ޚަބަރު

ކޮވިޑް-19 : ޗައިނާއިން ބޭނުންކުރި އެޕްލިކޭޝަންގެ ނަތީޖާ ރަނގަޅު


ކޮވިޑް-19 ފެތުރެން ފެށި ޗައިނާގައި ވައިރަސް ކޮންޓްރޯލްކުރުމަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިތަން ފެނިގެން ދިޔައެވެ. މުޅި ޤައުމު ބަންދުކޮށް ކުރި މަސެއްކަތުގެ ނަތީޖާއަކަށްވީ މިވައިރަސް ފެތުރުނު ބާރުމިން މަޑުކޮށްލާ، ކޮންޓްރޯލްކުރުމެވެ. ވައިރަސް ކޮންްޓްރޯލްކުރުމުގައި ޗައިނާއަށް އެހީތެރިވެދިން އެއް ވަޞީލަތަކީ ކިއު އާރު ކޯޑް ސިސްޓަމް ނުވަތަ އެޕްލިކޭޝަނެކެވެ.

ވައިރަސް ކޮންޓްރޯލްކުރުމުގައި އަދިވެސް ޗައިނާއިން މި އެޕްލިކޭޝަން ސިސްޓަމް ދަނީ ބޭނުންކުރަމުންނެވެ. ކިއު އާރު އެޕްލިކޭޝަނަކީ ކޮންޓްރެކްޓް ޓްރޭސިން އަދި ބަލި ފެތުރުން ކޮންޓްރޯލްކުރުމުގައިވެސް ޗައިނާއިން ބޭނުންކުރި އެންމެ މުހިންމު އެއް ޓެކްނޮލޮޖީއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ މީހެއްގެވެސް އެކި އެކި މައުލޫމާތު އެއްކުރެއެވެ. މިގޮތުން އެމީހެއްގެ ނަމާއި، އައިޑީ ނަންބަރު އަދި ފޯނު ނަންބަރުގެ އިތުރުން، އެންމެ ފަހުން ދަތުރުކޮށްފައިވާ ތަންތަނާއި، ކޮވިޑް-19 ޖެހިފައިވާ މީހަކާއި ދިމާވެފައިވޭތޯ އަހައެވެ. އަދި ކޮވިޑްގެ އެއްވެސް އަލާމާތެއް މީހާގެ ކިބައިން ފެނޭތޯވެސް ސުވާލުކުރެއެވެ. މިސުވާލުތަކުގެ ޖަވާބު ކަމާބެހޭ ފަރާތްތަކުން ވެރިފައިކުރެއެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ހޯދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފެހި، ރީނދޫ ނުވަތަ ރަތް ކުލައިގެ ކޯޑެއް ކޮންމެ މީހަކަށްވެސް ދޭނެއެވެ.

ފެހިކުލައަކީ ބަލީގެ އަލާމާތެއް، ނުވަތަ ބިރުވެރިކަމެއް ނެތް މީހެކެވެ. އޭނާއަށް ގެއިން ބޭރަށްގޮސް، އާންމު ދަތުރުފަތުރާއި، ފިހަރަތަކާއި އެހެނިހެން ތަންތަނުގެ ހިދުމަތް އެއްވެސް ދައްޗެއް ނެތި ހޯދޭނެއެވެ.

ރީނދޫ ކިއުއާރު ކޯޑު ލިބޭ މީހާ ހަތް ދުވަހަށް ކަރަންޓީންވެ އެކަހެރިވާން ޖެހެއެވެ. އަދި ރަތް ކުލަ ލިބޭ މީހާ ސަރުކާރުން އަންގަ ތަނެއްގައި ނޫނީ އަމިއްލަ ގޭގައި 14 ދުވަހު އެކަހެރިވެ، ކަރަންޓީނު ވާނެޖެހެއެވެ.

މިކިއުއާރު ސިސްޓަމްގެ އެހެން ފައިދާއެއްވެސް ލިބެއެވެ. އެއީ މީހަކު ޕޮޒިޓިވްވާ ހިސާބުން އޭނާއާ ދިމާވި އިތުރު މީހުން ހޯދުމަށް ފަސޭހަ ކޮށްދިނުމެވެ. މީގެ ސަބަބުން ބަލި ޖެހިފައިވާ މީހަކަށް އިތުރު ބަޔަކަށް ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެހީތެރިވެދެއެވެ.

ކޮވިޑް-19 ފެތުރެން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ ޗައިނާޢިން މި ސިސްޓަމް ބޭނުންކުރަން ފަށައިފިއެވެ. އަދި މުސްތަޤްބަލުގައިވެސް ދުވަސްތަކެއް ވަންދެން މި ކިއުއާރު ކޯޑު ސިސްޓަމް ޗައިނާގެ ރައްޔިތުން ބޭނުންކުރަންޖެހޭނެއެވެ.

މިކިއުއާރު ކޯޑު ބޭނުންކުރުން ކަމާބެހޭ ފަރާތްތަކުން ލާޒިމް ނުކުރިކަމުގައިވިޔަސް ގިނަ ސިޓީތަކުގައި މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތައް ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ.

ޗައިނާއިން ބޭނުންކުރާ އެޕްލިކޭޝަންގެ ނަތީޖާ ރަނގަޅެވެ. އެގޮތުން ބިލިއަނަކަށްވުރެ ގިނަ މީހުން އުޅޭ ޗައިނާ ފުރަބަންދަށް ދިޔަތާ 3 މަސްތެރޭގައި، ވައިރަސް ފެތުރުން ކޮންޓްރޯލްވެ، ގިނަ ސަރަހައްދުތަކެއް އާންމު ހާލަތަކަށް ވަނީ ގެނެވިފައެވެ.

ޗައިނާއިން މިސާލު ނަގައިގެން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ ޓެކްނޮލޮޖީތައް ދަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ބޭނުްކުރަމުްނެވެ. ރަޝިއާއިންވެސް ދަނީ ޗައިނާއިން ބޭނުންކުރާފަދަ ކިއުއާރުކޯޑު ސިސްޓަމެއް ބޭނުންކުރަމުންނެވެ. އަދި ސިންގަޕޫރުގައި މިދިޔަމަހު ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ހާއްސަ ސްމާޓްފޯނު އެޕެއް ތައަރަފްކޮށްފައެވެ. ޖަޕަނުންވެސް ދަނީ މިފަދަ އެޕެއް ތައާރަފްކުރުމަށް ވިސްނަމުންނެވެ.

ކޯވިޑް19 ކޮންޓްރޯލްކުރުމުގައި ހުޅަނގުގެ ޤައުމުތައް ދަތިތަކާ ކުރިމަތިލަމުންދާއިރު، އޭޝިޔާގެ ގިނަ ޤައުމުތަކުގައި، ޚާއްސަ ގޮތެއްގައި އިރުމަތީ އޭޝިޔާގެ ގިނަ ޤައުމުތަކުން ދަނީ ބަލި ކޮންޓްރޯލްކުރުމުގައި ކާމިޔާބީތަކެއް ހާޞިލްކުރަމުންދާކަމަށް ތަޖުރިބާކާރުން ބުނެއެވެ.