ޚަބަރު

ވެއްޓިފައި އޮއްވާ ފެނުނު ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި


މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ސެނަހިޔާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ސެނަހިޔާއަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ. އަދި އޭނާ މޭގައި ރިއްސާތީ އުޅުނުކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

އެ މީހާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ މިރޭ 20:31ހާއިރު މަގުމަތި ޕެޓްރޯލްކުރަމުން ދިޔަ ފުލުސް އޮފިސަރުންތަކަކަށެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުނީ އަސަރީ ގޯޅިއާއި މަޖީދީމަގު ގުޅޭ ކަންމަތިން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހާއަކީ 50 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންނެވެ.