 
					
									 
					
									
			ކޯވިޑް-19އަށް ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މީހަކު ޕޮޒިޓިވްވެފައިވަނީ މާޗް މަހުގެ 7ވަނަ ދުވަހުއެވެ. އޭގެ 40 ދުވަސްފަހުން މާލެ ތެރެއިން މިނުރައްކާތެރި ބަލީގެ ކޭހެއް ފެނި މުޅި ޤައުމު މިވަނީ ނުރައްކާތެރި ޙާލަތެއްގައެވެ. ބަލިޖެހޭ މީހުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ އެމީހުންނާ ސީދާ ދިމާވި މީހުންގެ ޢަދަދުވެސް ދަނީ ހައްތަހާ އިތުރުވަމުންނެވެ. 
މާލެއިން ކޯވިޑް-19ފެނި ބަލީގެ ނުރައްކާ މުޅިރާއްޖެއަށް މިވަނީ ކުރިމަތިވެފައެވެ. މިބައްޔާ ދެކޮޅަށް ކުރާ މަސައްކަތާއެކު ބަލިން އަރައިގަނެވި މުޖުތަމައުގެ ނުރައްކާތެރިކަން ކުޑަކުރެވޭނީ މިދަޑިވަޅުގައި އަޅާފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުވެގެންނެވެ. ޢާއްމު ރައްޔިތުން އެމީހުންގެ ޢަމަލުތައް ބަހައްޓާ ގޮތަކުންނެވެ. ބަލިޖެހުނު މީހުންނާ ސީދާ ދިމާވި މީހުންނަކީ ކޮބައިކަން އެގި އެމީހުންނަށް އަވަސްފަރުވާދިނުމަކީ މިވަގުތު ޞިއްޙީ ދާއިރާގެ އެންމެ އިސް މަސައްކަތެވެ. މިކަމުގައިވެސް ބަލިޖެހޭ މީހުންނާއި އެމީހުންގެ މަޢުލޫމާތު އެނގޭ މީހުންގެ އެހީތެރިކަމާއި ދައުރު ބޮޑެވެ. 
މިބައްޔަކީ މިހަތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. ބަލީގައި އޮތްހާވެސް ފަރުވާއަކީ ގޭގައިތިބުމެވެ. މާލެއިން ބަލިފެނި މުޖުތަމައުގައި ބިރުވެރިކަމާއި ހާސްކަން އިންތިހާއަށް އޮތް މިދަނޑިވަޅުގައި ބަލި ޖެހެހިގެން އެޗްޕީއޭއިން އެކަން ހާމަކުރީމަ، މުހިންމީ އެމީހަކީ ކާތުތޯ ނުވަތަ ކަރަންޓީން ކުރެވެނީ ކާކުތޯ އޮޅުންފިލުވުމެއް ނޫނެވެ. 
އެމީހަކީ ވަކި ޢާއިލާއަކަށް ވަކި އޮފީހަކަށް ނިސްބަވާ މީހަކަށްވުމަކުން އެއްވެސް ތަފާތެއް ނެތެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންނަކީ ކޮންބައެއްތޯ ހޯދުމަށްވުރެ އެމީހުންނަށް ހެޔޮދުޢާކުރުން މާ މުހިންމެވެ. 
މިނުރައްކާތެރި ބައްޔަކީ ތިމާއަށާއި، ތިމާގެ އާއިލާއަށް އަދި އެކުވެރިންނަށްވެސް ނުރައްކާތެރިކަން އޮތް ބައްޔެކެވެ. ދިވެހިންނަކީ ޢާއިލީ ގުޅުމާއި އެއްބައިވަންތަކަމާއި، އަޚުވަންތަކަށް ވަރަށްބޮޑަށް އިސްކުރާ ބައެކެވެ. ބަލި މަޑުކަމާއި، ތަދުމަޑުކަމާއި، ބޮޑެތި ހާދިސާތަކުން އަރައިގަތުމަށް މިހާތަނަށްވެސް އަޅުގަނޑުމެން އިސްކޮސްފައިވަނީ އެއްބައިވަންތަކަމާއެކު ކުރާ މަސައްކަތާއި ދުޢާކުރުމެވެ. 
މިހާލަތުގައި ރާއްޖޭގެ ރައްޔިތުން އެންމެ އިސްކަމެއްދޭންވީ ބަލިޖެހޭ މީހާއަށާއި، މިހާލަތުގައިތިބި އެންމެހާ ބޭފުޅުންނަށް ހެޔޮދުޢާކުރުމެވެ. އަވަސްޝިފާއަކަށް އެދި ﷲގެ ހަޒުރަތުގައި ދުޢާކުރުމެވެ. މިނާޒުކު ހިތްދަތި ދަނޑިވަޅުގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ ކޮންމެމީހަކީ ދިވެހިން ކޮންމެ ރައްޔިތެއްގެ އެއްބަޑުއެއްބަފާ މީހެއްކަމުގައި ދެކެންޖެހެއެވެ. އެއީތިމާގެ އާއިލާގެ މެމްބަރެއްކަމުގައި ދެކި އެމީހުނަށް އިޙްސާންތެރިވާންޖެހެއެވެ. 
އޮޅުވާލުމާއި ދޮގު ޙަބަރުފެތުރުމަކީ އެއްވެސް ކޮށްގެންވާނެކަމެއްނޫނެވެ. ޚާއްސަކޮށް ބަލީގައި ވޭން ތަޙައްމަލުކުރާ މީހުންނާއި އެމީހުންނަށްދެވޭ ފަރުވާއާ ގުޅޭގޮތުން ޢާއްމުކުރާ ސައްޙަނޫން މަޢުލޫމާތުތަކުގެ ސަބަބުން އެކަމުގެ ހިތްދަތިކަމާއި މާޔޫސްކަން އެންމެބޮޑަށް ކުރިމަތިވާނީ އެމީހުންގެ އާއިލާތަކަށެވެ.  
މިޙާރު މިއޮތް ޙާލަތަކީ ރާއްޖޭގެ މުޖުތަމަޢުގެތެރެއިން ބަލި ފެނި ބަލި ފެތުރުމުގެ ފުރުސަތު އެންމެބޮޑަށް އޮތް ދަނޑިވަޅެވެ. ކޮންމެ މީހަކަށްވެސް އެންމެ އިސްކަންދޭންވީ ސާފުތާހިރުކަމަށް ލޯބިކޮށް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމެވެ.