޅުމަށް އެޤައުމުގައި މިއަހަރުގެ ތެރޭގައި ޙުއްދަ ދިނުމަކީ ނާދިރުކަމެއްކަމަށެވެ. އަދި އުމުރުން 70 އަހަރަށްވުރެ މަތީގެ މީހުން ގިނަ ދުވަސްތަކެއްވަންދެން ގޭގައި މަޑުކުރަން ޖެހިދާނެކަމަށް އެޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު ސައިމަން ހެރިސްވަނީ ވިދާޅުވެފައެވެ.

އިނގިިރޭސިވިލާތުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ތުރުކީވިލާތުން ގެންނަ ޞިއްޙީ ރައްކާތެރިކަމުގެ ސާމާނު ގެނައުމުގައިވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. އާދީއްތަ ދުވަހު ގެންނަން ހަމަޖެހިފައިވާ ސާމާނު ލިބުން ލަސްވެފައިވާތީ، އިނގިރޭސިވިލާތުގައި ޞިއްޙީ ރައްކާތެރިކަމުގެ ސާމާނު ލިބުން ދަތިވެފައިވާ ދަނޑިވަޅުގައި ޞިއްޙީ ޚިދުމަތްތެރިންދަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލަމުންނެވެ. ބަލިމަޑުކަމުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އަދިވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ އެޤައުމުގައި މީގެ ހަތަރު ހަފުތާ ކުރިން އަޅާފައިވާ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލަން ނުވިސްނަވާކަމަށް އެޤައުމުގެ އިސް ވަޒީރަކުވަނީ ބުނެފައެވެ.

ޖަރުމަނުވިލާތުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވެސްވަނީ ދަށްވެފައެވެ. ޖަރުމަނުވިލާތުގައި ޖުމްލަ 145,742 ކޯވިޑް-19ގެ އަސަރު މިހާތަނަށް ކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަލަށް ބަލިޖެހިފައިވާކަމަށް ހޯދިފައިވަނީ 2،018 މީހުންނެވެ. އެއީ ފާއިތުވީ ތިން ދުވަހުގެ ތެރޭގައި ދުވާލެއްްގެ މައްޗަށް ބަލިޖެހިފައިވާ މީހުންގެ ޢަދަދު އެންމެ ދަށްވި ދުވަހެވެ.

ޗައިނާ

އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެންފެށުނު ޗައިނާގައި ބަލި ފެތުރޭ މިންވަރު މިހާރުވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އެޤައުމުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ އެންމެ 16 މީހުންނެވެ. އަދި އެއްވެސް މީހަކު މަރުވިކަމުގެ މަޢުލޫމާތެއް ނުލިބެއެވެ. އެޤައުމުގެ އިދާރާތަކުންދަނީ ދެވަނަ ފަހަރަށް ބަލިމަޑުކަން ފެތުރިދާނެތީ ހުޝިޔާރުވެ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދެކުނު ކޮރެޔާ

ފާއިތުވި 24 ގަޑިއިރަކީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ދެކުނު ކޮރެޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުން އެންމެ މަދުން ފެނުނު ދުވަހެވެ. އެޤައުމުގައި އިއްޔެ ފެނިފައިވަނީ ބަލިމަޑުކަމުގެ އަސަރު އަލަށްކޮށްފައިވާ އެންމެ 8 މީހުންނެވެ. އެޤައުމުގައި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އަންގާފައިވާ އެންގުންވަނީ އިތުރު 15 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައެވެ. ނަމަވެސް ބައެއް ކުޅިވަރު މުބާރާތްތަކާއި ދީނީ އެއްވުންތައް ބޭއްވުމުގައިވަނީ ލުއިތަކެއް ދީފައެވެ.

އިންޑޮނޭޝިޔާގައި ކޯވިޑް-19ގެ ސަބަބުން މަރުވި މީހުންގެ ޢަދަދުކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކުން އިޢުލާނުކޮށްފައިވަނީ 535އެވެ. ނަމަވެސް އެޤައުމުގެ ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ބުނެފައިވަނީ ބަލީގެ ސަބަބުން މަރުވި މީހުންގެ ހަޤީޤީ ޢަދަދު ރަސްމީކޮށް އިޢުލާނުކޮށްފައިވާ ޢަދަދަށްވުރެ ދެގުނަ އިތުރުވާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. މިހާތަނަށް 6,575 މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށްފައިވާކަމަށް އިންޑޮނޭޝިޔާގެ އިދާރާތަކުންވަނީ ބުނެފައެވެ.

ޕާކިސްތާނުގައި 8,348 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށް ރަސްމީ އިދާރާތަކުން މަޢުލޫމާތު ދެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަލަށް ބަލިޖެހިފައިވާ 710 މީހުންވަނީ އެޤައުމުން ފެނިފައެވެ. ނަމަވެސް ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށްފަހު މިސްކިތްތަކުގައި އަލުން ޖަމާޢަތް ހަދައިގެން ނަމާދުކުރުމުގެ ޙުއްދަ ޕާކިސްތާނުގެ ސަރުކާރުންވަނީ ދީފައެވެ. ނަމަވެސް ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެޤައުމުން ބުނެއެވެ.

މެދުއިރުމަތި

ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތަކާމެދު ދުނިޔޭގެ އިޤްތިޞާދީ ގޮތުން އެންމެ ވަރުގަދަ 20 ޤައުމުގެ މެދުގައި މަޝްވަރާކޮށްފައިވާކަމަށް ސަޢުދީ ޢަރަބިއްޔާއިންވަނީ ބުނެފައެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުންވަނީ ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކެއްގައި ތިބި މުސްލިމު އަޚުންނާއި އުޚުތުން ކުރިއަށް އޮތް ރަމަޟާން މަހު ގޭގައި ނަމާދުކޮށް އަޅުކަން ކުރުމަށް ބާރުއަޅާފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން މީގެ ކުރިން އެންމެ ބޮޑަށް ކޯވިޑް-19 ފެތުރިފައި އޮތީ އީރާނުގައެވެ. ނަމަވެސް ތުރުކީވިލާތުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު މިހާރުވަނީ އީރާނަށްވުރެ އިތުރުވެފައެވެ. އީރާނުގެ ޖަލުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު މަދުކުރުމަށް ޖަލުތަކުގައި ތިބި ޤައިދީންވަނީ ވަކި މުއްދަތަކަށް މިނިވަންކޮށްފައެވެ. އީރާނުގެ ރައީސް ހަސަން ރޫޙާނީވަނީ އެމުއްދަތު އެއްމަސް ދުވަހަށް އިތުރުކުރައްވާފައެވެ.