ވިޔަފާރި

ޝިޕިންލައިންތަކުގެ 1.6 މިލިއަން ފަޅުވެރިން ތާށިވެފައި!


ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިޤްތިސާދީ ހަރަކާތްތައް މަޑުޖެހި، ފެކްޓްރީތަކާއި ބަދަނރުތައް ވަނީ ބަންދުކޮށްފައެވެ. ދުނިޔޭގެ އިޤްތިސާދަށް އަންނަމުންދާ ހީނަރުކަމުގެ ތެރެއިން ބޮޑެތި ކޮންޓެއިނަރ ޝިޕިން ލައިންތަކަށް ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ޤައުމުތައް ފުރަބަންދަށް ދިއުމުން ބައެއް ބޯޓުތައް ވަނީ ޤައުމުތަކުގެ ބަދަނރުތަކުގައި ތާށިވެފައެވެ. މުދާ އުފުލާ، ކްލިއަރކުރުމަށް އައި ހުރަސްތަކުގެ އިތުރުން ބޯޓުދަތުރުކުރާ އެތައް ހާސް ފަޅުވެރިންނެއް ވަނީ ތާށިވެފައެވެ. ބައެއް ބޯޓުފަހަރުގެ ފަޅުވެރިން ތިބީ ބޯޓުތަކުގައި ތާށިވެފައެވެ. ދެން ތިބި މީހުން ތިބީ ފައިބާފައިވާ މަންޒިލްގެ ކޮންމެވެސް ހޮޓަލެއްގައި އަމިއްލަ ބޯޓަަށް ނޭރި ތާށިވެފައެވެ. އަމިއްލަ ޤައުމުތަކުގެ ބަނދަރުތަކާއި، އެއަރޕޯޓުތައް ބަންދުވެފައިވުމުން މިފަރާތްތަކަށް އަނބުރާ ދެވޭނެ ގޮތެއްވެސް ނެތެެވެ.

ޚަބަރުތައް ބުނާގޮތުން 50000 ޓޭންކަރާއި ކާގޯ ބޯޓުފަހަރުގެ 1.6 މިލިއަން ބޯޓުދަތުރުކުރާ މީހުން އެބަތިއްބެވެ. މުސާރައާއި އުޖޫރަ ނުލިބި ވައިގެ ދަތުރުފަތުރުތައް ހުއްޓާލާފައިވާތީ އަމިއްލަ ޤައުމަށް ނުދެވި ތިބި މީހުންވެސް އެބަ ތިއްބެވެ.

އެންމެ ދެރަކަމަކީ މުދާ އުފުލާ ބައެއް ބޮޑު ބޯޓުފަހަރަކީ ކޮންޓްރެކްޓަށް ފަޅުވެރިން ގެންގުޅޭ ބޯޓުތަކަށްވާތީ ފުރަބަންދުގެ ސަބަބުން ގިން ދުވަސްވެ، ވަޒީފާ ގެއްލި އާމްދަނީ ނުލިބޭ މީހުން ގިނަވުމެވެ.

އަނެކޮޅުން ދިގުމުއްދަތަށް ދަތުރުކުރާ ބޯޓުތަކުގައި އުޅޭ ބައެއް މީހުން އަމިއްލަ ޤައުމާއި އާއިލާއާއި ދުރުގަ އުޅޭތާ އެތައް ދުވަހެއްވަނީ ވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިޤްތިސާދުތައް މަޑުޖެހި، ބަނަދުރަށް ބަންދުކުރުމާއި ގުޅިގެން ސްޕްލައި އަދި ޑިމާންޑަށް މިވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. މިހާތަނަށް މިއަހަރު އެކނަިވެސް 384 މުދާ އުފުލާ ޝިޕިން ލައިނެއްގެ ދަތުރުތައް ވަނީ ކެންސަލް ކޮށްފައެވެ. އަދި މިއަހަރު ތެރޭގައި ޝިޕިންލައިން ވިޔަފާރި 10 އިންސައްތަ ދަށަށް ދާނެކަމުގެ ބިރުވެސް ވަނީ ހީވެފައެވެ.

ޗައިނާގެ ޕޯޓުތައް ކޮވިޑް-19 ފެތުރެން ފެށުނު އިރު ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވިޔަސް، ގިނަ ޤައުމުތަކެއްގެ ބަނދަރުތައް އަދިވެސް ހުރީ އޮޕަރޭޓް ކުރެވޭނެ ހާލަތެއްގައެއް ނޫނެވެ. މިކަމުގެ ސަބަބުން ޝިޕިންލައިންތަކަށް މިދިޔަ 8 އަހަރު ލިބުނު ފައިދާ ގެއްލިގެން ދާނެކަމަށް ޝިޕިން އިންޑަސްޓްރީގެ މާހިރުން ބުނެއެވެ.