ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި އެކަކު އެއްބާރުލުން ނުދޭ


މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އެކަކު އޭނާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް އެއްބާރުލުން ދެމުން ނުދާކަމަށް ނޭޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ގިނަ ކޭސްތަކުގައި ކޮންޓްރެކްޓް ޓްރޭސްކުރުމުގެ ބޮޑު ބައެއް ނިމިފައިވާކަމަށެވެ. ޚާއްޞަކޮށް މާލެއިން އެންމެ ފުރަތަމަ ފެނުނު ކޭސްގެ ކޮންޓެކްޓް ޓްރޭސިންގ ނިމުމަކާއި ހަމައަށް އައިސްފައިވާކަމަށާއި، ނަމަވެސް އެއްވެސް ކޭސްއެއް އެއްކޮށް ނިންމުމަކީ އުނދަގޫކަމެއް ކަމަށެވެ.

މި ޕްރެސްކޮންފަރެންސްގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފުރިހަމަ މައުލޫމާތު ނުދޭ މީހާގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި މިރޭގެ ޕްރެސްއާއި ހަމައަށް އޭނާ މައުލޫމާތު ނުދީފިނަމަ، އޭނާގެ ޒާތީ މައުލޫމާތު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން މިރޭގެ ޕްރެސްގެ ކުރިން ހާމަކުރައްވާނެކަމަށެވެ.

މިހާރު ފެންނަމުންދާ ކޭސްތަކަކީ ކޮންޓެކްޓް ޓްރޭސްކުރުމުގެ ތެރެއިން ފެންނަމުންދާ ކޭސްތަކެއްކަމަށާއި، ގިނަ ބަޔަކު ފްލޫ ކުލިނިކަށްވެސް ދައްކަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.