ޚަބަރު

ކޯވިޑް-19 : މާލެއިން ޕޮޒިޓިވް މީހުންގެ ޢަދަދު މިއަދު އެކަނިވެސް 16އަށް އަރައިފި


މާލެއިން ކޯވިޑް-19އަޑް ޕޮޒިޓިވް މީހުންގެ ޢަދަދު މިއަދު އެކަނިވެސް 16އަށް އަރައިފިއެވެ. އޭގެތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެނެވެ. އެއީ ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ 2 މީހެކެވެ.

މިއަދުގެ ފުރަތަމަ ކޭސް ފާހަގަކުރެވިފައިވަނީ ކޭސް 36ގެ ގޮތުގައެވެ. އެއީ ޢުމުރުން 27އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އެމީހާއަކީ ކޯވިޑް-19އާ ގުޅިގެން މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ހުޅުމާލޭ އަމީން ހިޔާއަށް ބިދޭސީން ބަދަލުކުރިއިރު، ބަދަލުކޮށްފައިވާ މީހެކެވެ.

މީގެ އިތުރުން މިއަދުވަނީ އިތުރު 13 މީހަކު ޕޮޒިޓިވްވެފައެވެ. މި ކޭސްތައް ބެލެވިފައިވަނީ ކޭސް 37 އިން ފެށިގެން ކޭސް 49 އަކާ ހަމައަށެވެ. މިއެންމެންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުންނެވެ.

މި 13 މީހުންނަކީ ކޭސް 27ގެ ގޮތުގައި މާލެއިން ރެކޯޑްކުރެވިފައިވާ މީހާއާ ގުޅުމެއް އޮތް ބަޔެއްކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ. ކޭސް 27އަކީ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 7ވަނަ މީހާއެވެ. އޭނާއަކީ މިބައްޔަށް ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ދިމާވިކަން މިހާތަނަށް ހޯދިފައި ނުވާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝްގެ 13 މީހުންނަކީ ލިލީ ކުންފުނީގައި މަސައްކަތްކުރާ ބައެކެވެ. އަދި މި13 މީހުންނަކީ އެއް އެކޮމަޑޭޝަނެއްގައި ދިރިއުޅޭ ބައެކެވެ. އެ އެކޮމަޑޭޝަން ބްލޮކްވަނީ މިހާރު މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.

މީގެ އިތުރުން މިއަދު މާލެއިން ވަނީ އިތުރު 2 ކޭހެއްވެސް ފެނިފައެވެ. އެއީ ކޭސް 50އާއި 51ގެ ގޮތުގައި މިހާރު ރެކޯޑު ކުރެވިފައިވާ ދެކޭހެވެ. މިދެކޭސްގައި ހިމެނޭ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތްކުރާ އިންޑިއާގެ 2 މީހުންނެވެ. މިމީހުން ޕޮޒިޓިވް ވުމާއެކު މޮނީޓަރިންގެ ޙާލަތަށް ގެންދަންޖެހޭ ތަންތަން މޮނީޓަރިންއަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރުދަނީ ކުރަމުންނެވެ.

މީގެ އިތުރުން އުލިގަމުގައި ހުރި މީހަކާމެދު ޝައްކުކުރެވިގެން އެމީހާގެ ފުރަތަމަ ސްކްރީނިން ޓެސްޓު ނުވަތަ ކޮރޯނާ ވައިރަސްގެ އެއްވެސް ބާވަތެއްގެ ޢަލާމާތެއް އޭނާގެ ކިބައިގައި ހުރިތޯ ބަލަން ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވްވެފައެެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި ހުރީ ކޯވިޑް-19ތޯ ބެލުމަށް ހެދި ޓެސްޓުގެ ނަތީޖާ އަދި ނުލިބެއެވެ.

މިކަމާ ގުޅިގެން ޖުމުލަ 18 ތަނެއް ވަނީ މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ. މީގައި ހިމެނެނީ ތުރާކުނު، ވައިކަރަދޫ، އިހަވަންދޫ، އުލިގަމް، ތަކަންދޫ، ހިރިމަރަދޫ، ހޯރަފުށި އަދި ގާކޮށި 03/6 ، ގ.ކޯޝާކް، އަމީން ސްޓާފް ބްލޮކް، އަދި ޝީޝާ ޝޯރޫމްކައިރީގައި ހުންނަ ސެލޫނެއް، މއ.ކްލައިމެޓް 3ވަނަ ބުރީގެ އެޕާޓްމަންޓް 1 ، ގ.އާނޫރާނީގޭ 4ވަނަ ބުރީގެ އެޕާޓްމަންޓު 4 ބީ، ޔޯޓޭސްޓް، ލަގްޒަރީ ފިހާރަ، ނޯތް ހާބަރު ކުރިމަތީ ބާޒާރުމަތީގައި ހުންނަ ހުރިހާ ފިހާރައެއް، ނޫފަރު އެކްސްޕްރެސް (ބޯޓް)، އަދި ލަގްޒަރީ ކުރިމަތީގައި ހުންނަ ފަތަހަ ފިހާރައެވެ.