ޚަބަރު

ދުނިޔޭގެ 15 ޤައުމަކުން ކޯވިޑް-19 ފެނިފައިވާކަމަށް ރިޕޯޓު ނުކުރަނީ ކީއްވެ؟


މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިިގެން ޗައިނާގެ ވުހާން ސިޓީގައި މުޅިން އަލަށް ފެނި ފެތުރެންފެށި ކޯވިޑް-19 މިހާރުވަނީ ދުނިޔެގެ ހުރިހާ ކަންކޮޅުތަކަކަށް ދަތުރުކޮށްފައެވެ. ޗައިނާއިން އާޖެންޓީނާގެ ކޮރުދޮބާ ޕްރޮވިންސާ ހަމައަށްވެސް ބަލިމަޑުކަން މިހާރުވަނީ ފޯރާފައެވެ.

ގައިންގަޔަށް އަރާ ބަލިތަކާބެހޭ މާހިރުންދަނީ ކޯވިޑް-19ގެ އަސަރުކޮށްފައިވާ ޤައުމުތައް ދުނިޔޭގެ ޗާޓުތަކުގައި ފާހަގަކުރަމުންނެވެ. އެއްދުވަހުން އަނެއް ދުވަހަށް އެފާހަގަތައް އިތުރުވާތީ ލައްގަނޑެއް ޖެހިފައިނުވާ ސަރަޙައްދުތައް މީހުންގެ ލޮލުގައި އަޅައިގަންނަ މިންވަރު މިހާރުވަނީ އިތުރުވެފައެވެ. ވަބާއަކަށްވެފައިވާ ކޯވިޑް-19 ބަލިމަޑުކަމުގެ އަސަރުކޮށްފައިނުވާ 15 ޤައުމު އޮތުމުން އެކަމާ ހައިރާންވާ މީހުންގެ ޢަދަދު މަދެއް ނޫނެވެ.

އެ 15 ޤައުމުގެ ތެރެއިން ބައެއް ޤައުމުތަކަކީ އެހެން ޤައުމުތަކާ މުޅިން ވަކިން އޮތުމުގެ ސަބަބުންނާއި ހުށިޔާރުކަމާއެކު ސަރަޙައްދީ ރޮނގުތައް އަވަސްގޮތަކަށް ބަންދުކުރުމުގެ ސަބަބުން ސަލާމަތުގެ އައްސޭރިއެއްގައި މިވަގުތު އޮތް ޤައުމުތަކެކެވެ. އަނެއްބައި ޤައުމުތަކަކީ ޚުދުމުހުތާރު ވެރިންގެ ބާރުގެ ދަށުގައި އޮންނަ ޤައުމުތަކެކެވެ. އެފަދަ ޤައުމުތަކުގެ އިސްވެރިންދަނީ ޤައުމުގެ ގަދަކަން ދެއްކުމަށް ކުރިމަތިވެފައިވާ ހަޤީޤީ ޙާލަތުގެ މަޢުލޫމާތު ޙިއްޞާނުކޮށް ސިއްރުކުރަމުންނެވެ. ދެން އޮތީ ސިޔާސީ ވެރިންގެ މެދުގައި އުފެދިފައިވާ ޖޯޝުގެ ސަބަބުން ބައްޔަށް ތަހުލީލުކުރުމަށް މާބޮޑު ސަމާލުކަމެއް ނުދޭ ޤައުމުތަކެވެ. އެފަދަ ޤައުމުތަކުގެ ސިޔާސީ ޙާލަތާއި ކަނޑައަޅާފައިވާ އުޞޫލުތައް ރަނގަޅަށް ދިރާސާ ކޮށްލުމުން އެޤައުމުތަކުން ބަލިމަޑުކަމުގެ އަސަރުކޮށްފައިނުވާ ސަބަބާމެދު ކޮންމެވެސް މިންވަރެއްގެ ޙިޔާލުތަކެއް އާދެއެވެ.

އެފްރިކާ

ކޮމޮރޯސް އައިލެންޑްސަކީ އިންޑިޔާ ކަނޑުގައި ވަރަށް އެކަހެރިކޮށް އޮންނަ، މަދުން ނޫނީ މީހުން ޒިޔާރަތް ނުކުރާ ކުޑަކުޑަ ޤައުމެކެވެ. މުސްލިމުން ގިނަ އެޤައުމަކީ ދިވެހިރާއްޖެ ގޮތަށް ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ޤައުމެކެވެ. ޖެނުއަރީ މަހުން ފެށިގެން އެޤައުމަށް ޗައިނާއިން އަންނަ މީހުންގެ ކިބައިން ކޯވިޑް-19ގެ ޢަލާމާތެއް ފެނޭތޯ ބެލުމަށް އެޤައުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯގެ ވަފުދަކުންދަނީ ޙަރަކާތްތެރިވަމުންނެވެ. މާރިޗު މަހުގެ 17ވަނަ ދުވަހު އެޤައުމުގެ ރައީސް އަޒާނީ އުސްމާނީވަނީ ޙަފުލާތަކުގައި ބައިވެރިވެވޭނެ އެންމެ ގިނަ މީހުންގެ ޢަދަދު ކަނޑައަޅާ، ކަރަންޓީނުކުރުމުގެ އުޞޫލުތަކެއް ތަޢާރަފުކުރައްވާފައެވެ. އޭގެ ނުވަދުވަސްފަހުން އޭނާ ވަނީ އެޤައުމުގެ ހުރިހާ މިސްކިތްތަކުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލުމަށް ޢަމުރުކުރައްވާފައެވެ. އޭޕްރިލް މަސް ފެށުނުއިރު ކޮމޮރޯސްގެ 250އަށްވުރެ ގިނަ ރައްޔިތުންވަނީ ކަރަންޓީނުކޮށްފައެވެ. އޭގެ ތެރެއިން ކޯވިޑް-19އަށް ތަހުލީލުކުރަނީ ބަލީގެ ޢަލާމާތްތައް ފެންނަ މީހުން އެކަންޏެވެ. ކޮމޮރޯސްގެ ޑޮކްޓަރަކުބުނީ މެލޭރިއާފަދަ ބަލިތަކާ ދެކޮޅަށް ބޭނުންކުރާ އެންޓިވައިރަލް ބޭސް އެޤައުމުގައި ބޭނުންކުރާ ނިސްބަތް އިތުރުވުމަކީ އެޤައުމުގައި ބަލިފެތުރިފައިނުވާ އެއް ސަބަބު ކަމަށެވެ.

ދެ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލިޒޯތޯގައިވެސް އެއްވެސް މީހަކަށް ކޯވިޑް-19 ޖެހިފައިނުވާކަމަށް ބުނެއެވެ. ނަމަވެސް ލިޒޯތޯގެ ވަށައިގެންވާ އެފްރިކާގެ އެހެން ޤައުމުތަކުގައި ބަލިމަޑުކަންދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ލިޒޯތޯގެ ބޮޑުވަޒީރު އޭނާގެ އައިންބަކު މަރާލިކަމުގެ ތުހުމަތުކުރެވުމުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތެރޭގައިވަނީ ގިނަ ހަމަނުޖެހުންތަކެއް އުފެދިފައެވެ. ހަމަނުޖެހުންތައް އިތުރުވެ ޙާލަތު ގޯސްވެފައިވާ ލިޒޯތޯގެ ސަރުކާރުން އެންމެ ފުރަތަމަ ކޯވިޑް-19އަށް ސަމާލުކަން ދިނީވެސް މާރިޗުމަހުގެ 10ވަނަ ދުވަހުއެވެ. ބޭރު ޤައުމުތަކާއެކު ވިޔަފާރިކުރުން އެދުވަހުން ފެށިގެންވަނީ ހުއްޓާލާފައެވެ. ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫން އެހެން ޚިދުމަތްތައްދޭ ވިޔަފާރިތައްވަނީ އޭގެ ހަފުތާއެއްފަހުން ބަންދުކޮށްފައެވެ. މާރިޗު މަހުގެ ފަހުކޮޅު ބަލީގެ ޢަލާމާތް ފެނިފައިވާ ގިނަ ޢަދަދެއްގެ މީހުން ތިބިކަމަށް އެޤައުމުގެ ސަރުކާރުން އިޢުލާނުކުރިއެވެ. އެތަނުން އެކަކު ތަހުލީލުކޮށް ނަތީޖާ ލިބުމުގެ ކުރިންވަނީ މަރުވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ބަލިޖެހިފައިވާކަމަށް އެޤައުމުގެ ސަރުކާރުން އަދިވެސް އިޢުލާނުކޮށްފައެއް ނުވެއެވެ. އެޤައުމަށް ގިނަ ޢަދަދެއްގެ ތަހުލީލު ކިޓު ހަދިޔާކޮށްފައިވީނަމަވެސްް އެކިޓުތަކުގެ ބޭނުން ހިފުމަށް ބޭނުންވާ ވަޞީލަތްތައް އެޤައުމުގައި ނެތެވެ.

ޕެސިފިކް އައިލޭންޑްސް

ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމުތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އެންމެ އެކަހެރިކޮށް އޮންނަ ޤައުމުތަކެވެ. ތަރައްޤީވަމުންދާ އެޤައުމުތަކުގައި ރަނގަޅު ޞިއްޙީ ނިޡާމެއް ނުހުރެއެވެ. އަދި ބަލިހާލުބޮޑުވާ މީހުންނަށް ފަރުވާދޭނެ އައިސީޔޫއެއްވެސް ނުހުރެއެވެ. އެހެންކަމުން އެއިން ޤައުމަކުން ކޯވިޑް-19 ފެނިއްޖެނަމަ އެޤައުމުތަކުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެއެވެ. ނަމަވެސް ޕެސިފިކް ކަނޑުގައި އޮންނަ 10 ޤައުމަކުން ކޯވިޑް-19 ފެނިފައިވާކަމަށް ބުނެފައެއް ނުވެއެވެ. ކިރީބަޓިއާއި މާޝަލް އައިލޭންޑްސާއި މައިކްރޮނީޝިޔާއާއި ޕަލާއުވަނީ ދުނިޔޭގައި ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ޗައިނާއިން އެޤައުމުތަކަށް މީހުން ދަތުރުކުރުން މަނާކޮށްފައެވެ. މާރިޗު މަހާއި އޭޕްރިލް މަހުގެ ތެރޭގައި ނައުރޫއާއި ސަމައޯއާއި ސޮލޮމޮން އައިލޭންޑްސާއި ތޮންގޯއާއި ތުވަލުއާއި ވަނުއަޓުއިންވަނީ ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރޭ ޤައުމުތަކުން މީހުން އެޤައުމުތަކަށް އައުން މަނާކޮށްފައެވެ. އެޤައުމުތަކުން ކޯވިޑް-19އާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް ވަރަށް ފަހުން އެސަރަޙައްދަށް ކުރިމަތިވި މޫސުމީ ކާރިޘާއެއްގެ ސަބަބުން އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި އެކަހެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ދޫދޭންވަނީ މަޖުބޫރުވެފައެވެ.

އުތުރު ކޮރެޔާ

ބަލީގެ އަސަރު ފެނިފައިނުވާކަމަށް ބުނާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮންނަނީ އުތުރު ކޮރެޔާގައެވެ. އަދި ބަލިމަޑުކަން ފެތުރެންފެށި ޗައިނާއާ އެންމެ ކައިރީގައި އޮންނަނީވެސް އުތުރުކޮރެޔާއެވެ. ނަމަވެސް އެޤައުމުން ބުނަނީ ބަލިމަޑުކަމުގެ އެއްވެސް އަސަރެއް އެޤައުމުން މިހާތަނަށް ފެނިފައިނުވާކަމަށެވެ. އުތުރު ކޮރެޔާއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ ވަކިވެގަނެފައިވާ ޤައުމަކަށްވުމަކީ އެޤައުމުގެ އެބުނުމަށް ހިތްވަރުދޭ ބާރެކެވެ. ނަމަވެސް އެޤައުމަކީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގައި ޗައިނާއާ ގުޅުން ބާއްވާ ޤައުމެކެވެ. ޖެނުއަރީ މަހުގެ 22ވަނަ ދުވަހު ޗައިނާއިން އުތުރު ކޮރެޔާއަށް ފަތުރުވެރިން ގެނައުން ހުއްޓާލިއެވެ. އޭގެ އެއް ހަފުތާފަހުން އެޤައުމުގައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. އޭގެ ފަހުން ޗައިނާއިން އެޤައުމަށް އެތެރެވާ ކޮންމެ މީހަކު އެއްމަސްދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުން މަޖުބޫރުކުރިއެވެ. އޭގެ ފަހުން އެތައް ހާސްބަޔަކު ކަރަންޓީނުުވުމަށްވަނީ މަޖުބޫރުކޮށްފައެވެ.

އެޤައުމުގެ ޚުދުމުހުތާރު ވެރިޔާ ކިމް ޖޮން އަން ދަތުރުކުރުމާއި ތަހުލީލުކުރުމުގެ އުސޫލުތައް އިތުރަށް ހަރުކަށިކުރެއްވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ ބަލިމަޑުކަމުގެ އެއްވެސް އަސަރެއް އެޤައުމުން ނުފެންނަކަމަށެވެ. މުޅި ޤައުމު ހިނގަނީ އޭނާގެ ނުފޫޒާއި ބާރު ބޭނުންކޮށްގެންކަމުން ޤައުމުގެ ޙާލަތާބެހޭގޮތުން ކޮންމެ ގޮތަކަށް ވާހަކަދެއްކުމުގެ ފުރުޞަތުވެސް އޭނާއަށް އޮވެއެވެ. އެޤައުމުގެ އެތައްސަތޭކަ އަސްކަރީ ސިފައިން ބަލިމަޑުކަމުގެ ސަބަބުން މަރުވެފައިވާކަމުގެ އަޑުތައް އިވިފައިވީނަމަވެސް ކިމް ވިދާޅުވަނީ އޭނާގެ ޤައުމު އޮތީ ރައްކާތެރިކަންމަތީ ސަލާމަތުންކަމަށެވެ. 500އަށްވުރެ ގިނަ މީހުން ކަރަންޓީނުކޮށްފައިވާކަމަށާއި 700އަށްވުރެ ގިނަ ތަހުލީލުގެ ނަތީޖާއިން އެމީހުންގެ ގައިގައި ބަލިނެތްކަމަށް ޔަޤީންވާކަމަށް އޭނާވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ވަރަށް ފަހުން އަންގާފައެވެ. ޞިއްޙީ މާހިރުން މިޢަދަދުތަކާމެދުވަނީ ސުވާލު އުފައްދާފައެވެ. އަދި ހަޤީޤީ ޢަދަދުތައް ސިއްރުކުރުމުގެ ސަބަބުން އުތުރު ކޮރެޔާގެ ފަޤީރުކަން އިތުރުވެގެންދާނެކަމަށް މާހިރުން ޤަބޫލުކުރެއެވެ.

ސެންޓްރަލް އޭޝިޔާ

ސެންޓްރަލް އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރުކޮށްފައިވާކަމަށް ބުނެފައިނުވަނީ ތަޖިކިސްތާނާއި ތުރުކަމަނިސްތާނުންނެވެ. އެދެޤައުމަކީވެސް ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާ ދަރަޖައަކަށް އޮތް ދެޤައުމެވެ. ދެޤައުމުންވެސް ކޯވިޑް-19އާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކުގެ ތެދުކަމާމެދު ސުވާލު އުފެދެނީ އެހެންވެއެވެ. ދެޤައުމުގެ ސަރުކާރުންވެސް ބުނަނީ ބަލިމަޑުކަމުގެ ބިރުވެރިކަމެއް އެޤައުމުތަކުގައި ނެތްކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅަ ލީގުތައް މިއަހަރު އިތުރަށް ކުރިއަށް ނުގެންދަން ނިންމިނަމަވެސް ތަޖިކިސްތާނުގެ ފުޓުބޯޅަ ލީގު ކުރިއަށް ގެންދިއުމަށް އެޤައުމުންވަނީ ނިންމާފައެވެ.

ތުރުކަމަނިސްތާނުގެ ސަރުކާރުންދަނީ ކޯވިޑް-19އާ ގުޅޭގޮތުން ވާހަކަދައްކާ މީހުންވެސް ހައްޔަރުކުރަމުންނެވެ. އެޤައުމުގައި ބޭރުތެރެއަށް މާސްކު ނާޅާ ނުކުތުމަކީ ޤާނޫނީ ކުށެއްކަމަށްވަނީ ނިންމާފައެވެ. ޢާންމުންނަށް ޞިއްޙީ މަޢުލޫމާތުދޭ ލިޔެކިޔުންތަކާއި ހަސްފަތާލުތަކާއި މަދަރުސާތަކާއި އިދާރާތަކުގައިހުރި ލިޔުންތަކުން ކޯވިޑް-19ގެ ވާހަކަތައް ފޮހެލުމަށް ސަރުކާރުންދަނީ މަޖުބޫރުކުރަމުންނެވެ. ތުރުކަމަނިސްތާނަށް ކޯވިޑް-19ގެ އަސަރުކޮށްފައިނުވާކަމަށް ކިތަންމެ ވަރަކަށް ބުނިނަމަވެސް އެޤައުމުގައި ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އަޅާފައިވާކަން ޔަޤީންވެއެވެ. އެގޮތުން ހައިވޭތަކުގައި ޗެކުޕޮއިންޓު ހަދާ، ޢާންމު ދަތުރުފަތުރު ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ހޫނުމިންދަނީ ބަލަމުންނެވެ. މާރިޗު މަހުގެ ތެރޭގައި ކަރަންޓީނުކުރި ދެމީހަކަށް ބަލިމަޑުކަން ޖެހިފައިވާކަމަށް ޤަބޫލުކުރެވުނުނަމަވެސް ތަޖިކިސްތާނުގެ ސަރުކާރުންދަނީ އެކަމަށް އިންކާރުކުރަމުންނެވެ.