ދުނިޔެ

ބަލި ކޮންޓްރޯލްކުރުމުގެ ކުރީގައި އުޅެނީ އަންހެން ލީޑަރުން ތިބި ޤައުމުތައް


ކޮވިޑް-19އާ ދެކޮޅަށް އެކި ޤައުމުތަކުން އަޅާ ފިޔަވަޅުތައް ތަފަތެވެ. އަދި އެކި ޤައުމުތަކުން މިކަމުގައި ހޯދާ ކުރިއެރުންވެސް ތަފާތެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެންމެ ކާމިޔާބު ފިޔަވަޅުތަކެއް އެޅި ގިނަ ޤައުމުތަކުގެ މެދުގައި އެއްގޮތްވާ އެއްކަމަކީ މިޤައުމުތަކުގައި އަންހެން ލީޑަރުން ތިއްބެވުމެވެ. މިގޮތުން ޤައުމުތަކުގެ ލީޑަރުންގެ ގޮތުގައި އަންހެނުން ތިއްބެވި ޤައުމުތަކުން ކޯވިޑް19އާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާ ވައިރަސް ފެތުުރުން ވަރަށް ބޮޑަށް ވަނީ ކޮންޓްރޯލްކޮށްފައެވެ. އޭޝިޔާ، ޔޫރަޕް އަދި ފެސިފިކްގެ ބައެއް ޤައުމުތަކުގެ އަންހެން ލީޑަރުން ދައްކަވަމުންދަނީ ލާމަސީލު ނަމޫނާއެކެވެ.

މިޤައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެޅިފިޔަވަޅިތަށްވެސް އެއްގޮތްވީމައެވެ.

މި ޤައުމުތަކުން ކޮވިޑް-19 ކޮންޓްރޯލްކުރެވުނީ ސައިންސްގެ މައްޗަށް ބިނާކޮށް ދުރާލާ އެޅުނު ފިޔަވަޅުތަކުގެ ސަބަބުންނެވެ. މިގޮތުން ގިނަ ބަޔަކު ވައިރަސްއަށް ޓެސްޓުކުރުމާއި، ބޭސް ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، ހަރުދަނާ ކޮންޓްރެކްޓް ޓްރޭސިން ނިޒާމްމެއް ޤާޢިމްކުރުމުގެ އިތުރުން މުޖުތަމައުތަކުގެ ތެރޭގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.

އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން މިގޮތުން ފާހަގަވެފައިވަނީ ޓައިވާނެވެ. 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓައިވާންގެ ރައީސް ސައި އިންވެން ވަނީ ޑިސެމްބަރުމަހު ވޫހާންގައި ވައިރަސް ފެތުރެން ފެށި ހަބަރު ލިބުމާއެކު ވޫހާންއިން ޓައިވާނަށް އަންނަ ފްލައިޓްތައް މޮނިޓަރކުރުމުގެ މަސައްކަތް ފެށުމަށް ކަމަބެހޭ އިދާރާތަކަށް އަންގަވާފައެވެ. އަދި ވަގުތުން ވަގުތަށް އެޕަޑެމިކް ކޮމާންޑް ސެންޓަރެއް ޤާއިމްކޮށް މިކަމަށް ބޭނުންވާނެ ސިއްހީ ވަސީލަތްތަކާއި މާސްކު ފަދަ ތަކެތި ތައްޔަރުކުރަން ފެށިއެވެ. އަދި ޗައިނާއާއި، ހޮންކޮން މަކާއޯއިން ޓައިވާނަށް އަންނަ ފްލައިޓްތައް ހުއްޓުވާލިއެވެ. ތައިވާނުން ނެގި ހަރުދަނަ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 393 ދަށް ކުރެވުނެވެ. އަދި ވައިރަސް ޖެހި ޓައިވާނުގައި މަރުވި މީހުންގެ އަދަދު ހުރީ 6 ގައެވެ.

ޓައިވާނުން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކާމިޔާބު ފިޔަވާޅުތަކެއް އަޅާ، ހޯދި ކުރިއެރުމަށްފަހު އެހެން ޤައުމުތަކުން މިވައިރަސް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވާންވެސް ފަށާފައެވެ. މިގޮތުން ޔޫރަޕް ގެ އިޤްތިހާދުގެ ޤައުމުތަކާއި އެހެން ޤައުމުތަކަށް އެތަށް މިލިއަން ފޭސް މާސްކެއް އެކްސްޕޯޓުކުރުމުގެ މަސައްކަތް ޓައިވާނުން ދަނީ ކުރަމުންނެވެ.

83 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލާ މާކެލް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އެކަމަނާގެ މަޤުބޫލުކަން ވަނީ ޖަރުމަންވިލާތުގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޤައުމަކީ ޔޫރަޕްގައި ކޯވިޑް-19އަށް އެންމެ ގިނައިން މީހުން ޓެސްޓު ކުރި ޤައުމެވެ. މިގޮތުން ހަފްތާއަކު 350 ހާސް މީހުން ކޯވިޑް-19 އަށް ޓެސްޓުކުރެވެމުން ދިޔައެވެ.

ނަތީޒާއަކަށްވީ ބަލިޖެހިފައިވާ ގިނަ މީހުންތަކެއް ދުރާލާ ދެނަގަނެ، އެކަހެރިކޮށް، އެހެން މީހުންނަށް ބަލި ޖެހުން ކޮންޓްރޯލްވެގެން ދިއުމެވެ.

ޖަރުމަންވިލާތުގައި މިހާތަނަށް ކޯވިޑް-19އަށް އެއްލައްކަ ސާޅީސް ފަސް ހާސް މީހުން (145000) މީހުން ޕޮޒިޓިވްވީނަމަވެސް، މަރުވެފައިވަނީ 4642 މީހުންނެވެ،. މިއީ ޔޫރަޕްގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ.

ޖަރުމަންވިލާތުން ކޯވިޑް ކޮންޓްރޯލްކުރުމުގައި ބޮޑު ކާމިޔާބެއް ހޯދާފައިވާއިރު ފާހަގަކޮށްލެވޭ އެއް ކަމަކީ އެޤައުމުގެ ލީޑަރު، އެންގެލާ މާކެލްއަކީ ކުއެންޓަމް ކެމިސްޓްރީން ޑޮކްޓަރޭޓް ހާސިލްކޮށްފައިވާ ފަރާތެއްކަމެވެ.

ނިއު ޒިލޭންޑުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެޤައުމުގެ ބޮޑުވަޒީރު ޖަހިންދަ އަރްދަން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ފަސް މިލިއަން ރައްޔިތުން އުޅޭ ޖަޒީރާ ނިއުޒިލޭންޑަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެކެވެ. ނަމަވެސް ކޮވިޑް-19 ދުނިޔެއަށް ފެތުރެން ފެށުމުން މާރޗް 19 ގައި އެޤައުމުގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. އަދި މާރޗް 23 ހުން ފެށިގެން މުޅި ޤައުމު ފުރަަބަންދަށް ގެންދިޔައެވެ. ނިއުޒިލޭންޑުގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާއިރު، ޤައުމުން ފެނިފައިވަނީ 1100 ފޮޒިޓިވް ކޭސްއެވެ. އަދި އެޤައުމުގައި ކޮވިޑް-19 ޖެހި މަރުވެފައިވަނީ 9 މީހުންނެވެ. އަނެއްކޮޅުން ކޮވިޑް-19ގެ ނުރައްކާ އަދިވެސް އޮތްކަމުން، ފުރަބަންދުގެ ހާލަތު އިތުރުކުރުމަށް އެޤައުމުގެ ބޮޑުވަޒީރު ވަނީ ނިންމަވާފައެވެ.

ޓައިވާނާއި، ޖަރުމަނާއި ނިއުޒިލެންޑުގެ އިތުރުން، ފިންލެންޑާއި އައިސްލެންޑުގެ ސަރުކާރުވެސް ހިންގަވަނީ އަންހެނުންނެވެ. އެ ދެ ޤައުމުންވެސް ވަނީ ކޯވިޑް ކޮންޓްރޯލްކުރުމުގައި ނަމޫނާ ދައްކާފައެވެ.